ރައީސް މުއިއްޒުގެ ޒައާމަތުގައި ނޫސްވެރިކަމަށް ކުރިއެރުން ގެނެސްދެއްވާނެ: ނައިބު ރައީސް

ނައިބުރައީސް ހުސެއިން މުޙައްމަދު ލަތީފް މޯލްޑިވްސް މީޑީއާ ކައުންސިލުން އިންތިޒާމްކޮށްގެން ކުރިއަށްގެންދިޔަ 'ނޫސްވެރިންގެ އިނާމު 2022' ގައި ވާހަކަދައްކަވަނީ-- ފޮޓޯ/ ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ އެޖެންޑާގައި މީޑިއާއާއި ނޫސްވެރިކަން ކުރިއެރުވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވާފައިވާ ކަމަށާއި އެ މަނިކުފާނު ދިވެހި މީޑިއާތަކަށާއި ދިވެހި ނޫސްވެރިކަމަށް، ކުރިއެރުމާ ކާމިޔާބީ ގެނެސްދެއްވާނެކަމަށް ނައިބު ރައީސް ހުސެއިން މުޙައްމަދު ލަތީފް ރޭ ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް މީޑީއާ ކައުންސިލުން އިންތިޒާމްކޮށްގެން ކުރިއަށްގެންދިޔަ 'ނޫސްވެރިންގެ އިނާމު 2022' ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ހުސެއިން ވިދާޅުވީ، މީޑިއާއާއި ނޫސްވެރިކަން ކުރިއަރުވައި، ރަނގަޅު ނަތީޖާ ނެރުމަށް ސަރުކާރުން އަމާޒުހިފާފައިވާ ކަމަށެވެ.

އެގޮތުން ސަރުކާރުން ކުރަން ނިންމާފައިވާ ކަންތައްތަކުގެ ތެރޭގައި، ދައުލަތުގެ ބަޖެޓުން ނޫސް މީޑިއާތަކަށް ފައިސާ ދިނުމާއި، އަމިއްލަ ފައިމައްޗަށް ތެދުވެ މިނިވަންކަމާއެކު މަސައްކަތްކުރެވޭނެ މަގު ނޫސް މީޑިއާތަކަށް ފަހިކޮށްދިނުމާއި، އޮފީސް ޚަރަދުކުޑަކޮށް މީޑިއާ ހިންގޭނެ މީޑިއާ ވިލެޖެއް ގާއިމުކޮށްދިނުން ހިމެނޭކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި އެކި ދާއިރާތަކުން ނޫސްވެރިން ތަމްރީނުކޮށް، ތަޢުލީމުދީ، ގާބިލް ނޫސްވެރިން ބިނާކުރުމަށް ދައުލަތުން ހޭދަކުރާނެ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

"ސަރުކާރުން ޚަބަރާއި މަޢުލޫމާތު ފޯރުކޮށްދެއްވުމުގައި، ނޫސްތަކުގެ މެދުގައި ތަފާތު ނުކުރުމާއެކު، ނޫސްވެރީންނަށް ޖަވާބުދާރީވެ ޒިންމާދާރުކަމާއެކު ކަންކަން ހާމަކުރެއްވުން ހިމެނޭނެ،" ނައިބުރައީސް ވިދާޅުވިއެވެ.

ކުރިއާ އަޅައި ބަލާއިރު މީޑިއާތަކާއި ނޫސްވެރިންގެ ޒިންމާ މިޒަމާނުގައި ބޮޑުވެފައިވާކަމަށާއި އެގޮތުން ސޯޝަލް މީޑިއާގެ ސަބަބުން، ކޮންމެ މީހަކަށްވެސް މިހާރު ފަސޭހަކަމާއެކު ޚަބަރެއް ފަތުރާލެވިދާނެކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ. އެހެންކަމުން ރައްޔިތުންނަށް ތެދު ޚަބަރު ފޯރުކޮށްދީ، ކޮންމެ ކަމެއްގެވެސް ހުރިހާ ފަރާތެއް ހާމަކޮށް ދޮގާއި ފިތުނަ ފެތުރުނަ ނުދީ، ގައުމުގެ އަގުތައް ހިފެހެއްޓުމަކީ ނޫސްވެރީންގެ ކޮނޑުގައި އެޅިފައި އޮތް ވަރަށް މުހިންމު ވާޖިބެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރޭގެ ރަސްމިއްޔާތުގައި ނައިބުރައީސް ވަނީ، މޯލްޑިވްސް މީޑިއާ ކައުންސިލްގެ އާ ލޯގޯ އިފްތިތާހުކޮށްދެއްވާފައެވެ.

އަދި 2022 ވަނަ އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާ ކަމަށް ހޮވުނު ދައުރު ނޫހުގެ އަޙްމަދު ނާއިފަށް އެމަނިކުފާނު އިނާމު ހަވާލުކޮށްދެއްވިއެވެ.

އެ ހަފުލާގައި އެންމެ އުންމީދީ ނޫސްވެރިޔާގެ އެވޯޑް ހާސިލުކޮށްފައި ވަނީ "ސަން އޮންލައިން"ގެ ނޫސްވެރިޔާ މުޙައްމަދު ނާއިލް ހަފީޒެވެ.

comment ކޮމެންޓް