ފިލަޑެލްފިއާ ސެވަންޓީ ސިކްސާސްއިން ލޮސް އެންޖަލިސް ލޭކާސް ބަލިކޮށްފި

ޖޮއެލް އެމްބިޑްވަނީ ލޭކާސް އާއި ދެކޮޅަށް ޓްރިޕްލް ޑަބަލް އެއް ހަދައިފަ / ފޮޓޯ: ނިއުސްޑޭ

އެންބީއޭ ބާސްކެޓް ބޯޅަ މުބާރާތުގައި ފިލަޑެލްފިއާ ސެވަންޓީ ސިކްސާސް އާއި ލޮސް އެންޖަލިސް ލޭކާސް ބައްދަލުކުރި މެޗު ސެވަންޓީ ސިކްސާސް ކާމިޔާބު ކޮށްފިއެވެ.

ފިލަޑެލްފިއާގެ ވެލްސް ފާގޯ ސެންޓާގައި ކުޅުނު މި މެޗު ސިކްސާސް ކާމިޔާބުކޮށްފައިވަނީ 138 ޕޮއިންޓް 94 ޕޮއިންޓުންނެވެ. ދެ ޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނުނު މި މެޗު ފެށުނީއްސުރެ ނިމެންދެން ލީޑު ކޮށްފައިވަނީ ސިކްސާސްއެވެ.

ސިސްސާސްއިން ވަނީ ހަތަރު ވަނަ ކްއާޓާ އެކަނިވެސް 26 ޕޮއިންޓްގެ ލީޑެއް ނަގާފައެވެ. މިމެޗުގައި ސިކްސާސްގެ ޖޮއެލް އެމްބިޑްވަނީ 30 ޕޮއިންޓް ހޯދައިދީ 11 ރީބައުންޑް ނަގައިދީ 11 އެސިސްޓް ކޮށް ޓްރިޕްލް ޑަބަލްއެއް ހަދާފައެވެ. އަދި ލޭކާސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 17 ޕޮއިންޓް ހޯދައިދީ 11 ރީބައުންޑް ނަގައިދީ 2 އެސިސްޓް ދިން އެންތަނީ ޑޭވިސްއެވެ.

މިމުބާރާތުގައި އެންމެ ފަހުގެ ޗެމްޕިއަން ޑެންވާ ނަގެޓްސް އާއި ލޮސް އެންޖަލިސް ކްލިޕާސް ބައްދަލުކުރި މެޗު 113 ޕޮއިންޓް 104 ޕޮއިންޓުން ކާމިޔާބު ކުރީ ނަގެޓްސްއެވެ. މިމެޗުގައި ނަގެޓްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 35 ޕޮއިންޓް ހޯދައިދީ ފަސް ރީބައުންޑް ނަގައިދީ 13 އެސިސްޓް ދިން ރެޖީ ޖެކްސަންއެވެ. އަދި ކްލިޕާސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 31 ޕޮއިންޓް ހޯދައިދީ އަށް ރީބައުންޑް ނަގައިދީ ތިން އެސިސްޓް ދިން ކައުހީ ލިއޮނާޑްއެވެ.

މީގެ އިތުރުން ޔޫޓާ ޖޭޒް އާއި ނިއުއޯލިއަންސް ޕެލިކަންސް ބައްދަލުކުރި މެޗު 114 ޕޮއިންޓް 112 ޕޮއިންޓުން ކާމިޔާބު ކުރީ ޖޭޒްއެވެ. މިމެޗުގައި ޖޭޒްގެ ޖޯޑަން ކްލާކްސަން ވަނީ 16 ޕޮއިންޓް ހޯދައިދީ ހަތަރު ރީބައުންޑް ނަގައިދީ 10 ރީބައުންޑް ނަގައިދީފައެވެ. އަދި ޕެލިކަންސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 26 ޕޮއިންޓް ހޯދައިދީ ހަތަރު ރީބައުންޑް ނަގައިދީ ހަތް ރީބައުންޑް ނަގައިދިން ޒިއޮން ވިލިއަމްސަންއެވެ.

މި މުބާރާތުގައި ކުޅުނު އެހެން މެޗުތަކަށް ބަލާލާއިރު ވޮޝިންޓަން ވިޒަޑްސް އާއި ޑެޓްރޮއިޓް ޕިސްޓަންސް ބައްދަލުކުރި މެޗު 126 ޕޮއިންޓް 107 ޕޮއިންޓުން ވިޒަޑްސް ކާމިޔާބު ކުރިއިރު ޕޯޓްލަންޑް ޓްރެއިލް ބްލޭޒާޒް އާއި އިންޑިއާނާ ޕޭސާސް ބައްދަލުކުރި މެޗު 114 ޕޮއިންޓް 110 ޕޮއިންޓުން ކާމިޔާބުކުރީ ޓްރެއިން ބްލޭޒާޒްއެވެ.

comment ކޮމެންޓް