ޕްރިމިއާ ލީގު ޓީމަކުން ރަމްސްޑޭލްއަށް ހުށަހެޅި ބިޑު އާސެނަލުން ގަބޫލެއް ނުކުރި!

އާސެނަލްގެ އިނގިރޭސި ގޯލްކީޕަރު އާރޮން ރަމްސްޑޭލް -- ފޮޓޯ/ ގެޓީ

އިނގިރޭސި ޕްރިމިއާ ލީގުގެ ޓީމަކުން އާސެނަލްގެ އިނގިރޭސި ގޯލްކީޕަރު އާރޮން ރަމްސްޑޭލްއަށް ހުށަހެޅި ބިޑު، އާސެނަލުން ގަބޫލުނުކޮށް ދޫކޮށްލާފައިވާ ކަމަށް ރިޕޯޓުކޮށްފިއެވެ.

ރިޕޯޓުތައް ބުނާގޮތުގައި ރަމްސްޑޭލް ގެންދިއުމަށް ބިޑުކޮށްފައިވަނީ ޕްރިމިއާ ލީގު ތާވަލުގެ ދަށުގައި އޮތް ޓީމެކެވެ. އަދި އާސެނަލުން މިހާރު ރަމްސްޑޭލް ދޫކޮށްލަން ބޭނުންނުވާކަން އަންގާފައިވާ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ. ނަމަވެސް ރަމްސްޑޭލް ހޯދުމަށް ބިޑުކުރި ކްލަބެއް ރިޕޯޓުތަކުގައި ބުނެފައެއް ނުވެއެވެ.

ބްރެންޓްފޯޑްއިން ލޯނުގެ ދަށުން ސްޕެއިން ގޯލްކީޕަރު ޑޭވިޑް ރާޔާ ގެންދިއުމާ އެކު، މި ސީޒަނުގައި އާސެނަލްގެ ފުރަތަމަ 11 އިން ފުރުސަތު ހޯދުމަށް ރަމްސްޑޭލްއަށް ވަނީ އުނދަގޫތަކަކާ ކުރިމަތިލާން ޖެހިފައެވެ. ނަމަވެސް ދެ މަސް ދުވަހުގެ ތެރޭގައި ފުރަތަމަ ފަހަރަށް ރަމްސްޑޭލް ވަނީ މިދިޔަ ހޮނިހިރު ދުވަހު އާސެނަލްގެ ޖާޒީގައި ފެނިފައެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ބްރެންޓްފޯޑްއާ ދެކޮޅަށް ކުޅުނު މެޗުގައި ރަމްސްޑޭލް ފެނުނު އިރު، އެ މެޗުން އާސެނަލް މޮޅުވީ 1-0ގެ ނަތީޖާއަކުންނެވެ. އެ މެޗެ ނިމެނިކޮށް، އާސެނަލްގެ ގޯލު ކާމިޔާބުކޮށްދިނީ ޖަރުމަން ފޯވަޑް ކައި ހަވާޓްޒްއެވެ.

ރިޕޯޓުތައް ބުނާގޮތުގައި ވުލްވްސްއިން ވެސް ދަނީ އަންނަ ޖެނުއަރީ ޓްރާންސްފާގައި ލޯނުގެ ދަށުން ރަމްސްޑޭލް ގެންދިއުމަށް މަސައްކަތްތަކެއް ކުރަމުންނެވެ. އަދި އަންނަ އަހަރު ބާއްވާ ޔޫރޯގައި އިނގިރޭސި ޓީމުން ފުރުސަތު ހޯދުމުގެ ގޮތުން އޭނާ ވެސް އެ ކްލަބާ ގުޅުމަށް އެއްބަސްވާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

comment ކޮމެންޓް