ތިމާވެއްޓަށް އެންމެ ރައްކާތެރި ގޮތަކީ ކޮބައިތޯ ބަލައި، ރިޔާޒް ފެށީ ބޯވަ ''ބާނަން''

ރިޔާޒް -- ފޮޓޯ/ ޒުވާން މަސްވެރިޔާ

ބޯވަ ނެގުމަކީ ރާއްޖޭގައި ވަރަށް ގިނަ މީހުން ފޫހި ފިލުވާލުމަށާއި އާމުދަނީ ހޯދުމުގެ ގޮތުން ކޮށްއުޅޭ ކަމެކެވެ. ގިނަ ފަހަރަށް ބޯވަ ނަގަނީ އެސޮރުމެން ދިރިއުޅޭ ހޮރަށް ދަގަނޑު ބުޅިއެއް ބާނައިގެން ނުވަތަ ކެމިކަލެއް ޖަހައިގެންނެވެ. މިއީ މިކަން ކުރަން އެންމެ ރަނގަޅު ގޮތް ނޫންކަން އެންމެންނަށް ވެސް އެނގެއެވެ. އެހެންކަމުން މިއަށް ވުރެ ރަނގަޅަށް، ތިމާވެއްޓާ ރަހުމަތްތެރި ގޮތަކަށް މިކަން ކުރެވޭނީ ކިހިނެއްތޯ ބަލައި، ށ. ނޫމަރާ ރިޔާޒް އަލީ، 50 ކުރަން ފެށި ކަމަކީ ބޯވަ ބޭނުމެވެ. އޭނާ ވަނީ ޒުވާން މަސްވެރިޔާއަށް ދީފައިވާ އިންޓަވިއުއެއްގައި މިކަން ކުރަން ފެށި ގޮތާއި ކުރާ ގޮތް ކިޔައިދީފައެވެ.

ރިޔާޒަކީ ނޫމަރާ ސްކޫލުގައި އަށް އަހަރު ވަންދެން އިނގިރޭސި ކިޔަވައިދިން ޓީޗަރެކެވެ. ނަމަވެސް އޭރު ވެސް އޭނާގެ ހިތް ދެވިފައި ވަނީ މަސްވެރިކަމަށެވެ. އޭނާ ހިތުގެ އަޑިން ކުރަން ބޭނުންވި ކަމަކީ އެއީއެވެ.

"މަސްވެރިކަމުގެ ތަފާތު ދާއިރަތަކުގައި މަސައްކަތް ކުރަމުން ކުރަމުން ގޮސް ބޮޑު ކަންނެލި، ދޮށީ މަސްވެރިކަން، ވަދު މަސްވެރިކަން، ފަރު މަހު މަސްވެރިކަން މިހެން ގޮސް ތަފާތު މަސައްކަތްތަކުން ގޮސް 2020އާ ހިސާބަށް އައިއްސަ، 2020ގަ ބޯވަ މަސްވެރިކަން ރަސްމީކޮށް ފެށީ،" ރިޔާޒް ކިޔައިދިނެވެ.

ނަމަވެސް ފުރަތަމަ އޭނާ ފެށީ ބޯވަ "މަސްވެރިކަމެއް" ނޫނެވެ. އޭރު އެހެން އެންމެންނެކޭ އެއްގޮތަށް އޭނާ ބޯވަ ނަގަނީއެވެ. ބޯވަ ދިރިއުޅޭ ހޮރަށް ދަގަނޑުގަނޑެއް ބާނައިގެން ގަދަކަމުން ނެރެގެން، އެކަން ކުރާގޮތުން ބޯވަ ނެގެނީ ވެސް އެއަށް އެތައް އަނިޔާއެއް ވާފަހުންނެވެ.

މިކަން ކުރުމުގެ ތެރޭ ރިޔާޒްގެ ވިސްނުމަށް އައީ ބޯވަ ނެގުމުގައި މިއަށް ވުރެ ފަސޭހަ ގޮތެއް އޮންނާނެ ކަމެވެ. އެހެންކަމުން އެއީ ކޮން ގޮތެއްތޯ އޭނާ އަމިއްލައަށް ހޯދާ ބަލަން ފެށިއެވެ. އެގޮތުން އެންމެ ފުރަތަމަ ބެލީ ބޯވައަށް އެންމެ ކަމުދާ ކާނާއަކީ ކޮބައިތޯއެވެ.

ބޯވަ ބާނަން ރިޔާޒް ތައްޔާރު ކުރާ ވަދު -- ފޮޓޯ/ ޒުވާން މަސްވެރިޔާ

"ބެލިއިރު ކަކުނީގެ ބާވަތްތައްކަމަށް އިންނަނީ ދައްކާފަ. ދެން ކަކުނީގެ ބާވަތްތަކުގެ ތެރެއިން ކޮން ވައްތަރެއްތޯ ބެލި އިރުގައި، ކަކުނީގެ ބާވަތްތަކުގެ ތެރެއިން ވެސް އޭތި އެންމެ ޝައުގުވެރިކަން ހުންނަނީ ރަތް ކަކުނީގެ ބާވަތްތަކަށް،" ރިޔާޒް ބުންޏެވެ.

އެހިސާބުން އޭނާ ވިސްނީ ރަތް ކަކުނި ބޭނުން ކޮށްގެން، ބޯވަ ބޭނުމަށް ވަދެއް ތައްޔާރު ކުރާށެވެ. އެކަމަށްޓަކައި ރިޔާޒު އެންމެ ފުރަތަމަ ބޭރުން އޯޑަރުކޮށްގެން ގެނައީ ރަތް ކުލައިގެ ސިލިކަން ކަކުނިތަކެވެ.

އެ ކަކުނިން ބޯވަ ބޭނުމަށް ބޭނުންކުރާ ވަދު ތައްޔާރުކުރީ އޭނާ އަމިއްލައަށެވެ. ވަދު ތައްޔާރު ކުރުމަށް ކަކުނީގެ މެދުގައި ދެ ލޯވަޅު އަޅާ، އޭގެ ދަށްފުށުގައި ބަރުދަން ހެޔޮވަރުކުރުމަށް ޓަކައި ތިމަރަ ފޮއްޗެއްލުމަށް ފަހު ކަންވާރު ލައެވެ. އަދި ކަކުނީގެ މަތީ ފުށުގައި ކަންވާރުން މަޅިއެއް ހަދައި ތިން ބުޅި އެއްކޮށް އިންނަ ބުޅިއެއް އަޅުވައެވެ.

"އެ ބުޅި ސެޓު އިންނާނީ ކަކުނީގެ މަތީގައި. ދަށް ފަރާތުގައި އިންނާނީ ތިމަރަކޮޅު. ދެން އޭގެ މަތީގައި އިންނާނީ ރޯލު. ރޯލު ވެސް އަޅުގަނޑު ހަމަ ފުދޭ ވަރަކަށް ފަލަކޮށް ގެންގުޅެނީ ވެސް. އެއީ ބޯވައަކީ އާނުގަނޑަށް ވަރަށް ވަރުގަދަ އެއްޗަކަށް ވާތީ އެސޮރު އާނުގަނޑުގައި ތަތްކޮށްލައިފިއްޔާ ނުއެއް ނެގޭނެ،" ރިޔާޒް ކިޔައިދިނެވެ.

