އެމެރިކާގައި ބަޑީގެ ހަމަލާ އަމާޒުވި ފަލަސްތީނުގެ 3 ކުއްޖެއްގެ ހާލު ސީރިއަސް

އެމެރިކާގައި ދިން ބަޑީގެ ހަމަލާގައި އަމާޒުވި ފަލަސްތީނު ތިން ކުދިން: ފޮޓޯ/ޔޫޕީއައި

އެމެރިކާގެ އުތުރުއިރުމަތީގައި އޮންނަ ވާމޮންޓް ސްޓޭޓްގައި ހޮނިހިރު ދުވަހުގެ ރޭ ދިން ބަޑީގެ ހަމަލާއެއްގައި އަނިޔާވި ފަލަސްތީނުގެ ތިން ކުއްޖެއްގެ ހާލު ސީރިއަސްކަމަށް ހައްގުތަކާ ބެހޭ ޖަމާއަތް، ދަ އެރެބް އެމެރިކަން އެންޓި ޑިސްކްރިމިނޭޝަން ކޮމެޓީ (އޭޑީސީ) އިން ބުނެފިއެވެ.

ހަމަލާ އަމާޒުވި ތިން ކުދިންނަކީ ޓްރިނިޓީ ކޮލެޖުގެ ތަހުސީން އަހުމަދާއި ހާވާފޯޑް ކޮލެޖުގެ ކިނާން އަބްދުލް ހާމިދާއި، ބްރައުން ޔުނިވާސިޓީގެ ހިޝާމް އަވަރްތާނީއެވެ.

އެ ތިން ކުދިންގެ ވެސް އުމުރުން 20 އަހަރެވެ. ތިން ދަރިވަރުންނަކީ ހުޅަނގު އައްސޭރީގެ ރާމަﷲ ފްރެންޑްސް ސްކޫލުން ޑިގްރީ ހާސިލްކޮށްފައިވާ ދަރިވަރުންނެވެ.

އޭޑީސީއާ ހަވާލާދީ މިޑްލް އީސްޓް އައި އިން ބުނެފައިވާ ގޮތުގައި އެ ކުދިންނަށް ހަމަލާ ދިނީ ރޭގަނޑުގެ ކެއުމަށް ދިޔަ މަގުމަތީގައެވެ. ނަމަވެސް ހަމަލާ ދިނީ ކާކުކަން ނޭނގޭ ގޮތަށް ފޮރުވިގެން ހުރި މީހެކެވެ.

އެ ހަމަލާއާ ގުޅިގެން މިހާތަނަށް ލިބުނު މައުލޫމާތަށް ބަލާއިރު، ބަޑީގެ ހަމަލާ އެ ކުދިންނަށް އަމާޒުކޮށްފައި ވަނީ އަރަބިންނަށްވުމުން ކަމުގައި ވެސް އޭޑީސީން ބުނެއެވެ.

"ބަޑި ޖެހުމުން ތިން މީހުން ވެސް ސަލާމަތްވި. ނަމަވެސް އޭގެ ތެރެއިން ދެ މީހަކު މިހާރު ތިބީ އައިސީޔޫގައި، އަދި އޭގެ ތެރެއިން އެކަކު ވަރަށް ސީރިއަސް އަދި ސީރިއަސް އަނިޔާތަކެއް ލިބިފައިވޭ. އަނިޔާތައް ލިބިފައިވާ މިންވަރު މި ވަގުތު ބުނާކަށް ނޭނގޭ." އޭސީޑީން ބުންޏެވެ.

ކައުންސިލް އޮން އެމެރިކަން-އިސްލާމިކް ރިލޭޝަންސް (ސީއޭއައިއާރު) އިން ނެރުނު ބަޔާނެއްގައި ވަނީ ބަޑިޖެހި މީހުން ހައްޔަރުކުރެވޭނެ ވަރުގެ މައުލޫމާތެއް ދިން މީހަކަށް 10،000 އެމެރިކާ ޑޮލަރު ހުށަހަޅައިފައެވެ.

އަދި މައްސަލަ ތަހުގީގު ކުރުމަށް އެމެރިކާގެ ކަމާބެގޭ ފަރާތްތަކަށް ސިއޭއައިއާރު އިން ވަނީ ގޮވައިލައިފައެވެ.

comment ކޮމެންޓް