ބްރެޒިލާ ހަވާލުނުވެ، ރެއާލްގައި އެންޗެލޮޓީ މަޑުކުރާނެ: މޮރީނިއޯ

ރޯމާގެ ކޯޗު މޮރީނިއޯ އަދި ރެއާލްގެ ކޯޗު އެންޗެލޮޓީ -- ފޮޓޯ/ ގެޓީ

ބްރެޒިލްގެ ގައުމީ ޓީމާ ހަވާލުނުވެ، ކޯޗު ކާލޯ އެންޗެލޮޓީ ރެއާލް މެޑްރިޑުގައި މަޑުކުރާނެކަމަށް ރޯމާގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފިއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ބްރެޒިލްގެ ޓީމުން ކޯޗަކަށް އެންޗެލޮޓީ ހޯދުމަށް މަސައްކަތްތަކެއް ކޮށްފައިވާއިރު، މި ސީޒަން ނިމުމާއެކު އޭނާ އެ ޓީމާ ހަވާލުވާން އޮތީ ހަމަޖެހިފައެވެ.

އަދި ރެއާލުން އަންނަ ސީޒަނުގައި އެންޗެލޮޓީގެ ބަދަލުގައި އާ ކޯޗެއް ހޯދުމަށް މަސައްކަތްކުރަމުން އަންނަކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

ބްރެޒިލް ގައުމީ ޓީމާ ހަވާލުވުމަށް އެންޗެލޮޓީ ނިންމައިފައިވާކަމަށް ރިޕޯޓުކޮށްފައިވީ ނަމަވެސް، މީގެ ކުރިން ރެއާލަށް އިރުޝާދު ދިން މޮރީނިއޯ ގަބޫލުކުރާ ގޮތުގައި އަންނަ ސީޒަނުގައި ވެސް ރެއާލްގެ ކޯޗެއްގެ ގޮތުގައި ފެންނާނީ އެންޗެލޮޓީއެވެ.

"ރެއާލަށް އޭނާގެ ބޭނުން ޖެހިފައިވާ ހާލަތެއްގައި ކްލަބު ދޫކޮށްލުން ވެގެންދާނީ މޮޔަ ކަމަކަށް. ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް، ކޯޗަކަށް ގެންނަ މީހަކު ދިގު މުއްދަތަކަށް ކްލަބުގައި ބަހައްޓަން ބޭނުންވާނެ. އެންޗެލޮޓީއަކީ ރެއާލަށް އެންމެ އެކަށީގެންވާ ކޯޗު،" މޮރީނިއޯ ބުންޏެވެ.

މޮރީނިއޯ ބުނީ މީގެ ކުރިން ރެއާލާ ހަވާލުވެ ހުރިއިރު، ކްލަބުން އޭނާ ބަހައްޓަން ބޭނުންވި ކަމަށާއި ތިން އަހަރަށްފަހު އެ ކްލަބު ދޫކޮށްލުމަކީ އޭނާއަށް ހެދުނު ގޯހެއް ކަމަށެވެ.

ރިޕޯޓުތައް ބުނާގޮތުގައި އެންޗެލޮޓީގެ ބަދަލުގައި އަންނަ ސީޒަނުގައި ރެއާލްގެ ކޯޗަކަށް ގެނައުމަށް ބްރައިޓަންގެ ކޯޗު ރޮބާޓޯ ޑި ޒާބީ އާއި ބަޔާ ލެވަކޫސަންގެ ކޯޗު ޒަބީ އަލޮންސޯއާ އެ ކްލަބުން ދަނީ މަޝްވަރާކުރަމުންނެވެ.

comment ކޮމެންޓް