ދިވެހި ފިލްމު އިންޑަސްޓްރީގައި ފާހަގަކޮށްލެވޭ ބޮޑެތި ބައެއް އެކްޓަރުންނާ އެކު ތައްޔާރުކުރި ބިރުވެރި ފިލްމު "ކަޅަކި" އެންމެ ފަހުން ސްޓްރީމިންއަށް ރިލީޒްކުރުމަށް ނިންމައިފިއެވެ.
މަގުބޫލު ބަތަލާ ނިއުމާ މުހައްމަދުގެ ޕްރޮޑަކްޝަން ހައުސް "ނިއުޒޯ ފިލްމްސް"އިން ތައްޔާރުކުރި ބިރުވެރި ފިލްމު ކަޅަކި ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ހަތްވަނަ ދުވަހު މާލޭގައި ދައްކަން ފަށާފައެވެ. އަދި އެއް މަހު އޮލިމްޕަހުގައި ފިލްމު ދައްކާފައިވާއިރު ފިލްމަށް ވަނީ ބޮޑު މަގުބޫލު ކަމެއް ލިބިފައެވެ.
އެއާއެކު ފިލްމު އާންމުންނަށް ބަލާލަން ލިބޭނެ ދުވަހަކާ ގުޅޭގޮތުން ފޭނުން ދިޔައީ ސުވާލު ކުރަމުންނެވެ. އެންމެފަހުން އެ ސުވާލުތަކަށް މިއޮތީ ނިމުމެއް އައިސްފައެވެ.
ކަޅަކި އާންމުންނަށް ބަލައިލެވޭ ގޮތަށް ޑިޖިޓަލް އަށް ރިލިޒްކުރުމަށް ވަނީ މިހާރު ނިންމާފައެވެ. މި ފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ. އީދު ހަދިޔާއެއްގެ ގޮތުގައި ފިލްމު ރިލީޒް ކުރާއިރު މި ފިލްމު އެމްއެސް ވީޑިއޯ ކްލަބުން ސްޓްރީމް ކޮށްލެވޭނެއެވެ.
ސްރީލަންކާގެ އެކި ސަރަހައްދުތަކުގައި ފިލްމުގެ ޝޫޓިން ކުރިއަށް ގެންގޮސްފައިވާއިރު މި ފިލްމަކީ މީގެ ތިން ވަރަކަށް އަހަރު ކުރީން ނިމިފައިވާ ފިލްމެކެވެ. ފިލްމުގެ ލީޑު ކާސްޓުންގެ ތެރޭގައި ހިމެނެނީ ޔޫސުފް ޝަފީއު (ޔޫއްޕެ) އާއި ވާޝިޔާ މުހައްމަދު (ޝިޔާ) އާއި އަލީ ސީޒަން އަދި މުހައްމަދު މަނިކުގެ އިތުރުން އައިމިނަތު ރިޝްފާއެވެ.
ކަޅަކިގެ މަގުބޫލު ކަމަށް ބަލައި ޕްރޮޑަކްޝަނުން ވަނީ އާ ބިރުވެރި ފިލްމެއް ތައްޔާރު ކުރަން ފަށައި އެ ފިލްމު ވެސް އިއުލާނު ކޮށްފައެވެ. ނިއުމާ ފާހަގަކުރާ ގޮތުގައި ބިރުވެރި ފިލްމަކީ ދިވެހީންގެ ތެރޭގައި ވަރަށް މަގުބޫލު ޖޯންރާއެއްގެ ފިލްމުތަކެކެވެ. އެއާއެކު އެ ޕްރޮޑަކްޝަނުން އިތުރު ބިރުވެރި ފިލްމުތައް ތައްޔާރު ކުރުމަށް މަސައްކަތް ކުރާނެ ކަމަށް ވަނީ ހާމަކޮށްފައެވެ.