އިތުރު ބަޔަކު ބިރު ގަންނަވާލަން ކަޅަކި ރަށްރަށަށް

ދިވެހި ފިލްމު އިންޑަސްޓްރީގައި ފާހަގަކޮށްލެވޭ ބޮޑެތި ބައެއް އެކްޓަރުންނާ އެކު ތައްޔާރުކުރި ބިރުވެރި ފިލްމު "ކަޅަކި" އަތޮޅު ތެރޭގައި އެޅުވުމަށް ތައްޔާރުވެއްޖެއެވެ.

މަގުބޫލު ބަތަލާ ނިއުމާ މުހައްމަދުގެ ޕްރޮޑަކްޝަން ހައުސް "ނިއުޒޯ ފިލްމްސް"އިން ތައްޔާރުކުރި ބިރުވެރި ފިލްމު ކަޅަކި ވަނީ މިދިޔަ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހު މާލޭގައި ދައްކަން ފަށާފައެވެ. އަދި އެއް މަހު އޮލިމްޕަހުގައި ފިލްމު ދައްކާފައިވާއިރު ފިލްމަށް ވަނީ ބޮޑު މަގުބޫލު ކަމެއް ލިބިފައެވެ.

ނިއުމާ ވެސް އެކަމާ ގުޅޭގޮތުން ވާހަކަ ދައްކަމުން ބުނެފައިވަނީ ބިރުވެރި ފިލްމަށް މިހާ ބޮޑު ޑިމާންޑެއް އޮތް ކަމަކަށް ހީ ނުކުރާ ކަމަށެވެ. އަދި އެއާއެކު އިތުރު ބިރުވެރި ފިލްމުތަކެއް ވެސް އުފައްދާނެ ކަމަށް ނިއުމާ ފާހަގަކުރިއެވެ.

ފިލްމުގެ މަގުބޫލު ކަމާއެކު މިހާރު ޕްރޮޑަކްޝަނުން ތައްޔާރުވަނީ ފިލްމު އަތޮޅުތެރޭގައި އެޅުވުމަށެވެ. އެގޮތުން ފިލްމު ރަށް ރަށާއި ރިސޯޓުތަކުގައި އަޅުވަން ބޭނުންވާ ނަމަ އެ ފުރުސަތު މިހާރު އޮތް ކަމަށް ވަނީ ނިއުމާ ހާމަކޮށްފައެވެ. އަދި ފިލްމުގެ ޝޯތައް ބުކް ކުރުމަށްޓަކައި 9494455 އަށް ގުޅާލައިގެން ފިލްމުގެ ބުކިން ހަދާލެވޭނެ ކަމަށް ނިއުމާ ބުނެއެވެ.

ސްރީލަންކާގެ އެކި ސަރަހައްދުތަކުގައި ފިލްމުގެ ޝޫޓިން ކުރިއަށް ގެންގޮސްފައިވާއިރު މި ފިލްމަކީ މީގެ ތިން ވަރަކަށް އަހަރު ކުރީން ނިމިފައިވާ ފިލްމެކެވެ. ފިލްމުގެ ލީޑު ކާސްޓުންގެ ތެރޭގައި ހިމެނެނީ ޔޫސުފް ޝަފީއު (ޔޫއްޕެ) އާއި ވާޝިޔާ މުހައްމަދު (ޝިޔާ) އާއި އަލީ ސީޒަން އަދި މުހައްމަދު މަނިކުގެ އިތުރުން އައިމިނަތު ރިޝްފާއެވެ.

ކަޅަކިގެ މަގުބޫލު ކަމަށް ބަލައި ޕްރޮޑަކްޝަނުން ވަނީ އާ ބިރުވެރި ފިލްމެއް ތައްޔާރު ކުރަން ފަށައި އެ ފިލްމު ވެސް އިއުލާނު ކޮށްފައެވެ.

comment ކޮމެންޓް