މަޖިލީހުގެ ދައުރު އަންނަ މަހު 7 އާ ހަމައަށް ދަންމާލައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް -- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ މި ހިނގާ ތިންވަނަ ދައުރު އަންނަ މަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށް ދަންމާލަން މަޖިލީހުން މިއަދު ނިންމައިފިއެވެ.

މަޖިލީހަށް އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ މަސައްކަތް ހިމެނޭހެން މުހިއްމު ގިނަ މަސައްކަތްތަކެއް ހުށަހެޅިފައިވާތީ، ދައުރު އަންނަ މަހުގެ ހަތްވަނަ ދުވަހާ ޖެހެންދެން ދަންމައިލަން ހުށަހެޅުއްވީ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމެވެ.

އެ ކަމަށް މިއަދު ވޯޓަށް އެހިއިރު ޖުމުލަ 58 މެންބަރުން ހާޒިރުވެ ތިއްބެވިއެވެ. އޭގެ ތެރެއިން، 52 މެންބަރުން ވަނީ ދައުރު ދަންމައިލަން ތާއީދު ކުރައްވައިފައެވެ. ބާކީ 6 މެންބަރުން ވަކި ގޮތަކަށް ވޯޓު ދެއްވައިފައެއް ނުވެއެވެ.

އިއްޔެ ބޭއްވި މަޖިލީހުގެ ޖަލްސާގައި ވަނީ ބަޖެޓާ ގުޅޭ ގޮތުން ބަހުސްކޮށް ނިންމާލައިފައެވެ. ޖުމުލަ 51 މެންބަރުން ބަޖެޓަށް ބަހުސް ކުރެއްވީއިރު މިހާރު ވަނީ ކޮމިޓީއަށް ފޮނުވައިފައެވެ. ބަޖެޓު ދިރާސާ ކުރާ ކޮމިޓީން ބަޖެޓު ދިރާސާ ކުރުމަށް ފަހު އަލުން އަނެއްކާ ވެސް ތަޅުމަށް ފޮނުވާނެއެވެ. އެއަށް ފަހު ވޯޓަށް އަހާނީ އަނެއްކާ ވެސް ބަހުސް ކުރުމަށް ފަހުގައެވެ.

މަޖިލީހުގެ މި ހިނގާ ތިންވަނަ ދައުރުގެ ބޮޑު ބައެއް ހޭދަވީ އެމްޑީޕީން ހުށަހެޅި މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ތެރެއިން އުފެދުނު އަރައިރުންވުމުގައެވެ.

މަޖިލީހުގެ ގަވާއިދުގެ އެކިއެކި މާއްދާތައް ނަންގަވައިގެން މަޖިލީސް ހުއްޓުވާފައި އެތައް ދުވަހެއް ވަންދެން ބޭއްވިއެވެ. އެންމެ ފަހުން، އެމްޑީޕީން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުން، ސުޕްރީމް ކޯޓުން ވަނީ މަޖިލީސް ހުއްޓުވާފައި އޮތީ ގާނޫނާ ހިލާފަށް ކަމަށް ހުކުމް ކޮށްފައެވެ.

ކޯޓުގެ ހުކުމާ އެކު އަނެއްކާ ވެސް މަޖިލީސް ހިނގައިގަތުމުން ނަޝީދު ވަނީ އަމިއްލަފުޅަށް މަޖިލީހުގެ ރައީސްކަމުން އިސްތިއުފާ ދެއްވައިފައެވެ.

comment ކޮމެންޓް