ސްކޫލުތަކަށް ދޭ އަދަބިއްޔާތު ފޮތުގައި ގައުމިއްޔަތުގެ އިތުރު ބައިތައް ހިމަނަނީ

ދިވެހި ބަހާއި، ސަގާފަތާއި، ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން-- ސަން ފޮޓޯ/ މުހައްމަދު ޝާތިއު

އަލަށް އުފައްދަން މަސައްކަތް ފަށައިފައި އޮތް ސްކޫލުތަކުގެ އަދަބިއްޔާތު ފޮތުގައި ގައުމިއްޔަތުގެ އިތުރު ބައިތަކެއް ހިމަނައި އެ ބައިތައް ވެސް އުނގަންނައިދިނުމުގައި ބޭނުންކުރަން ނިންމައިފައިވާކަމަށް ދިވެހި ބަހާއި، ސަގާފަތާއި، ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު ވިދާޅުވެއްޖެއެވެ.

ދިވެހި ބަހާ ބެހޭ ވުޒާރާއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ނަސީރު ވަނީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައި ހިމެނޭ ދިވެހި ގައުމިއްޔާތާއި ދިވެހިންގެ ތަރިކައާއި، ސަގާފަތާ ގުޅުންހުރި މަސައްކަތްތައް ކުރިއަށް ގެންދަން ރާވައިފައިވާ ގޮތުގެ މައުލޫމާތު ހިއްސާކުރައްވައިފައެވެ.

ދިވެހި ބަހާއި، ސަގާފަތާއި، ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން-- ސަން ފޮޓޯ/ މުހައްމަދު ޝާތިއު

ރާއްޖޭގައި އަދަބިއްޔާތު މާއްދާ ވަކިން ކިޔަވައި ދިނުމުގެ މަސައްކަތް ކުރެވިފައިވީ ނަމަވެސް އެ މަސައްކަތް ހުއްޓިފައި އޮތީ އެ މާއްދާގެ ފޮތް ޗާޕު ކުރުމާ ހަމައިން ކަމަށް ދިވެހިބަހުގެ އެކެޑަމީން މީގެ ކުރިން ބުނެފައިވެއެވެ.

އެކަމާ ބެހޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ މުސްތަގުބަލުގައި އެ ފޮތް ޚާއްސަވާނީ ހަމައެކަނި އަދަބިއްޔާތާ ގުޅުންހުރި މައުލޫމާތު ހިމެނޭ ފޮތެއްގެ ގޮތުގައި އެކަނި ނޫންކަމަށެވެ.

އެ ފޮތުގައި ދިވެހިންގެ ތާރިހާއި ސަގާފަތް ރަމްޒުކޮށްދޭ ހުރިހާ ކަމެއް އެނގޭނެހެން ފޮތް ބަދަލުކުރުމުގެ މަސައްކަތް ކުރައްވާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުގެ މެނިފެސްޓޯގައި އެބައޮތް، ދިވެހި ގައުމާއި ތާރީޚާއި ސަގާފަތާއި، ދިވެހިންގެ ޖޯގްރަފީއާ އާދަކާދައަށް ދަރިވަރުން އަހުލުވެރިކުރުވާނެ ވަކި މާއްދާއެއް އުފެއްދުން. އެެހެންވީމަ މުސްތަގުބަލުގަ އެ ފޮތުން ހާސިލު ކުރައްވަން އޭރު އެ ގަސްތުކުރެއްވި މަގުސަދަށް ވުރެ ވެސް ތަނަވަސްކޮށް އަދި ފުޅާކޮށް އެ ކަން ހިމެނިގެން ދާނީ އަޅުގަނޑޫ ހިތުން މި އަންނަ ތަނަވަސް ބަދަލުގައި. ދެން މި ފޮތްބައި ނުކުމެގެން އަންނަ އިރު މި ފޮތްބައި ޚާއްސަ ވާނީ ހަމައެކަނި އަދަބިއްޔާތަކަށް ނޫން،" މިނިސްޓަރު ވިދާޅުވިއެވެ.

ހަމައެއާއެކު ގައުމިއްޔަތު ދިރުވުމުގެ މަޝްރޫއަށް ބޭނުންވާ ފަންސާސް ދިރާސާވެރިން ހޯދުމާއި އެ ކަމާ ގުޅުންހުރި މަސައްކަތްތައް ކަރުދާހުގައި އެކުލަވައިލުމުގެ މަސައްކަތް ވެސް ކުރައްވަމުން އަންނަކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އަދި ގައުމިއްޔަތުގެ މަޝްރޫއާ ބެހޭ ގޮތުން އުފައްދާ ކޮލެޖު އުފެއްދުމަށް މަސައްކަތްކޮށް އެ ކަމަށް ބޭނުންވާ ތަނާއި ވަސީލަތްތައް ހޯދުމަށް މަސައްކަތް ކުރާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ގައުމިއްޔަތު ވަކި މާއްދާއެއްގެ ގޮތުގައި ސްކޫލުތަކުގައި ކިޔަވައިދޭން ފެށުމަކީ ރައީސް ޑރ. މުއިއްޒުގެ ކެމްޕޭން ވައުދުފުޅެކެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ އޭނާ އެ ވުޒާރާއާ ހަވާލުވެވަޑައިގެން އާސާރީ ތަންތަން ބަލަހައްޓަން ތިއްބަވާ ބޭފުޅުންނާ ވާހަކަފުޅު ދައްކަވައިފައިވާ ކަމަށެވެ. އަދި އެ ބޭފުޅުން ކުރައްވަން ގަސްތުކުރައްވައިފައިވާ ކަަންތައްތައް ދެނެގަނެ، ހުރި ގޮންޖެހުންތައް ވެސް އޮޅުންފިލުއްވައިފައިވާ ކަމަށެވެ.

comment ކޮމެންޓް