ސްޓެލްކޯގެ ކުރީގެ އެމްޑީ މުޣުނީ ވެސް ޕީސީބީއަށް

ސްޓެލްކޯގެ ކުރީގެ އެމްޑީ ހަސަން މުޣުނީ -- ފޮޓޯ/ އެންއީއޯސީ

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން (ޕީސީބީ)ގެ ބޯޑުގެ މެންބަރުކަމަށް ސްޓެލްކޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ މިއަދު ޢައްޔަންކޮށްފިއެވެ.

މިދިޔަ ސަރުކާރުގެ ފުރަތަމަ ދުވަސްވަރު މުޣުނީ ހުންނެވީ، ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރަކަށެވެ. އޭނާ އެންމެ ފަހުން ހުންނެވީ މިނިސްޓާ އޮފް ސްޓޭޓް ފޯ އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ މަގާމުގައެވެ. މީގެ ކުރިން ވެސް އޭނާ ވަނީ ސަރުކާރާއި އަމިއްލަ ކުންފުނިތަކުގެ އިސް މަޤާމުތައް ފުރުއްވައިފައެވެ.

މުޣުނީ ވަނީ އެމެރިކާގެ ބްރޭންޑައިސް އިންޓަނޭޝަނަލް ބިޒްނަސް ސްކޫލުން މާސްޓާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ފުރިހަމަކުރައްވައިފައެވެ.

އިއްޔެ ވެސް ޕީސީބީގެ ބޯޑަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ތިން މެންބަރުން އައްޔަންކުރައްވައިފައެވެ. އަދި، އެ ބޯޑުގެ ރައީސްކަމަށް ހަމްދީ އަގީލް ރޭ ވަނީ އައްޔަންކުރައްވައިފައެވެ.

ޕީސީބީއަށް އައްޔަންކުރި ތިން ބޭފުޅުންނަކީ:

  • އެކައުންޓިން އެންޑް ފައިނޭންސް ގެ ދާއިރާއިން: އަޙްމަދު މުޝްތާޤު
  • ބޭންކިންގެ ދާއިރާއިން: ލީނާ ޢަބްދުލްޖަލީލް
  • ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން: އަލްއުސްތާޛު މޫސާ ފަތުޙީ އާދަމް

ނިމިދިޔަ ސަރުކާރުން މީގެ ކުރިން އެ ބޯޑުގައި ތިއްބެވި ބޭފުޅުންގެ ދައުރު ހަމަވުމަށް ފަހު ބޭފުޅުން އައްޔަންނުކޮށް ހުރުމުގެ ސަބަބުން އާ ސަރުކާރުން ކުންފުނިތަކުގެ ބޯޑަށް ހުޝަހަޅާ، ބޭފުޅުން އައްޔަންކުރުމުގެ މަސައްކަތްތައް އޮތީ ހުއްޓިފައެވެ.

އެހެންނަމަވެސް ޕީސީބީއަށް އަލަށް އައްޔަންކުރި ބޭފުޅުންނާ އެކު މަސައްކަތް ފެށޭނެއެވެ.

ޕީސީބީގެ ގާނޫނުގައިވާ ގޮތުން އެ ބޯޑުގައި ތިބޭނީ ރައީސް އައްޔަންކުރައްވާ ބޭބޭފުޅުންގެ ތެރެއިން މަޖިލީހުން ރުހުން ދޭ މެންބަރުންތަކެވެ.

comment ކޮމެންޓް