ސްޓެލްކޯގެ ޚިދުމަތްތަކާ ގުޅޭ ގޮތުން ޚިޔާލު ހޯދުމަށް އޮންލައިން ފޯމެއް

ސްޓެލްކޯ ހެޑް އޮފީސް: އެ ކުންފުނީގެ ޚިދުމަތްތަކާ ގުޅޭ ގޮތުން އާންމުންގެ ޚިޔާލު ހޯދުމަށް އޮންލައިން ފޯމެއް އާއްމުކޮށްފި --

ސްޓެލްކޯގެ ޚިދުމަތްތަކާ ގުޅޭ ގޮތުން އާންމުންގެ ޚިޔާލު ހޯދުމަށް އޮންލައިން ފޯމެއް އާއްމުކޮށްފިއެވެ.

'އެކްސް'ގައި ކުރި ޕޯސްޓެއްގައި ސްޓެލްކޯއިން ބުނީ އެ ކުންފުނީގެ ޚިދުމަތްތަކާ މެދު ރައްޔިތުން ދެކޭ ގޮތް ދެނެގަނެ، ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގައި ރައްޔިތުންގެ ޚިޔާލާއި ބައިވެރިވުން ހޯދުމަށް އެކުލަވާލާފައިވާ އެ ކުންފުނީގެ ޚިދުމަތުގެ އޮންލައިން ފީޑްބެކް ފޯމެއް މިހާރު ވަނީ އެ ކުންފުނީގެ ވެބްސައިޓުގައި އާންމު ކުރެވިފައި ކަމަށެވެ.

އެ ފޯމު މެދުވެރިކޮށް، އެ ކުންފުނީގެ ޚިދުމަތްތަކާ ގުޅޭ ގޮތުން ޚިޔާލު ދިނުމަށް ދައުވަތު އަރުވާ ކަމަށް ސްޓެލްކޯއިން ބުންޏެވެ.

ސްޓެލްކޯގެ އެ ފޯމުގައި އާންމުންގެ ޚިޔާލު ހޯދުމަށް ހިމަނާފައި ވަނީ:

  • ސްޓެލްކޯއިން ޚިދުމަތް ދެމުންދާ ގޮތާމެދު ހިތްހަމަޖެހޭ މިންވަރު
  • ސްޓެލްކޯއާ ދޭތެރޭ އިތުބާރު އޮތް މިންވަރު
  • ސްޓެލްކޯގެ މަސައްކަތުގެ ސްޕީޑް އަދި ތަރުތީބުކަމާއެކު މަސައްކަތްކުރާ މިންވަރު
  • ސްޓެލްކޯގެ ކަސްޓަމާ ސާވިސްއާ މެދު ދެކޭ ގޮތް
  • ޚިދުމަތް ލިބިގަތުމުގައި ދިމާވާ މައްސަލަ ހައްލު ކޮށްދިނުމުގައި ސްޓެލްކޯގެ ފަރާތުން އަމަލުކޮށްފައިވާ ގޮތް
  • ސްޓެލްކޯއިން ޚިދުމަތް ފޯރުކޮށްދިނުމުގައާއި، ސިޔާސަތުތަކަށް ގެންނަ ބަދަލާ ބެހޭގޮތުން ރައްޔިތުންނަށް މައުލޫމާތު ހާމަކޮށްދެމުންދާ މިންވަރު

މީގެ އިތުރުން ވެސް ޚިދުމަތް ދިނުމާ ގުޅޭ ގޮތުން ރަނގަޅު ކުރަންޖެހޭނަމަ ފާހަގަކުރެވޭ ކަންކަން ބަޔާންކުރުމަށް އެ ފޯމުގައި ހިމަނާފައިވެއެވެ. އަދި ސްޓެލްކޯއިން ޚިދުމަތް ލިބިގަތުމުގައި ކުރެވިފައިވާ ރަނގަޅު ނުވަތަ ނުރަނގަޅު ތަޖުރިބާއެއް ވާނަމަ އެ ތަޖުރިބާ ހިއްސާ ކުރުމަށާއި، އިތުރު ޚިޔާލު ދިނުމަށް ވެސް އެ ފޯމުގައި ވަނީ ހިމަނައިފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް