ފުރަތަމަ ރަސްމީ ދަތުރުފުޅުގައި ރައީސްގެ ދެކަނބަލުން ތުރުކީއަށް

ރައީސް މުއިއްޒުގެ ދެކަނބަލުން ތުރުކީއަށް ފުރައިވަޑައިގަތުން -- ފޮޓޯ: ރައީސް އޮފީސް

ވެރިކަމާ ހަވާލުވެވަޑައިގެން ރައީސް ޑރ. މުޙައްމަދު މުއިއްޒު ކުރައްވާ އެންމެ ފުރަތަަމަ ރަސްމީ ދަތުރުފުޅުގައި ތުރުކީއަށް މިއަދު ފުރައިވަޑައިގެންފިއެވެ.

އެ މަނިކުފާނު ފުރައިވަޑައިގަތީ މިއަދު ހެނދުނެވެ. އެ މަނިކުފާނުގެ އަރިހުގައި އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވެސް ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވައެވެ. މީގެ އިތުރުން ދިވެހި ސަރުކާރުގެ އިސް ބޭފުޅުންގެ ވަފުދެއް ވެސް ބައިވެރިވެވަޑައިގަންވާނެއެވެ.

ތުރުކީއަށް އެ މަނިކުފާނު ކުރައްވާ މި ދަތުރުފުޅަކީ އެ ގައުމުގެ ރައީސް ރަޖަބް ޠައްޔިބް އުރުދުޣާންގެ ރަސްމީ ދައުވަތުފުޅަކަށް ކުރައްވާ ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގައި ރައީސް މުއިއްޒު އެ ގައުމުގެ ސަރުކާރުގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވާނެއެވެ. އަދި ދެ ގައުމު ގުޅިގެން އެކުގައި ކުރެވެން ހުރި މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާ ވެސް ކުރައްވާނެއެވެ.

އަދި ޚާރިޖީ ގުޅުން އިތުރަށް ބަދަހިކުރުމުގެ މަޝްވަރާ ވެސް ކުރައްވާނެއެވެ.

ތުރުކީއަށް ކުރައްވާ ރަސްމީ ދަތުރުފުޅަށްފަހު ރައީސް ރާއްޖެ ވަޑައިގަންނަވާނީ ޔުނައިޓެޑް އަރަބް އެމިރޭޓްސްގައި އޮންނަ ކޮޕް28 ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށްފަހު ބުރާސްފަތި ދުވަހެވެ.

މީގެ ކުރިން ރާއްޖޭގެ ރައީސުން ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ކުރައްވާ އެންމެ ފުރަތަމަ ރަސްމީ ދަތުރުފުޅުކުރައްވަނީ އަވަށްޓެރި އިންޑިއާއަށެވެ.

comment ކޮމެންޓް