ބޭރުގެ ލޮޅުންތަކާއި ދަރަންޏާއި ޚަރަދުތައް ބޮޑުވުމުގެ ސަބަބުން ރާއްޖޭގެ އިގްތިޞާދަށް ބޮޑު ގެއްލުމެއް ލިބިފައިވާކަމަށާއި، ކުރިއަަށް ހުރި ދުވަސްތަކުގައި މެދުރާސްތާގައި ރާއްޖޭގެ ދަރަނި ޖީޑީޕީގެ ނިސްބަތުން 115 ޕަސެންޓަށްވުރެ މައްޗަށް އަރާނެކަމަށް ލަފާކުރެވޭކަމަށް ވޯލްޑް ބޭންކުން ބުނެފިއެވެ.
ވޯލްޑް ބޭންކުން އެހެން ބުނީ އެ ބޭންކުން ތައްޔާރުކުރި 'ބެޓެން ޑައުން ދަ ހެޗަސް' ރިޕޯޓުގައެވެ.
އެ ރިޕޯޓު ބުނާ ގޮތުން ބާޒާރުގައި ތަކެތީގެ އަގު އުފުލުމާއި ދަރަނި ބޮޑުވުވެފައިވުމުގެ އިތުރުން ސަރުކާރުން ކުރާ ޚަރަދު އިތުރުވުމަކީ މާލީ ގޮތުން ރާއްޖެއަށް ގޮންޖެހުންތައް ކުރިމަތިވެފައި އޮތް ސަބަބެވެ.
އެ ކަން ހައްލުކުރުމަށް ޓަކައި އެ ކަންކަން ބަލަހައްޓާނެ ހަރުދަނާ ނިޒާމެއް ގާއިމުކޮށް، އެ މައްސަލަތަކަށް އިސްލާހީ ފިޔަވަޅުތަކެއް އަަވަހަށް އެޅުން މުހިންމުކަމަށް ވޯލްޑް ބޭންކުން ބުންޏެވެ.
އަދި ވޯލްޑް ބޭންކުންވަނީ މެދު ރާސްތާގައި ބޮލަކަށް ޖެހޭ ދަރަނީގެ ޖިސްބަތް 115 ޕަސެންޓަށް އަރައިފާނެކަމަށް ވެސް ލަފާކޮށްފައެވެ.
މީގެ އިތުރުން މި އަހަރުގެ ކުރީކޮޅު ނިމިދިޔަ ސަރުކާރުން ޖީއެސްޓީ ރޭޓު ބޮޑުކޮށްފައިވީ ނަމަވެސް ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކާއި ސަބްސިޑީއަށް ގެންނަން ރޭވި ބަދަލުތައް ގެންނަން މިހާރު ލަސްވެފައިވާކަމަށް ވެސް ބޭންކުން ބުންޏެވެ.
އެގޮތުން ޚަރަދު ކުޑަކުރުމުގެ ސިޔާސަތުތައް އެކުލަވައިލުމާއެކު އާމްދަނީ އިތުރުކުރަން މަސައްކަތްކުރަން ޖެހޭކަމަށް ވެސް ވޯލްޑް ބޭންކުން ފާހަގަކުރިއެވެ.
އެގޮތުން އެންމެ އިސްކަންދޭ ޖެހޭ ކަންކަމުގެ ގޮތުގައި ފާހަގަކޮށްފައިވަނީ:
- އާސަންދަ ދޭ ގޮތަށް އިސްލާހީ ބަދަލުތައް ގެނައުން
- ރޭވުންތެރިކަމާއެކު އުމްރާނީ ތަރައްގީގެ ވަސީލަތްތައް ގާއިމްކުރެވޭކަން ކަށަވަރުކުރަން ހަރުދަނާ އޮނިގަނޑެއް ގާއިމްކުރުން
އާމްދަނީ އިތުރުކުރުމަށް ކުރެވޭނެ ކަންކަމުގެ ގޮތުގައި ފާހަގަކޮށްފައި ހުރި ކަންކަމަކީ:
- ޓެކްސް ބޭސް ފުޅާކުރުން
- ރާއްޖޭގެ އެތެރެއިން އާމްދަނީ ލިބޭނެ ވަސީލަތްތައް އެކަށައެޅުން
- ހަމަހަމަ ޓެކްސްގެ އުސޫލުތައް ކުރިއެރުވުން
އުމްރާނީ ތަރައްގީތައް ފޯރުކޮށްދިނުމުގައި ރާއްޖެފަދަ ކުދި ގައުމުތަކާއި އަޅަ ބަލާއިރު ރާއްޖޭން ވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާކަމަށް އެ ބޭންކުން ފާހަގަކުރެއެވެ.
އަދި މަތީ މެދުފަންތީގެ އާމްދަނީ ލިބޭ ގައުމުތަކާ އަޅައިބަލާއިރު، ކޮންމެ އެއްހާސް މީހަކަށް ހުރި ހޮސްޕިޓަލް އެނދުގެ އަދަދު ރާއްޖޭގައި އިތުރެވެ.
ހަމައެއާއެކު މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުންވެސް ހެޔޮ އަގެއްގައި ރާއްޖޭގައި އުމްރާނީ ތަރައްގީ ފޯރުކޮށްދިނުމަށް ބޮޑެތި ދަތިތަކާއި ކުރިމަތި ލާންޖެހުމަކީ ވެސް އޮތް ޗެލެންޖެއްގެ ގޮތުގައި އެ ބޭންކުން ފާހަގަކުރެއެވެ.