ހަމަލާތައް މެދުކަނޑާލާފައި އޮންނަ މުއްދަތު އެއް ދުވަސް ނުވަތަ ދެ ދުވަހަށް އިތުރުކުރުމަށް މިސްރުން ބާރުއަޅާ ކަމަށް މިސްރުގެ ސްޓޭޓް އިންފޮމޭޝަން ސާވިސް (އެސްއައިއެސް)ގެ ވެރިޔާ ދިއާ ރަޝްވާން ވިދާޅުވެއްޖެއެވެ.
ޔަހޫދީ އިސްރާއީލާއި ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތްކުރާ ހަމާސް ޖަމާއަތާ ދެމެދު އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ކުރަމުންދާ ހަނގުރާމައިގައި ހުކުރު ދުވަހުން ފެށިގެން ހަމަލާތައް ވަނީ މެދުކަނޑާލާފައެވެ.
ރަޝްވާން ފާހަގަކުރެއްވި ގޮތުގައި ހަމަލާތައް މެދުކަނޑާލާފައި އޮންނަ މުއްދަތު އިތުރުކުރުމުން ޣައްޒާގައި ތިބި އިސްރާއީލުގެ އަސީރުންނާއި އިސްރާއީލުގެ ޖަލުތަކުގައި ބަންދުކޮށްފައިވާ ފަލަސްތީނުގެ އިތުރު މީހުން ދޫކޮށްލެވޭނެއެވެ.
އޭނާ ވިދާޅުވީ މިސްރުން އެ ދެ ފަރާތާއެކު ދެއްކި ވާހަކަތަކުގައި، މުއްދަތު އިތުރުކުރުމުގެ ފުރުސަތު އޮތް ކަމުގެ އިޝާރާތެއް ދެ ފަރާތުންވެސް ދީފައިވާ ކަމަށެވެ.
މިނިވަން ކުރަން ނިންމާފައިވާ، ޣައްޒާގައި ހަމާސްގެ ބެލުމުދަށުގައި ތިބި 13 މީހުންނާއި، އިސްރާއީލުގެ ޖަލުތަކުގައި ތިބި 39 ފަލަސްތީނު ޤައިދީންގެ ލިސްޓެއް މިހާރު މިސްރަށް ލިބިފައިވާ ކަމަށް ރަޝްވާން އިތުރަށް ވިދާޅުވިއެވެ.
މީގެ އިތުރުން އިންސާނީ އެހީ ހިފައިގެން ޣައްޒާއަށް ދިޔަ 50 ޓްރަކްވެސް ހޮނިހިރު ދުވަހު ޣައްޒާއަށް ވަދެފައިވާކަމަށް ރަޝްވާން ވިދާޅުވިއެވެ.
ހަމަލާތައް ހުއްޓާލުމަށް ދެ ފަރާތުން ވެފައިވާ އެއްބަސްވުމުގައި، 2.4 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ޣައްޒާގެ ރައްޔިތުންނަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދިނުން ހިމެނެއެވެ. އެ އެއްބަސްވުމުގެ ދަށުން އަންހެނުންނާއި ކުޑަކުދިން ހިމެނޭ ގޮތަށް އިސްރާއީލުގެ 50 އަސީރުން ދޫކޮށްލުމަށް ވަނީ އެއްބަސްވެފައެވެ. ބަދަލުގައި އަންހެނުންނާއި ކުޑަކުދިން ހިމެނޭ ގޮތަށް ފަލަސްތީނުގެ 150 ސިޔާސީ ގައިދީން މިނިވަން ކުރާނެއެވެ.
އިތުރު އަސީރުންނާއި ގައިދީން ދޫކޮށްލަށް ޝަރުތުކޮށް، ހަމަލާތައް މެދުކަނޑާލާފައި އޮންނަ މުއްދަތު އިތުރުކުރުމަށްވެސް އެ އެއްބަސްވުން ތަންދެއެވެ.
އެ އެއްބަސްވުމުގައިވާ ގޮތުގެ މަތިން ހުކުރު ދުވަހު ހަމާސްއިން އިސްރާއީލުގެ 13 އަސީރުން ދޫކޮށްލާފައިވާއިރު، އިސްރާއީލުން ވަނީ ފަލަސްތީނުގެ 39 ގައިދީން ޖަލުތަކުން ދޫކޮށްލާފައެވެ.
މީގެ އިތުރުން މިސްރުން މެދުވެރިވެގެން ހަމާސްއިން ވަނީ އޮކްޓޯބަރު ހަތް ވަނަ ދުވަހު ހިފަހައްޓާފައިވާ އޭޝިއާގެ 11 މަސައްކަތްތެރިން ދޫކޮށްލާފައެވެ. އޭގެ ތެރޭގައި ހިމެނެނީ ތައިލެންޑްގެ 10 މީހުންނާއި ފިލިޕީންސްގެ އެކަކެވެ.
ކާބޯތަކެއްޗާއި ފެނާއި ސިއްހީ ފަރުވާދޭ ސާމާނާއި ތެޔޮ ހިފައިގެން ޖުމްލަ 200 އެހީގެ ޓްރަކް ހުކުރު ދުވަހު ވަނީ މިސްރާއި ޣައްޒާގުޅޭ ރަފަޙް ބޯޑަރު ހުރަސްކޮށް ޣައްޒާއަށް ވަދެފައެވެ.