އިންސްޓާގްރާމްގައި ފޮޓޯ ޑިލީޓްނުކޮށް، ފޮޓޯ ފޮރުވޭކަން އެނގޭތަ؟

އިންސްޓަގްރާމަކީ ޒުވާނުންގެ މެދުގައި ފޮޓޯ ޝެއާކުރުމާއި، ފޮޓޯ ސޭވް ކުރުންފަދަ ކަންކަމަށް ވަރަށް މަގުބޫލު ޕްލެޓްފޯމެއް -- ފޮޓޯ/ އޭޕީ

އިންސްޓަގްރާމަކީ ޒުވާނުންގެ މެދުގައި ފޮޓޯ ޝެއާކުރުމާއި، ފޮޓޯ ސޭވް ކުރުންފަދަ ކަންކަމަށް ވަރަށް މަގުބޫލު ޕްލެޓްފޯމެކެވެ. ދިވެހި ގިނަ ޒުވާނުންނާއި، ފުރާވަރުގެ ކުދިން ވެސް މި ޕްލެޓްފޯމަށް ވަނީ ދެވިހިފާފައެވެ.

އިންސްޓަގްރާމުން އާކައިވް ފީޗާއެއް ތައާރަފުކޮށްފައިވާއިރު، އެ ފީޗާ މެދުވެރިކޮށް އެ ޕްލެޓްފޯމުން ފޮޓޯއެއް ޑިލިޓްނުކޮށް އެހެން މީހުންނަށް އެ ފޮޓޯ ނުވަތަ ފޮޓޯތައް ފޮރުވޭނެއެވެ. މިއީ ވަރަށް ގިނަބަޔަކަށް ނޭނގި އޮތް ފީޗާއަކަށް ވެސް ވެދާނެއެވެ.

އާކައިވް ފީޗާއިން ފޮޓޯތައް ޕްރައިވެޓްކޮށް އެހެން މީހުންނަށް ނުފެންނަ ގޮތަށް ހައިޑް ކޮށްފައި ބެހެއްޓި ނަމަވެސް އެ ފޮޓޯތައް އެޕްލިކޭޝަންގެ ތެރޭގައި ޑިލިޓްނުކޮށް ރައްކާކޮށް ކޮށްފައި ކިތަންމެ ގިނަދުވަހަކުވެސް ބެހެއްޓިދާނެއެވެ. އާކައިވް ކޮށްފައިވާ ޕޯސްޓުތަކަށް ވަދެވޭނީ ހަމައެކަނި އެކައުންޓް ބޭނުންކުރާ މީހާއަށް އެކަންޏެވެ. އެހެން މީހުންނަށް އެފަދަ ފޮޓޯތަކެއް ނުފެންނާނެއެވެ.

އިންސްޓަގްރާމްގެ ފޮޓޯ ހައިޑް ފީޗާ ބޭނުންކުރެވޭނެ ގޮތް

އިންސްޓަގްރާމުން މިފަންކްޝަން މެދުވެރިކޮށް ފޮޓޯއެއް ފޮރުވަން ބޭނުންނަމަ ފޮރުވަން ބޭނުންވާ ފޮޓޯއަކަށް ޓެޕްކޮށް، ކަނާތް ފަރާތުގެ މަތީގައި ހުންނަ ތިން ޑޮޓް މެނޫ އިން "އާކައިވް" އޮޕްޝަން އިޚްތިޔާރުކޮށްގެން ފޮޓޯތައް އާކައިވް ކުރެވޭނެއެވެ. އެއަށްފަހު ޕްރޮފައިލް ގްރިޑުން އެ ފޮޓޯ ނަގައި ޕްރައިވެޓް އާކައިވް ފޯލްޑަރަށް ލުމުން އެހެން މީހުންނަށް އެފޮޓޯއެއް ނުފެންނާނެއެވެ.

އާކައިވް ކޮށްފައިވާ ކޮންޓެންޓް އަލުން ބަލާލަން ބޭނުން ވެއްޖެ ނަމަ ބެލޭނެއެވެ. ނުވަތަ އެހެންމީހުންނަށް ދައްކަން ބޭނުންވެއްޖެ ނަމަ ފެންނަ ގޮތްވެސް ހެދޭނެއެވެ. އެގޮތަށް ހަދަން ބޭނުންނަމަ ޕްރޮފައިލް ޕޭޖަށް ގޮސް، އާކައިވް ފޯލްޑަރުގެ ވާތް ފަރާތުގެ މަތީގައި ހުންނަ ހެމްބާގާ މެނޫ އައިކަން ޓެޕްކޮށް އެތަނުން ފޮޓޯތައް އިޚްތިޔާރުކޮށް "ޝޯ އޮން ޕްރޮފައިލް" ޚިޔާރުކޮށް، އަން-އާކައިވް ކުރެވޭނެއެވެ.

އެ ފީޗާގެ ސަބަބުން އިންސްޓަގްރާމް ބޭނުންކުރާ ފަރާތްތަކަށް އެމީހުންގެ ކޮންޓެންޓް މެނޭޖް ކުރުމަށް އިތުރު ލުއިފަސޭހަކަމެއް ލިބިދެއެވެ. މީގެ ކުރިން ފޮޓޯއެއް ހައިޑް ކުރަން ބޭނުންނަމަ ޖެހެނީ ފޮޓޯތައް މުޅިން ޑިލީޓް ކުރާށެވެ.

comment ކޮމެންޓް