ބަހުގެ އެކެޑަމީގެ ގައުމީ މަޒުމޫނު، ކުރު ވާހަކައާއި ޅެން ހެދުމުގެ މުބާރާތް ފަށައިފި

އެކެޑަމީން ބާއްވާ ގައުމީ މުބާރާތްތަކުގެ ތެރެއިން -- ފޮޓޯ/ އިންފިނިޓް މޮމެންޓްސް (މުހައްމަދު ޝާތިއު)

މި އަހަރުގެ އަދަބީ ކަލަންޑަރުގައި، ދިވެހިބަހުގެ އެކަޑަމީން ހިމަނާފައިވާ، ގައުމީ މުބާރާތްތައް މިއަދު މުޅި ރާއްޖޭގައި ފަށައިފިއެވެ.

އެގޮތުން މިއަދު ފަށާފައިވަނީ، އަލްއުސްތާޛު މުޙައްމަދު ޖަމީލު ދީދީގެ ހަނދާނީ ވާދައިގެ ތައްޓަށް ބާއްވާ މަޒުމޫނު ލިޔުމުގެ 38ވަނަ ގައުމީ މުބާރާތާއި އައްޝައިޚް މަލިމް މޫސާ މާފަތްކަލޭފާނުގެ ހަނދާނީ ވާދައިގެން ތައްޓަށް ބާއްވާ ކުރު ވާހަކަ ލިޔުމުގެ 35ވަނަ ގައުމީ މުބާރާތާއި ހުތްއަލިދީދީގެ ވާދައިގެ ތައްޓަށް ބާއްވާ ޅެން ހެދުމުގެ 26ވަނަ ގައުމީ މުބާރާތެވެ.

މި މުބާރާތް ފަށާއިފައި ވަނީ މިއަދު މެންދުނުފަހު 15:30 ގައެވެ.

މިއަދާއި މާދަމާ ތިން ދަންފަޅިއަކަށް ބަހައިލައިގެން މި މުބާރާތް ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ. މުބާރާތްތައް ކުރިއަށްދާނީ ރާއްޖޭގެ ހުރިހައި ސަރަހައްދެއްގައި ވެސް އެއް ވަގުތެއްގައެވެ.

މި މުބާރާތުގައި ރާއްޖޭގެ ހުރިހައި އަތޮޅަކުން ބައިވެރިވެފައިވެއެވެ. އެގޮތުން އަތޮޅުތަކުން މި މުބާރާތުގައި 117 ސުކޫލަކުން ވާދަކުރެއެވެ. އަދި މާލޭ ސަރަހައްދުން 20 ސްކޫލަކުން ބައިވެރިވެފައިވެއެވެ.

ދިވެހިބަހުގެ އެކަޑަމީން ބުނީ، މި މުބާރާތްތައް ކުރިއަށް ގެންދާނީ ހަތަރު ބަޔަކަށް ބަހާލައިގެން ކަމަށެވެ. އެއީ:

  • ސްކޫލުތަކުގެ ބައި
  • މަތި ތައުލީމުގެ ބައި (ޔުނިވާސިޓީ/ކޮލެޖު/އިންސްޓިޓިއުޓް/އެކަޑަމީ)
  • އަމިއްލަ ފަރާތްތަކުގެ ބައި (18 އަހަރުން ދަށުގެ އުމުރުފުރާ/18 އަހަރުން މަތީ އުމުރުފުރާ)
  • އޮފީސް/ކުންފުނި/ކުލަބު/ޖަމިއްޔާ/ޖަމާއަތްތަކުގެ ބައި

ސްކޫލުތަކުގެ ބައި ކުރިއަށް ގެންދާނީ ތިން އުމުރުފުރާއަކަށް ބަހާލައިގެންނެވެ. އެއީ ކީ ސްޓޭޖް ތިނެއް، ކީ ސްޓޭޖް ހަތަރެއްގެ އިތުރުން ކީ ސްޓޭޖް ފަހެކެވެ.

މި މުބާރާތްތައް މުޅި ރާއްޖޭގައި ކުރިއަށްގެންދަނީ ލޯކަލް ގަވަމެންޓު އޮތޯރިޓީއާއި ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އެހީތެރިކަމާއެކުގައެވެ.

އެއް ވަގުތެއްގައި މުޅި ރާއްޖޭގައި ކުރިއަށްދާ މި މުބާރާތް މޮނިޓާ ކުރާނީ ދާދިވަރުކޮށެވެ.

comment ކޮމެންޓް