ގޭ ދޮރުމަތިން ނެގީ ބައްޕައަށް ހެދި ސިހުރު، އެނގުނީ ބައްޕަ ނިޔާވިފަހުން

ސިހުރު ހެދި ގޭގެ ދޮރުމަތި ކޮނެފައި-- ފޮޓޯ: ފޭސްބުކް/ މޫސާ ޝިމާއު

އެތައް ތަކުލީފަކާއި، އެތައް ވޭނެއްގައި އުޅުމަށްފަހު އުމުރުން 62 އަހަރުގެ، ނ. ހޮޅުދޫ، އަލީ އުމަރު ނިޔާވިތާ ހަަތަރު ދުވަސްވީއެވެ.

އެ ވޭނުގައި އެތައް ދުވަހަކު އުޅުނުއިރު ވެސް އޭނާގެ ދަރިފުޅު މޫސާ ޝިމާއުއަށް ބައްޕަގެ ކިބައިގައިހުރީ ކޮން ބައްޔެއް ކަމެއް ނޭނގުނެވެ.

ބަލި ދެނެގަންނަން ރާއްޖެއާއި ރާއްޖެއިން ބޭރުން ނުހޯދާ ފަރުވާއެއް ނެތެވެ. ޑޮކްޓަރުންނަށް ދައްކައި އެތައް ފަހަރަކު މަސައްކަތް ކުރެވިފައި ވެސްވެއެވެ.

ނަމަވެސް ސިއްހީ ފަރުވާ ހޯދަން ކުރި މަސައްކަތުން އެއްވެސް ކުރިއެެރުމެއް ނުލިބުމުން ދެން ޝިމާއުގެ އާއިލާއިން ހޯދީ ރުގްޔާގެ ފަރުވާއެވެ. ރުގްޔާކޮށްގެން ބެލި ބެލުމުން އެނގުނީ އެ އުފުލި ވޭނަކީ ސިހުރުގެ ސަބަބުން އުފުލަން ޖެހުނު ކަމެއްކަމެވެ.

"ބައްޕަ ނިޔާވިތާ މިއަދަށް މިވީ އަދި އެންމެ ތިން ދުވަސް. އަޅުގަނޑުމެންގެ މި ދިރިއުޅުމަށް ސިހުރު ހެދުމުގެ ގޮތުން ގޭދޮރު މަތީގައި ލުނބޮއެއް ވަޅުލައިފައި ވާނެކަމަށް އެ ކަންކުރި ފަރާތުން ވަނީ އެއްބަސްވެފައި،" ޝިމާއު ހިއްސާކުރިއެވެ.

ރުގްޔާގެ ފަރުވާ ފެށުމާއެކު ބައްޕައަށް ކޮންމެވެސް ވަރެއްގެ ލުއި ލިބުނު ނަމަވެސް ބަލި އައީ އިތުރަށް ބޮޑުވަމުންކަމަށް ޝިމާއު ބުންޏެވެ. އޭނާގެ ބައްޕަ އެ ވޭނާއި ނިޔާވުމާ ދޭތެރޭ ހޭދަމިވީ ހަމަ އެންމެ ހަތަރު މަސް ދުވަހެވެ.

ޝިމާއު ބުނި ގޮތުގައިވީ ކީއްކަން ސާފުވީ ބައްފަ ނިޔާވި ފަހުންނެވެ. އެގޮތުން ބައްޕަ ނިޔާވިތާ ތިންވަނައަށް ވީ ދުވަހުން ފެށިގެން އެ ކަން ކުރި މީހާ ޝިމާއުގެ މަންމައަށް ގުޅަން ފެށިއެވެ.

އެ ވާހަކަ އޭނާގެ މަންމަ ހިއްސާކުރުމުން އާއިލާއިން އެ މީހާ އާ ބައްދަލުކުރީއެވެ. މުޅި އާއިލާއަށް ސިހުން ގެނުވީ ސިހުރު ހެދި މީހާ އެކަމަށް އެއްބަސްވުމުންނެވެ.

ސިހުރު ހެދި ގޭގެ ދޮރުމަތި ކޮނެފައި-- ފޮޓޯ: ފޭސްބުކް/ މޫސާ ޝިމާއު

"މަންމަ އެކަމާ ހިތް ނުތަނަވަސްވެ އެ ޚަބަރު އަޅުގަނޑުމެންނަށް ދިން ހިސާބުން އަޅުގަނޑުމެން ގޮސް އެ ފަރާތާ ބައްދަލުކުރީ. އެ ސިހުރު ވަޅުލައިފައިވާނެކަމަށް އެ މީހާ ދެ ފަރާތުގެ އާއިލާ ކުރިމަތީ އެއްބަސްވި،" ޝިމާއު ބުންޏެވެ.

ޝިމާއު ބުނީ ސިހުރު ހެދިކަމަށް އެއްބަސްވި މީހާ ލައްވައި ހަމަ އެ ވަގުތު ސިހުރު ވަޅުލައިފައި އޮތްތަން ކޮނުނު ކަމަށެވެ.

"ކޮންމެ މީހަކު، ކޮންމެ ބަޔަކު ކުރިޔަސް މިއީ ވަރަށް ދެރަ ކަމެއް. މިއީ މުޖުތަމައުގެ ސަލާމަތަށް ހުރި ބޮޑު ނުރައްކަލެއް. ކުށެއް ނެތް ނަފްސުތައް، ފުރާނަތައް ނިމިދަނީ،" ޝިމާއު އެ ވާހަކަ ހިއްސާކޮށް ކުރި ފޭސްބުކް ޕޯސްޓު ނިންމާލަމުން ބުނެފައިވެއެވެ.

އެ ވާހަކަ "ސަން"އާ ހިއްސާކުރަމުން ޝިމާއު ބުނީ، އެ މައްސަލަ މިހާރު ފުލުހަށް ހުށަހަޅައިފައިވާ ކަމަށެވެ. ނަމަވެސް އެކަމާ ގުޅިގެން އަދި ފުލުހުންގެ ބަހެއް ލިބިފައެއްނުވެއެވެ.

ސިހުރު ހެދުމަކީ ރާއްޖޭގައި އަދިވެސް އާންމު ކަމެކެވެ. އެގޮތުން މީގެ ކުރިން ވެސް މިފަދަ ސިހުރުގެ ހާދިސާތައް ރިޕޯޓުކޮށްފައިވެއެވެ. އަދި ސިހުރު ހެދި ކަމަށް އެއްބަސްވާ މީހުންގެ މައްޗަށް ހުކުމް ކުރުމަށްފަހު އެތައް މަހަކަށް ގޭ ބަންދުގައި ވެސް ބައިތިއްބައިފައި އެބަހުއްޓެވެ.

comment ކޮމެންޓް