އެންމެ ފުރަތަމަ ވެސް ފަހުމީ ފެއްޓެވީ، މީހުންނަށް އުނދަގޫވާގޮތަށް ހުރި ޓްރާންސްފޯމަރެއް ނެގުމުގެ މަސައްކަތް

ފަހުމީ މާވެޔޮ މިސްކިތް ކައިރީގައި ބަހައްޓާފައިވާ ޓްރާންސްފޯމަރު ބައްލަވާލެއްވުން -- ފޮޓޯ/ ސްޓެލްކޯ

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)ގެ މެނޭޖިން ޑިރެކްޓަރުކަމާ މިއަދު ހަވާލުވެ ވަޑައިގަތުމަށްފަހު ހުސައިން ފަހުމީ އެންމެ ފުރަތަމަ ވެސް ފެއްޓެވީ އެތައް ބަޔަކަށް އުނދަގޫވާ ގޮތަށް، މާވެޔޮ މިސްކިތް ކައިރީގައި ބަހައްޓާފައިހުރި ޓްރާންސްފޯމަރު ބަދަލުކުރުމުގެ މަސައްކަތެވެ.

އެގޮތުން މަގާމު ހަވާލުވެވަޑައިގަތުމަށް ފަހު އެންމެ ފުރަތަމަ ގަޑިއިރުގެ ތެރޭގައި ފަހުމީ ވަނީ، ޓްރާންސްފޯމަރު ހުންނަ ސަރަހައްދަށް ވަޑައިގެން އެތަން ބައްލަވައިލައްވާފައެވެ.

މަގުމައްޗަށް ވާގޮތަށް ހުންނަ އެ ޓްރާންސްފޯމަރަކީ، އެ ސަރަހައްދާއި އެމަގު ބޭނުން ކުރާ ރައްޔިތުންނަށް ވަރަށް ބޮޑު ތަކުލީފަކަށްވެފައިވާ ޓްރާންސްފޯމަރެކެވެ.

ފަހުމީ ވިދާޅުވީ، އެ ޓްރާންފޯމަރު ނެގުމުގެ އަމަލީ މަސައްކަތް ފައްޓަވައި، މި އަހަރު ނިމުމުގެ ކުރިން އެ މަސައްކަތް ނިންމަވާނެ ކަމަށެވެ. އަދި އޭނާ ވަނީ އެ ޓްރާންސްފޯމަރުގެ ސަބަބުން ވާ އުނދަގޫތަކަށް ރައްޔިތުންގެ ކިބައިން މައާފަށް އެދިފައެވެ.

"ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވުމަށްފަހު ދެއްވަމުންގެންދަވާ އެންމެ ބޮޑު އަހައްމިއްޔަތު ކަމަކީ ރައްޔިތުންނަށް ލުއި ފަސޭހަގޮތްތައް ހޯދައިދިނުން. މިއަދު މި ޓްރާންސްފޯމަރު މަގުމަތިން ނެގުމުގެ މަސައްކަތް ފަށާއިރު އިރާދަ ކުރެއްވިއްޔާ މިއަހަރު ނިމުމުގެ ކުރިން އެ ޓްރާންސްފޯމަރު މަގުމަތިން ނަގައި، އެ މަގު ބޭނުން ކުރާ ފަރާތްތަކަށް އެކަމުގެ ލުއި ފަސޭހަތައް ހޯދަވައިދެއްވާނެ ކަމުގެ ޔަގީންކަންދެން،" ފަހުމީ ވިދާޅުވިއެވެ.

މާވެޔޮ މިސްކިތް ސަރަހައްދުގައި ހުރި ޓްރާންސްފޯމަރު އެތަނުގައި ބަހައްޓާފައި ހުންނަތާ ހަ އަހަރެއްހާ ދުވަސް ވަނީ ވެފައެވެ. މިކަމުގެ އުނދަގޫ ބޮޑުވެ ވަރަށް ގިނަ ރައްޔިތުން ޝަކުވާ ވެސް ކުރެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް