ކުޑަކުދިންނަށް އެންމެ ނުރައްކަލީ ޣައްޒާގައި: ޔުނިސެފް

ޣައްޒާއަކީ މި ވަގުތު ދުނިޔޭގައި އޮތް ކުޑަކުދިންނަށް އެންމެ ނުރައްކާތެރި ސިޓީ ކަމަށް އދ ގެ ކުޑަކުދިންނާ ބެހޭ އޭޖެންސީ (ޔުނިސެފް)ގެ އެކްޒެކްޓިވް ޑިރެކްޓަރު ކެތްރީން ރަސުލް ވިދާޅުވެއްޖެއެވެ.

މިދިޔަ މަހުގެ ހަތްވަނަ ދުވަހު ޔަހޫދީ އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް އަމާޒުކޮށް ދޭންފެށި ހަމަލާތަކުގައި މިހާތަނަށް 5300 މުސްލިމު ކުޑަކުދިން ޝަހީދުކޮށްލާފައިވާއިރު، އެއީ ހަނގުރާމައިގައި މިހާތަނަށް މަރުވި މީހުންގެ 40 އިންސައްތަ ކަމަށް ރަސުލް ވިދާޅުވިއެވެ. އަދި، މިއީ މީގެކުރިން ނުފެންނަ ކަމެއް ކަމަށް ވެސް ރަސުލް ވަނީ ވިދާޅުވެފައެވެ.

ދެ ފަރާތުގެ ބެލުމުގެ ދަށުގައި ތިބި އަސީރުންނާއި ގައިދީން މިނިވަންކޮށް، ހަމަލާތައް ހަތަރު ދުވަހަށް މެދުކަނޑައިލަން ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތްކުރާ ހަމާސް ޖަމާއަތާ، އިސްރާއީލާއި ދެމެދު ބުދަ ދުވަހު ވެފައިވާ އެއްބަސްވުމަށް ރަސުލް ވަނީ މަރުހަބާ ކިޔާފައެވެ. ނަމަވެސް ހަމަލާތައް މެދުކަނޑާލުމަކީ އަދި އެންމެ ރަނގަޅު ގޮތް ނޫންކަން ފާހަގަކުރައްވައި އެންމެ ރަނގަޅު ގޮތަކީ ގަތުލު އާންމު މިހާރުން މިހާރަށް ހުއްޓާލައި ޣައްޒާއަށް ބޭނުންވާ އިންސާނީ އެހީ އަވަހަށް ފޯރުކޮށްދިނުން ކަމުގައި ރަސުލް ވިދާޅުވިއެވެ.

ހަނގުރާމައިގެ ޝަހިދުކޮށްލި ކުދިންގެ އިތުރުން ހަމަލާތައް ދިނުމުން ސުންނާފަތިވެފައިވާ އިމާރާތްތަކުގެ ދަށުގައި ނުވަތަ އެ ނޫން ވެސް ގޮތްގޮތަށް ވީނުވީއެއް ނޭނގި ގެއްލިފައިވާ 1،200 ކުދިން އެބަތިބި ކަމަށް ރަސުލް ވިދާޅުވިއެވެ.

"ބޮމާއި ރޮކެޓް އަދި ބަޑިޖެހުމުގެ އިތުރުން ޣައްޒާގެ ކުދިންނަށް ދިރިއުޅުމުގެ ނުރައްކާ އިންތިހާއަށް ކުރިމަތިވެފައިވޭ،" ރަސުލް އިތުރަށް ވިދާޅުވިއެވެ. ޣައްޒާ ސިޓީ ތެރޭގައި ތިބި ހުރިހާ ކުދިން މިހާރު ތިބީ ކާބޯތަކެތީގެ ރައްކާތެރިކަމެއް ނެތިއެވެ.

ޔުނިސެފުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި ރަނގަޅު ކާނާ ނުލިބި، ޣައްޒާގައި މާލްނިޔުޓްރިޝަން ކުދިންގެ ނިސްބަތް 30 އިތުރުވާނެއެވެ.

ރަސުލްގެ އިތުރުން ސަލާމަތީ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން އދގެ ޕޮޕިއުލޭޝަން ފަންޑުގެ ވެރިޔާ ނަތާލިއާ ކަނޭމް ވިދާޅުވި ގޮތުގައި ކުރިއަށް އޮތް މަސް ދުވަހުގެ ތެރޭގައި ޣައްޒާގެ 5500 މާބަނޑު އަންހެނުން އެއްވެސް ކަހަލަ ރައްކާތެރި ކަމެއް ނެތް ހަނގުރާމައިގެ މައިދާނަކަށް ވިހާނެއެވެ.

އަންހެނުނާ ބެހޭ އދ ގެ އޭޖެންސީގެ ވެރިޔާ ސިމާ ބަހޫސް ވިދާޅުވި ގޮތުގައި ޣައްޒާގައި މިހާތަނަށް މަރުވި މީހުންގެ 67 އިންސައްތައަކީ އަންހެނުންނާއި ކުޑަކުދިންނެވެ. އެއީ، ކޮންމެ ގަޑިއިރަކުން ދެ މައިން އަދި ދެ ގަޑިއިރަކުން ހަތް އަންހެނަކު މަރާލުން ކަމުގައި ސިމާ ވިދާޅުވިއެވެ.

"ފާއިތުވި 15 އަހަރު ތެރޭގައި ޣައްޒާގައި ހަ ބުރުގެ އަނިޔާވެރިކަން އަޅުގަނޑުމެންނަށް ވަނީ ފެނިފައި. ނަމަވެސް އަޅުގަނޑުމެންގެ ބެލުމުގެ ދަށުން ޣައްޒާގެ ރައްޔިތުންނަށް މިހާރު ތަހައްމަލު ކުރަން މަޖުބޫރު ކުރަމުންދާ އަނިޔާ ވެރިކާ ކަމަކީ މީގެ ކުރިން ފެނިފައިވާ ހާލަތެއް ނޫން،" ސިމާ ވިދާޅުވިއެވެ.

comment ކޮމެންޓް