ހަނގުރާމައަށް 47 ދުވަސް، 14،000 މަރު

ޣައްޒާއިން ޝަހީދުކޮށްލާފައިވާ ހަށިގަނޑުތަކެއް. ފޮޓޯ/ދަ ޓެލެގްރާފް

މިދިޔަ މަހުގެ ހަތްވަނަ ދުވަހު ޔަހޫދީ އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް އަމާޒުކޮށް ފެށި ހަނގުރާމައިގައި މިހާތަނަށް 14،128 ފަލަސްތީނު މީހުން ޝަހީދުކޮށްލާފައިވާ ކަމަށް ޣައްޒާގެ ހަމާސް ސަރުކާރުން ބުނެފިއެވެ.

އޭގެ ތެރޭގައި 5،840 ކުޑަކުދިންނާއި، 3،920 އަންހެނުން ހިމެނެއެވެ. ހަމަލާތަކުގައި 33،000 މީހުން ވަނީ ޒަޚަމުވެފައެވެ. ނަމަވެސް ސުންނާފަތިވެފައިވާ އިމާރާތްތަކުގެ ދަށުގައި ތިބި މީހުންގެ އަދަދު ކަށަވަރުކޮށް ބުނަން ނޭނގޭތީ، ޝަހީދުވެފައިވާ މީހުންގެ ސައްހަ އަދަދު ނޭގޭ ކަމަށް ހަމާސް ސަރުކާރުން މީގެ ކުރިން ވަނީ ބުނެފައެވެ.

ޖުމުލަ 6،800 އަށް ވުރެ ގިނަ މީހުން ވީނުވީއެއް ނޭނގި ގެއްލިފައިވާއިރު، އެ މީހުން އިމާރާތްތަކުގެ ދަށުގައި ތާށިވުން، ކާކުކަން ވަކި ކުރަން ނޭގުން ނުވަތަ މަރުވެފައިވާވުން ވެސް އެކަށީގެންވާ ކަމަށް ސަރުކާރުން ބުނެއެވެ.

މީހުން ދިރިއުޅޭ ގާތްގަޑަކަށް 44،000 ގެދޮރު ހަލާކުވެ، 230،000 ގެ ހަލާކުވެފައިވާއިރު، އޭގެ މާނައަކީ ޣައްޒާގެ 60 އިންސައްތަ ގެއަކީ ދިރުނޫޅެވޭ ހާލަތުގައި ހުރި ތަންތަންކަމެވެ.

އަދި، 26 ހޮސްޕިޓަލަކާއި 55 ސިއްހީ ހިދުމަތްދޭ އިތުރު ތަންތަނުގެ ހިދުމަތް ވަނީ ކެނޑިފައެވެ.

އިސްރާއީލުން ޝަހީދުކޮށްލާފައިވާ ދެ ކުދިން. ފޮޓޯ/ޓީއާރްޓީ ވޯލްޑް

ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތުން އިސްރާއީލަށް ދިން ހަމަލާއެއްގެ ރައްދުގައި ކަމަށް ބުނެ އިސްރާއީލުން އަންނަނީ ޣައްޒާގެ އާންމުންނަށް އަމާޒުކޮށް އެކި ވަރުގެ ހަމަލާތައް ދެމުންނެވެ.

ޣައްޒާގެ އިތުރުން އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރިއާއި އިރުމަތީ ޤުދުސްގައި ދިރިއުޅޭ ފަލަސްތީނު ރައްޔިތުންނަށް ވެސް އިސްރާއީލުގެ އަސްކަރިއްޔާއާއި އެ ސަރަހައްދުތަކުގައި ދިރިއުޅޭ އިސްރާއީލުގެ ވަޒަންވެރިންގެ ފަރާތުން އަންނަނީ ހަމަލާތައް އަމާޒުވަމުންނެވެ.

comment ކޮމެންޓް