އެންމެ އުއްމީދީ ނޫސްވެރިއަކަށް ސަންގެ ނާއިލް

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ އެންމެ އުއްމީދީ ނޫސްވެރިއާގެ އެވޯޑު "ސަން އޮންލައިން"ގެ ނޫސްވެރިޔާ ނާއިލް ހަފީޒް ހޯދުން ---

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ އެންމެ އުއްމީދީ ނޫސްވެރިއާގެ އެވޯޑު "ސަން އޮންލައިން"ގެ ނޫސްވެރިޔާ މުޙައްމަދު ނާއިލް ހަފީޒް މިރޭ ހާސިލުކޮށްފިއެވެ.

އިސްލާމިކް ޔުނިވަސިޓީގައި ބޭއްވި އެ ރަސްމިއްޔާތުގައި ނާއިލްއަށް އުންމީދީ ނޫސްވެރިޔާގެ އެވޯޑު ހަވާލުކޮށްދެއްވީ މޯލްޑިވްސް މީޑިއާ ކައުންސިލްގެ ރައީސް އަހުމަދު މުސްތަފާއެވެ.

އެ އެވޯޑަށް މީޑިއާ ކައުންސިލުންނާއި އުރީދޫއިންނާއި ފައިސާގެ އިނާމާއި ދިރާގުން ހަ މަސް ދުވަހުގެ، 1،000 ރުފިޔާގެ ޕޯސްޓްޕެއިޑް ޕެކޭޖްއެއްދެއެވެ.

ނާއިލް ނޫސްވެރިކަމުގެ ދާއިރާއަށް ތައާރަފުވެފައި ވަނީ ސަން އޮންލައިންއިން، 2021 ވަނަ އަހަރެވެ.

ނާއިލް ނޫސްވެރިކަމުގައި ޚާއްޞަވެފައިވަނީ ސިޔާސީ އަދި އިޖުތިމާއި ދާއިރާއަށެވެ.

ނާއިލްއަކީ އެސްއެސް މީޑިއާގެ ދަށުން ހިންގާ، އެސްއެސްޓީވީގައި ވެސް ޚަބަރާއި ޕްރޮގްރާމްތައް ހުށަހެޅުމާއި ޕްރޮޑިއުސް ކުރުމުގައި ހަރަކާތްތެރިވާ ނޫސްވެރިއެކެވެ.

އެމްއެމްސީގެ އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާގެ އިނާމު މިފަހަރު ހާސިލުކުރީ "ދައުރު" ނޫހުގެ އަހުމަދު ނާއިފެވެ. އެ އިނާމު ހަވާލުކޮށްދެއްވީ ޖަލްސާގެ ޝަރުފުވެރި މެހެމާނު، ނައިބު ރައީސް ޙުސައިން މުޙައްމަދު ލަތީފެވެ.

ނާއިފް ނޫސްވެރިކަމުގެ ދާއިރާއަށް ތައާރަފުވީ 2010 ވަނަ އަހަރު ސަން އޮންލައިނުންނެވެ. އޭނާ ވަނީ ހަވީރު ނޫހާއި އަވަސް ނޫހުގައި ވެސް މަސައްކަތްކޮށްފައެވެ.

ނޫސްވެރިކަމުގެ ހަޔާތީ އަރުތައިގެ އެވޯޑް މިފަހަރު ދީފައި ވަނީ ނޫސްވެރިކަމަށް 40 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ، އަބްދުﷲ ރަމީޒާއި ދައުރު ނޫހުގެ މެނޭޖިން އެޑިޓަރު އަދި ސަން އޮންލައިންގެ ކުރީގެ ޗީފް އެޑިޓަރު އަހުމަދު ޒާހިރު (ހިރިގާ)އަށެވެ. އެ އެވޯޑް ހަވާލުކޮށްދެއްވީ ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާ ބެހޭ ވުޒާރާގެ ވަޒީރު އިބްރާހިމް ވަހީދެވެ.

comment ކޮމެންޓް