ތިނަދޫގައި އައިޔޫއެމް ކެމްޕަސް ގާއިމްކުރުމުން މުޅި އަތޮޅަށް ފައިދާވާނެ: ސައުދު

ތިނަދޫގައި އިމާރަތްކޮށްފައިވާ އިސްލާމީ މަރުކަޒު: އެތަން އިމާރާތް ކުރަމުން ދިޔަ އިރު، އެ ސައިޓުން ވަގަށް ނަގާފައިވާ ތަކެއްޗާއެކު ބިދޭސީއަކު ވަނީ ހައްޔަރުކޮށްފައި -- ފޮޓޯ/ މުހައްމަދު އަހްތާރު

ތިނަދޫ ސިޓީގެ އިސްލާމީ މަރުކަޒުގައި އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)ގެ ކެމްޕަސް ހިންގަން ފެށުމުން ތިނަދުއަށާއި މުޅި ގދ. އަތޮޅަށް ގިނަ ކުރި އެރުންތަކެއް ލިބޭނެކަމަށް އެ ސިޓީގެ މޭޔަރު ސައުދު އަލީ ވިދާޅުވެއްޖެއެެވެ.

މިދިޔަ އަންގާރަ ދުވަހު އައިޔޫއެމްގެ ކެމްޕަހެއް ހިންގަން ހަވާލުކުރުމަށް އައިޔޫއެމުން އިސްލާމީ ކަންކަމާ ބެހޭ ވުޒާރާއާއެކު އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެެވެ.

އެ ކަމާ ގުޅޭގޮތުން ''ސަން''އާ ވާހަކަދައްކަވަމުން ސައުދު ވިދާޅުވީ އަލަށް ހުޅުވަން ތައްޔާރުވާ މި ކެމްޕަހުގެ ސަބަބުން މާލެ ނުގޮސް ރަށުގައި ތިބެގެން ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ފަހިވާނެކަމަށެވެ.

އެއީ މާލެ ގޮސްގެން ކޯސް ހަދާނަމަ ހޭދަވާ އިތުރު ޚަރަދުތައް ވަރަށް ބޮޑަށް ސަލާމަތްވާނެ ކަމެއް ކަމަށް ވެސް ސައުދު ވިދާޅުވިއެވެ. އެއާއެކު މުޅި އަތޮޅުގެ ޒުވާނުންނަށް ޚަރަދު ކުޑަކޮށް ތައުލީމް ހާސިލްކުރުމުގެ ފުރުސަތު ލިބޭނެކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ސައުދުވަނީ ރާއްޖޭގައި ތަފާތު ދާއިރާތަކުން ހުނަރުވެރި ޒުވާނުން ބިނާކުރުމަށް ޔުނިވާސިޓީތަކާއި އެހެން ކޮލެޖުތަކުން ވެސް އަތޮޅު ތެރޭގައި ފުރުސަތުތައް މިހާރަށްވުރެ ފަހިކޮށް ގާއިމްކުރުން މުހިންމުކަމަށް ވިދާޅުވެފައެވެ.

އެ ކަމުގައި މިހާރަށްވުރެ އިތުރަށް އެ ކައުންސިލުން ވަކާލާތު ކުރާނެ ކަމަށް ވެސް ސައުދު ވިދާޅުވިއެވެ.

comment ކޮމެންޓް