މަދަނީ މިންގަނޑުން ބައްޕަ ސާބިތުކުރުމުގެ މައްސަލަ އޭޖީން އަނބުރާ ގެންގޮސްފި

ފެބްރުއަރީ 15، 2021: ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓު -- ސަމް ފޮޓޯ/ ފަޔާޒު މޫސާ

ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ކުއްޖަކަށް ދިވެހި ރައްޔިތުކަން ދިނުމަށްޓަކައި މަދަނީ މިންގަނޑުން އެ ކުއްޖާގެ ބައްޕަ ސާބިތުކުރެވޭނެ ކަމަށް ކަނޑައަޅައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ، އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން އަނބުރާ ގެންގޮސްފިއެވެ.

އެއީ އިންޑޮނޭޝިއާގެ އަންހެނަކު ރާއްޖޭގައި ވިހެއުމަށްފަހު ދޫކޮށްލާފައިވާ ކުއްޖެކެވެ. އެ ކުއްޖާގެ ބައްޕައަކީ ދިވެއްސެއް ކަމަށް ބެލެވޭތީ، މިދިޔަ ސަރުކާރުގެ ދައުރުގައި ދައުލަތުން ވަނީ އެ ކުއްޖާގެ ބައްޕަ މަދަނީ މިންގަނޑުން ސާބިތުކޮށްދޭން ފެމިލީ ކޯޓާއި ހައި ކޯޓުގައި އެދިފައެވެ.

ނަމަވެސް އެއީ ގާނޫނުން ދަންނަ ކަމެއް ނޫން ކަމަށާއި އެއީ ނަސަބު ކަނޑައެޅުމުގެ މައްސަލައެއް ކަމަށް ފެމިލީ ކޯޓާއި ކޯޓުން ވެސް ނިންމިއެވެ. އެ ހުކުމް ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރީ މި މަހުގެ 19ގައެވެ.

އެކަމާ ގުޅިގެން އޭޖީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ މައްސަލަ އަލުން ބަލައި މުރާޖައާ ކުރުމަށް ފަހު، އެ މައްސަލަ ސުޕްރީމް ކޯޓުގައި އިތުރަށް ކުރިއަށް ގެންދަން ނުފެންނަ ކަމަށެވެ. އަދި އެ މައްސަލަ އަނބުރާ ނެގުމަށް ނިންމާފައިވާ ކަމަށް އޭޖީން ބުންޏެވެ.

ހައިކޯޓުގެ ހުކުމުގައި ވަނީ އެ ކުއްޖާގެ މަންމައަކީ އިންޑޮނޭޝިއާގެ މީހަކަށްވުމުން އިންޑޮނޭޝިއާގެ ރައްޔިތުކަން އެ ކުއްޖާއަށް ދެވޭނެ ކަމަށް ބުނެފައެެވެ.

comment ކޮމެންޓް