މަހުޖަނު އީލޮން މަސްކްގެ ސްޕޭސްއެކްސްއިން ހިންގާ ސެޓެލައިޓް އިންޓަނެޓް ހިދުމަތް ކަމަށްވާ ސްޓާލިންކު ޣައްޒާގައި ގާއިމުކުރުމުގެ ހުއްދަ ލިބޭނީ އިސްރާއީލުގެ މުސަލާތާ ބެހޭ ވުޒާރާގެ ހުއްދަ ލިބުމުން ކަމަށް އެ ވުޒާރާގެ ވަޒީރު ޝޮލޮމޯ ކަރްހީ ވިދާޅުވެއްޖެއެވެ.
މި މައްސަލައާ ގުޅިގެން މަޝްވަރާކުރުމަށް މަސްކު މިހާރު ހުރީ އިސްރާއީލުގެ ތެލް އަވީވްގައެވެ. މަސްކު އިސްރާއީލުގެ ރައީސް އިއްސާޤް ހެރްޒޮގްއާ ބައްދަލު ކުރައްވަން ހަމަޖެހިފައިވާއިރު، ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ވެސް ބައްދަލު ކުރައްވާނެ ކަމަށް އިސްރާއީލުގެ މީޑިއާތަކުން ރިޕޯޓުކުރެއެވެ.
ޣައްޒާގައި މުވާސަލާތީ ހިދުމަތާއި އިންޓަނެޓް ހިދުމަތް ދިނުމަށް އިސްރާއީލުން އަންނަނީ ހުރަސް އަޅަމުންނެވެ. އޮކްޓޫބަރު މަހު މުޅި ޣައްޒާއިން މުވާސަލާތީ ހިދުމަތް ވަނީ ކަނޑައި ވެސް ލިއެވެ. އޭގެ ފަހުން ޣައްޒާއަށް މުވާސަލާތީ ހިދުމަތް ފޯރުކޮށްދޭނެ ކަމަށް މަސްކު ވަނީ އިއުލާނުކޮށްފައެވެ.
ކުރިން ޓްވިޓާގެ ނަމުން މަޝްހޫރު ސޯޝަލް މީޑިއާ ޕްލެޓްފޯމު އެކްސް ވެސް ހިންގަނީ މަސްކެވެ. އެކްސްއާއި ފޭސްބުކާއި އިންސްޓަގްރާމް ޕްލެޓްފޯމުތަކުގައި ފަލަސްތީނަށް ތާއީދުކުރާ ނުވަތަ އިސްރާއީލުގެ އަނިޔާވެރިކަން ހާމަވާ ކޮންޓެންޓް ސެންސަރު ކުރުމަށްބުނެ އިސްރާއީލުގެ ޕްރެޝަރު މަސްކަށް ވަނީ ބޮޑުވެފައެވެ.
މަސްކް ވަނީ އެކްސް އަކީ ތަފާތު ވިއުޕޮއިންޓްތައް ޕޯސްޓް ކުރެވޭނެ ޕްލެޓްފޯމަކަށް ވާންޖެހޭނެ ކަމަށް ބުނެފައެވެ. ނަމަވެސް ކުންފުނީގެ ސިޔާސަތުތަކާ ހިލާފުވާކަހަލަ ޕޯސްޓުތައް ޝާއިއުކުރުން ހަނިކުރާނެ ކަމަށް މަސްކު ބުންޏެވެ.
ހަނގުރާމަ ފެށުނު ފަހުން އެކްސްއިން ވަނީ ހަމާސްއާ ގުޅުން ހުރި އެތައް ސަތޭކަ އެކައުންޓެއް ނައްތައިލާފައެވެ.
އެކްސްގެ އިތުރުން ޓިކްޓޮކުން ވެސް ވަނީ އިސްރާއީލާ ހިލާފުވާ ބައެއް ހޭޝްޓެގްތައް ނައްތާލާފައެވެ.