ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)ގައި 25 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކުރައްވައި، މިހާރު ވެސް އެ ކުންފުނީގައި ހުންނެވި ހުސައިން ފަހުމީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުކަމަށް އައްޔަން ކުރައްވައިފިއެވެ.
ފަހުމީ ވަނީ އެ މަގާމަށް އޭނާ އައްޔަންކުރެއްވުމާ ގުޅިގެން އެ ކަން ހާމަކުރައްވައި، އެ މަގާމުގައި އެންމެ ފުރިހަމައަށް މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވެ އެކްސްގައި ޕޯސްޓެއް ވެސް ކުރައްވައިފައެވެ.
ފަހުމީ ސްޓެލްކޯއާ ގުޅިލެއްވީ 1988ވަނަ އަހަރުގެ ފެބްރުއަރީ އެއްވަނަ ދުވަހެވެ. މިހާރު އެ ކުންފުނީގައި މެދުނުކެނޑި ޚިދުމަތް ކުރައްވަމުން އަންނަތާ 25 އަހަރާއި ނުވަ މަހަށްވުރެ ގިނަ ދުވަސްވަނީ ވެފައެވެ.
އެންމެ ފުރަތަމަ ފަހުމީ ސްޓެލްކޯއާ ގުޅިލެއްވީ ޓްރެއިނީއެއްގެ ގޮތުގައެވެ.
ފަހުމީ ވަނީ އީސްޓް ލަންޑަން ޔުނިވާސިޓީން ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މާސްޓާސް ހާސިލްކުރައްވައިފައެވެ. ހަމައެއާއެކު ޔުނިވާސިޓީ އޮފް އަބާޑީންއިން އެކައުންޓިންއިން މާސްޓާސްވަނީ ހާސިލްކުރައްވައިފައެވެ.
އެއާއެކު ފަހުމީވަނީ އެ ކުންފުނީގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓުގެ ހެޑުކަމާއި، ބިޒްނަސް ޑިވެލޮޕްމަންޓް ޑިޕާޓްމަންޓުގެ ހެޑުކަމުގެ އިތުރުން ކަސްޓަމާ ސާވިސްއާއި ބިލިން ޑިޕާޓްމަންޓުގެ ހެޑުކަން ވެސް ކުރައްވައިފައެވެ.
އެކި ކުންފުނިތަކުގެ ވެރިން މިހާރު ސަރުކާރުން އައްޔަންކުރަމުން ގެންދާއިރު އެ ބޭފުޅުންގެ ނަންތައް ވަނީ ޕްރައިވެޓައިޒޭޝަން އެންޓް ކޯޕުރަޓައިޒޭޝަން ބޯޑު (ޕީސީބީ)އަށް ފޮނުވައިފައެވެ.
މީގެ އިތުރުން ސަރުކާރުގެ އިސް މަގާމުތަކަށް ވެސް މިހާރު ގެންދަވަނީ ބޭފުޅުން އައްޔަންކުރަމުންނެވެ. އެގޮތުން މިއަދު ވެސް ވުޒާރާތަކުގެ ނައިބުންގެ ގޮތުގައި 22 ބޭފުޅަކު ވަނީ އައްޔަންކޮށްފައެވެ.