އަންނަ އަހަރުގެ ޕީކް ސީޒަނަށް ތައްޔާރުވާން 13 އިންޖީނަކަށް އޯޑަރު ދީފި

ސްޓެލްކޯއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: އެމްޑީ ފަހުމީ ވިދާޅުވީ އަންނަ އަހަރުގެ ޕީކް ސީޒަނަށް ތައްޔާރުވުމަށް 13 އިންޖީނަކަށް އޯޑަރު ދީފައިވާ ކަމަށް -- ސަން ފޮޓޯ/ އަމަން ލަތީފް

އަންނަ އަހަރުގެ ޕީކް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން މިހާރު 13 އިންޖީނަކަށް އޯޑަރުކޮށްފައިވާނެ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ މިއަދު ވިދާޅުވެއްޖެއެވެ.

ސްޓެލްކޯއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުންފުނިން ވަނީ އަންން އަހަރުގެ ޕީކް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ކުރަމުންދާ މަސައްކަތްތައް ހިއްސާކޮށްފައެވެ.

އެގޮތުން ފަހުމީ ވިދާޅުވީ, މިހާރު 13 އިންޖީނެއް ޓެންޑާކޮށް އޯޑަރުކޮށްފައިވާ ކަމަށެވެ. އޭގެން ކޮންމެ އިންޖީނަކީ 2،000 ކިލޯވޯޓުގެ އިންޖީނުތަކެކެވެ. އޭނާ ވިދާޅުވީ އެ އިންޖީނުތައް ގެނެވި، ތައްޔާރީތަށް ވުމުން މާލެ ސަރަހައްދަށް ކަރަންޓު ފޯރުކޮށްދިނުމުގައި އެއްވެސް ކަހަލަ ޝޯޓޭޖެއް ނާންނާނެ ކަމަށެވެ.

ޕީކަކަށް މާލެއިން ކަރަންޓު ކެނޑޭނެ ފަދަ ކަމެއް ނުވާނެ. އަޅުގަނޑުމެން އިތުރަށް 13 އިންޖީނެއް އޯޑަރުކުރެވިފަ މިހާރު ވެސް ވަނީ. އެހެންވީމާ 13 އިންޖީނު ލިބި، މާލެއަށް ކަރަންޓު ލިބި، [ކަރަންޓު] ދެވޭނެ ކެޕޭސިޓީ އަޅުގަނޑުމެން އެސްޓެބްލިޝްކުރާނަން، ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ

ޕީކް ސީޒަން ނުވަތަ ހޫނު މޫސުމުގައި އާއްމުގޮތެއްގައި ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވާނެއެވެ. އެހެންކަމުން 24 ގަޑިއިރު މެދުނުކެނޑި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މި އަހަރުގެ ޕީކް ސީޒަނަށް މާލެ ސަރަހައްދުގެ ޕަވާ ސެކިއުރިޓީ އިތުރުކުރަން 1.6 މެގަވޮޓްގެ ހައި ސްޕީޑް ކޮންޓެއިނާ ޖަނަރޭޓަރުގެ ދެ ސެޓު ރާއްޖެ ގެނެސްފައިވެއެވެ.

ސްޓެލްކޯއިން މިހާރު ވަނީ އެ ކުންފުނީގެ ނެޓްވޯކް ވެސް ސްމާޓް ގްރިޑަކަށް ބަދަލުކޮށްފައެވެ. އަދިމ އަންނަ މަހު ސްމާޓް މީޓަރުތައް ގޭބީސީތަކުގައި ހަރުކުރަން ފަށައި، އެ ކުންފުނީގެ އަމާޒަކީ ތިން އަހަރު ތެރޭ ހަރުކޮށް ނިންމާލުން ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.

އެ ބަދަލާ އެކު ކަރަންޓު ބޭނުންކުރެވޭ މިންވަރު އާންމު ފަރާތްތަކަށް ވެސް ފަސޭހަކަމާ އެކު އެނގި، ކަރަންޓު ޚަރަދުކުޑަކުރުމަށް މަގުފަހިވާނެއެވެ.

comment ކޮމެންޓް