ރިޔާޒް ބޯވަ ބާނަނީ -- ފޮޓޯ/ ޒުވާން މަސްވެރިޔާ

އޭނާ ކިޔައިދިން ގޮތުގައި މިގޮތަށް ބޯވަ ބާނަން ފެށުމުން އާނުގަނޑުން ނައްޓުވާނެ ގޮތާއި ބޯވަ ނަގަން ފަސޭހަ ވާނެގޮތް ވެސް އެނގުނެވެ. އަދި ކުރިން ތިލަ ތަންތަނުން ބޯވަ ނެގި ނަމަވެސް މިހާރު މާސްކު އަޅައިގެން ކިތަންމެ ފުނުން ވެސް ބޯވައެއްކަން ޔަގީންވާނަމަ، އެ ބޯވަ ނެގޭނެ ކަމުގެ ޔަގީންކަން އޭނާއަށް އޮވެއެވެ.

"ބެއިޓް އޭގެ ކައިިރިއަށް ދޫކޮށްފަ ތިން ފޫޓު ނުވަތަ ނޫނީ ދެފޫޓު ބައި ހިސާބަށް ކައިރީގައި އަޑީގައި ޖައްސާފަ މަޑުމަޑުން ހިއްލާލައިފައި ކަކުނީގެ މޫވްމަންޓު އިންނަ ގޮތަށް އޭތި ތަޅުވަމުން އެއާ ކައިރި ކުރީމަ ބޯވަ ހަމަ ހިފާނެ. ހިފާފަ ބޯވަ ލާނެ (ކަކުނި) ފައިތަކު ދަށަށް. ލީމަ ހަމަ ވާންކޮށްލާއިރަށް ބުޅި އަޅައިގަންނާނެ. ބުޅި އަޅައިގަތީމަ ދަމާފަ ނަގާނީ،" ރިޔާޒް ކިޔައިދިނީ ބޯވަ ބާނަން އޭނަ ބޭނުންކުރާ ތަފާތު އުކުޅެވެ.

މިގޮތަށް ބޯވަ ބާނަން ފެށިފަހުން ކުރިން ބޯވަ ހިފާ ހިފުމާ ހުރި ތަފާތު އަދި ލުއި ފަސޭހަކަން ވިސްނޭކަމަށް ރިޔާޒް ބުންޏެވެ. ބޯވަ ބޭނުމަށް އޭނާ ޝައުގުވެރި ވީވެސް ބޯވަ ނަގަން ބޭނުންކުރާ ކެމިކަލްގެ ސަބަބުން ވަށައިގެންވާ މާހައުލަށް ލިބޭ ގެއްލުމުގެ ސަބަބުންނެވެ.

"ކެމިކަލް ޖަހައިގެން ނަގައިފި ހޮރަކަށް ބޯވައެއް ނާރާ ގާތްގަނޑަކަށް ދޮޅުމަހެއް ދެމަހެއްހާ ދުވަސް ކުރިއަކުން،" ރިޔާޒް ބުންޏެވެ.

ބޯވަ ބާނަން ރިޔާޒް ތައްޔާރު ކުރާ ވަދު -- ފޮޓޯ/ ޒުވާން މަސްވެރިޔާ

އޭނާ ގަބޫލުކުރާ ގޮތުގައި މިއީ އަނބިދަރިން ކައިރީ ތިބެގެން ކުރަން ވަރަށް ރަނގަޅު މަސައްކަތެކެވެ. އަދި ރަނގަޅަށް މަސައްކަތް ކޮށްފި ނަމަ ލިބޭ އުޖޫރަ ވެސް ރަނގަޅުކަމަށް ރިޔާޒް ގަބޫލު ކުރެއެވެ.

ބޯވަ ނަގާ މީހުންނަށް ރިޔާޒް ކުރާ އިލްތިމާސަކީ ބުޅިން ބޯވަ ނެގުމުގެ ބަދަލުގައި މިކަން އަމިއްލައަށް ބަލައި ހޯދައި ތަޖުރިބާ ކުރުމެވެ. އޭނާ ބުނީ މިކަން ތަޖުރިބާ ކޮށްފި މީހަކަށް މިކަމުގެ ފަސޭހަކަން ވިސްނޭނެ ކަމަށެވެ.

comment ކޮމެންޓް