ހަނގުރާމައިގައި މިހާތަނަށް 53 ނޫސްވެރިން މަރާލައިފި

އިސްރާއީލުގެ ހަމަލާތަކުގައި މަރާލާފައިވާ ފަލަސްތީނު ދެ ނޫސްވެރިންގެ ހަށިގަނޑު ކައިރީ އާއިލާގެ މެމްބަރުން އިށީދެގެން. ފޮޓޯ/އަހްރަމް އޮންލައިން

ޔަހޫދީ އިސްރާއީލުން ފަލަސްތީނަށް ދެމުންގެންދާ ހަމަލާތަކުގައި މިހާތަނަށް 53 ނޫސްވެރިން މަރާލާފައިވާ ކަމަށް ކޮމެޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓް (ސީޕީޖޭ)އިން އަންގާރަ ދުވަހު އާންމުކޮށްފައިވާ ހިސާބުތަކުން ދައްކައިފިއެވެ.

ނިއުޔޯކުގައި ހުންނަ ސީޕީޖޭއިން ހާމަކޮށްފައިވާ ގޮތުގައި އޮކްޓޯބަރު ހަތްވަނަ ދުވަހު ޣައްޒާއާ ދެކޮޅަށް އިސްރާއީލުން ހަނގުރާމަ ފެށި ފަހުން މަރާލާފައިވާ ނޫސްވެރިންގެ ތެރެއިން ހިމެނެނީ ފަލަސްތީނުގެ 46 ނޫސްވެރިންނާއި އިސްރާއީލުގެ ހަތަރު ނޫސްވެރިން އަދި ލުބްނާންގެ ތިން ނޫސްވެރިންނެވެ.

ހަނގުރާމައިގެ ތެރެއިން އެންމެ ފަހުން މަރާލާފައިވަނީ އީރާނަށް ތާއީދުކުރާ ލުބުނާނުގެ ޗެނަލް އަލް މަޔާދީންގެ ދެ ނޫސްވެރިން ކަމަށް އަހްރަމް އޮންލައިނުން ރިޕޯޓުކުރެއެވެ. އެ ނޫސްވެރިން މަރާލާފައި ވަނީ ލުބުނާނުގެ ދެކުނުގައި އިސްރާއީލުން ދިން ހަމަލާތަކެއްގައެވެ.

ހަނގުރާމަ ފެށުނު ފަހުން 11 ނޫސްވެރިންނަށް އަނިޔާވެފައިވާއިރު ތިން ނޫސްވެރިން ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށާއި، 18 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް ސީޕީޖޭއިން ހާމަކުރެއެވެ.

ހަނގުރާމަ ކަވަރު ކުރުމަށް ޣައްޒާގައާއި ފަލަސްތީނުގެ އެހެން ސަރަހައްދުތަކުގައި ވެސް ތިބޭ ނޫސްވެރިންނަށް ނުރައްކާ ބޮޑު ކަމަށް ސީޕީޖޭއިން ބުނެއެވެ. އަދި، ކަރަންޓު ކެނޑުމާއި މުވާސަލާތީ ހިދުމަތް ނުލިބުން ފަދަ އެތައް ދަތިތަކަކާ ވެސް ނޫސްވެރިންނަށް ވަނީ ކުރިމަތިލާން ޖެހިފައެވެ.

އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހު ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތްކުރާ، ހަމާސް ޖަމާއަތުން އަލް އަގްސާ ފްލަޑް އޮޕަރޭޝަންގެ ނަމުގައި ފެށި ހަމަލާތަކެއް އިސްރާއީލަށް އަމާޒުކޮށް ދޭން ފެށުމުން، އޭގެ ބަދަލުގައި ކަމަށް ބުނެ އިސްރާއީލުން އަންނަނީ ޣައްޒާގެ އާންމުންނަށް އަމާޒުކޮށް ހަމަލާތައް ދެމުންނެވެ.

އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި މިހާތަނަށް 14،000 ފަލަސްތީނު މުސްލިމުން ވަނީ ޝަހީދުކޮށްލާފައެވެ.

comment ކޮމެންޓް