ސްޓެލްކޯގެ ނެޓްވޯކް ސްމާޓް ގްރިޑަކަށް ބަދަލުކޮށްފި؛ އަމާޒަކީ 3 އަހަރުން ސްމާޓް މީޓަރުތައް ހަރުކުރުން

ސްޓެލްކޯއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: އެމްޑީ ފަހުމީ ވިދާޅުވީ އެ ކުންފުނީގެ ނެޓްވޯކް ސްމާޓް ގްރިޑަކަށް ބަދަލުކޮށްފައިވާ ކަމަށް -- ސަން ފޮޓޯ/ އަމަން ލަތީފް

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)ގެ މުޅި ނެޓްވޯކް މިހާރު ސްމާޓް ގްރިޑަކަށް ބަދަލުކޮށްފައިވާ ކަމަށާއި އެ ކުންފުނީގެ އަމާޒަކީ ތިން އަހަރު ތެރޭ ސްމާޓް މީޓަރުތައް ހަރުކޮށް ނިންމާލުން ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ މިއަދު ވިދާޅުވެއްޖެއެވެ.

އެ ކުންފުނިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ފަހުމީ ވިދާޅުވީ، އެ ކުންފުނީގެ ދަށުން އެކި ތަންތަނުގައި ހިންގާ ޕަވާ ހައުސްތަކުގައި ހުރި އިންޖީނުތައް މިހާތަނަށް އޮޕަރޭޓުކުރަނީ އެސްކާޑާ ސިސްޓަމެއް މެދުވެރިކޮށް ކަމަށެވެ.

ނަމަވެސް, މިހާރު އެ ސިސްޓަމް ސްމާޓް ގްރިޑަކަށް ބަދަލުކޮށްފައިވާ ކަމަށް ފަހުމީ ވިދާޅުވިއެވެ.

ސްމާޓް ގްރިޑަށް ބަދަލުކުރުމުން، މިހާރު ހުރިހާ ޓްރާންސްފޯމަރުތަކެއް އޮފީހުގައި ތިބެގެން ވެސް ކޮންޓްރޯލްކޮށް ކަލްކިއުލޭޓް ކުރެވޭނެ ކަމަށް ފަހުމީ ވިދާޅުވިއެވެ. އެގޮތުން, އެ ކުންފުނިން ޚިދުމަތްދޭ ރަށްތަކުގެ އިންޖީނުތައް ވެސް ސްމާޓް ގްރިޑް މެދުވެރިކޮށް ކޮންޓްރޯލް ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކަރަންޓު ބިލު ބޮޑުވެ، އެކަމުގެ ޝަކުވާތައް ފާއިތުވި މަސްތަކުގައި ވަރަށް ބޮޑަށް އައިސްފައިވެއެވެ. އާންމު ރައްޔިތުން ވަނީ އެކަމުގެ ކަންބޮޑުވުންތައް ވަރަށް ބޮޑަށް ފާޅުކޮށްފައެވެ.

އެކަން ފާހަގަކުރައްވާ ފަހުމީ ވިދާޅުވީ، އެ ކުންފުނީގެ ނެޓްވޯކަށް ގެންނަ މި ބަދަލުތަކާ އެކު އެ ކަމަށް ވެސް ވަރަށް ބޮޑު ހައްލެއް އަންނާނެ ކަމަށެވެ. ސްމާޓް މީޓަރުތައް ހަރުކުރެވުމުން ގޭބީސީތަކުން ކަރަންޓު ބޭނުންކުރާ މިންވަރު މޮބައިލް ފޯނުތަކުން ބަލާލެވޭނެ ކަމަށް ފަހުމީ ވިދާޅުވިއެވެ.

އަމާޒަކީ 3 އަހަރު ތެރޭ ހުރިހާ ކަސްޓަމަރުން ސްމާޓް މީޓާ ބޭނުންކުރަށް ފެށުން. އަންނަ ހަފުތާގައި އެ މަސައްކަތް ފަށާނެ. އިރާދަކުރެއްވިއްޔާ އަންނަ މަހު އިންޓްރޮޑިއުސް ކުރާނަން ސްމާޓް މީޓަރު ސިސްޓަމް ވެސް، ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ

ފަހުމީ ވިދާޅުވީ، ސްމާޓް މީޓަރުތައް އެ ކުންފުނީގެ ކަސްޓަމަރުންގެ ގޭބީސީތަކުގައި އަޅުވައިދޭނީ މުޅިން ހިލޭ ކަމަށެވެ. އެފަދަ ޚިދުމަތެއް ފެށުމަށްޓަކައި އޭގެ އެންމެ ރަނގަޅު ގޮތުގައި އެކަން ފެއްޓޭނީ ކުންފުނީގެ އަމިއްލަ ޚަރަދުގައި އެކަން ކޮށްގެން ކަމަށް ފަހުމީ ފާހަގަކުރެއްވިއެވެ.

ސްޓެލްކޯއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: އެމްޑީ ފަހުމީ ވިދާޅުވީ އެ ކުންފުނީގެ ނެޓްވޯކް ސްމާޓް ގްރިޑަކަށް ބަދަލުކޮށްފައިވާ ކަމަށް -- ސަން ފޮޓޯ/ އަމަން ލަތީފް

ފަހުމީ ވިދާޅުވި ގޮތުގައި މިހާތަނަށް މި މަސައްކަތް ލަސްވެފައިވަނީ ސްމާޓު ގްރިޑު އިންސްޓޯލު ކުރުން ނިމެންދެން މަޑުކުރުމުގެ ސަބަބުން ކަމަށެވެ.

ޖުމްލަ ޓޯޓަލް ސޮލިއުޝަނެއް މި ލިބެނީ ސްމާޓް ގްރިޑާއެކު ސްމާޓު މީޓަރު ވެސް އައުމުން. ސްމާޓު ގްރިޑުގެ މަސައްކަތް ނިމުމުން އަޅުގަނޑުމެން ސްމާޓު މީޓަރުގެ މަސައްކަތް މި ފަށަނީ، ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ

ފަހުމީ ވިދާޅުވި ގޮތުގައި މިދިޔަ މަހާ އަޅާބަލާއިރު، މި މަހު 80 ޕަސެންޓު ކަސްޓަމަރުންގެ ކަރަންޓު ބިލު ކުޑައެވެ. މީގެ ކުރިން ވެސް ބިލުތައް ބޮޑުވެފައިވަނީ ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވުމުގެ ސަބަބުން ކަމަށް ފަހުމީ ވިދާޅުވިއެވެ.

އެއީ އެ ކުންފުނީގެ ބިލުކުރާ ސިސްޓަމްގެ އެއްވެސް މައްސަލައެއްގެ ސަބަބުން ދިމާވާ ކަމެއް ނޫންކަމުގެ ޔަގީންކަން ފަހުމީ ވަނީ އަރުވާފައެވެ.

ސްމާޓް މީޓަރުތައް ހަރުކުރެވުމާއެކު، ގެއެއްގައި އޭސީއެއް ނުވަތަ އެ ނޫން ވެސް އެއްޗެއް ޖައްސައިގެން ކަރަންޓު ބޭނުންކުރާ މިންވަރު ފޯނުން ބަލާލައިގެން ވެސް ޗެކުކުރެވޭނެ ކަމަށާއި އޭރުން އެފަދަ އެއްޗަކަށް ކަރަންޓު ކޮންސިއުމް ކުރާ މިންވަރު ދެނެގަނެވޭނެ ކަމަށް ފަހުމީ ވިދާޅުވިއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ކަރަންޓު ޚަރަދު ކުޑަކުރުމަށް ވެސް މަގުފަހިވާނެ ކަމަށް ފަހުމީ ވިދާޅުވިއެވެ.

ފާއިތުވީ މަސްތަކުގައި ގޭބީސީތަކުން ކަރަންޓު ބިލުތައް ބޮޑުވެ އާންމުން ވަނީ ސޯޝަލް މީޑިއާގައި ވެސް އެކަމުގެ ނުރުހުން ފާޅުކޮށްފައެވެ. އަދި އެކަމާ ގުޅިގެން ސްޓެލްކޯއަށް ވެސް ގިނަ ޝަކުވާތަކެއް އައިސްފައިވެއެވެ.

ނަމަވެސް، އެކަމުގައި ހޯދި ހޯދުންތަކުން ދައްކާގޮތުގައި ބިލުތަކުގައިވާ އަދަދުތަކަކީ ރަނގަޅު އަދަދުތަކެއް ކަމަށާއި ބިލު ކުރުމުގައި މައްސަލައެއް ހުރިކަން ފާހަގަވެފައި ނެތް ކަމަށް ޔޫޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ (ޔޫއާރުއޭ)އިން ވެސް ވަނީ ބުނެފައެވެ.

comment ކޮމެންޓް