ނުހައްގުން ވަޒީފާއިން ކަނޑާލީ ވެސް، ބަދަލު ދިނީ ވެސް ޞާލިހްގެ ސަރުކާރުން: މިނިސްޓަރު އަމީން

ޓްރާންސްޕޯޓު މިނިސްޓަރު މުޙައްމަދު އަމީން --

އައިލެންޑް އޭވިއޭޝަން ސާވިސްގެ ދަށުން ހިންގަމުން އަންނަ ގައުމީ އެއާލައިން މޯލްޑިވިއަންގެ ފްލައިޓް އޮޕަރޭޝަން ޑިރެކްޓަރުގެ މަގާމުން ވަކިކުރި މައްސަލައިގައި 2.2 މިލިއަން ރުފިޔާގެ ބަދަލެއް ދީ ކޯޓުން ބޭރުގައި މައްސަލަ ހައްލުކުރުމަށް އައިލެންޑް އެވީއޭޝަނުން ނިންމީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ސަރުކާރުގައިކަމަށް ޓްރާންސްޕޯޓު މިނިސްޓަރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.

އެ މައްސަލައިގައި ދެކެެވެމުން އަންނަ ބައެއް ވާހަކަތައް ސާފުކޮށްދެއްވައި "ސަން"އާ ވާހަކަދައްކަވަމުން މިނިސްޓަރު އަމީން ވިދާޅުވީ 2018ވަނަ އަހަރު ރައީސް ޞާލިހުގެ ސަރުކާރުން ވެރިކަމާ ހަވާލުވެ އޭނާ ހުންނެވި މަގާމުން ވަކިކުރީ އެއްވެސް އަސާސެއް ނެތިކަމަށެވެ. އެ މަގާމަކީ ސިޔާސީ މަގާމެއް ވެސް ނޫންކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އަޅުގަނޑު އެތާ ޑިރެކްޓާ އޮފް ފްލައިޓް އޮޕަރޭޝަންސް ކަމުގައި ހުއްޓާ ޕޯސްޓުން (މަގާމުން) ސިޓީއަކުން އަޅުގަނޑު ވަކިކުރީ. ވަކިކުރީމާ އަޅުގަނޑު ދާނީ ކޯޓަށް ދެއްތޯ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އެ މަގާމުގައި ހުންނެވިއިރު ދެލައްކަ ރުފިޔާއަށްވުރެ ބޮޑު މުސާރައެއް ލިބިވަޑައިގެން ކަމަށެވެ. އެހެންކަމުން ވަޒީފާއިން ވަކިކުރި ދުވަހުން ފެށިގެން ވަޒީފާ އަލުން ދޭ ދުވަހާ ހަމައަށް މަގާމާއި، ވަޒީފާ ދޭ މުއްދަތާ ހަމައަށް ލިބެންޖެހޭ މުސާރަ އިއާދަކުރުމަށް ސިވިލް ކޯޓުން އެންގިއިރު 8.3 މިލިއަނަށްވުރެ ގިނަ ރުފިޔާ ދައްކަން އޮތްކަމަށް ވިދާޅުވިއެވެ.

އޭރު ވެސް އައިލެންޑް އޭވިއޭޝަންގެ ބޯޑުން މަސައްކަތްކުރަމުން އައީ ކޯޓުން ބޭރުން އެ މައްސަލަ ހައްލުކުރެވޭތޯކަމަށް މިނިސްޓަރު އަމީން ފާހަގަކުރެއްވިއެވެ.

ނަމަވެސް އެ ކުންފުނީގެ އެ މަގާމުގައި އެހެން މީހަކު ހުރުމާއި އަދި އޭރު އުޅުއްވީ ސިޔާސީ މަސައްކަތުގައިކަމަށް ވުމުން، އަލުން މަގާމަށް ދާން ބޭނުންވެވަޑައިނުގަތީ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެހެންވެ އެދިވަޑައިގަތީ މަގާމު އަލުން ހަވާލުކުރާ ދުވަހު ސިޓީއަކުން ރިޓަޔަމަންޓަށް ބަދަލުކޮށްދިނުމަށް ކަމަށް ވެސް ވިދާޅުވިއެވެ.

ނަމަވެސް އެ ކަން ނުވީ ވެސް ނިމުނު ސަރުކާރުގައި ރައީސް އޮފީހުގެ ބައެއް ބޭފުޅުންގެ އެންގެވުމަކަށް ކަމަށް އަމީން ވިދާޅުވިއެވެ.

އެއާއެކު ދެން އައިލެންޑް އޭވިއޭޝަނުން އެ މައްސަލައިގައި ދިޔައީ ހައިކޯޓަށް ކަމަށާއި އެ މައްސަލަ ހައިކޯޓުގައި އޮންނަތާ ވެސް ދޮޅު އަަހަރުވިކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ހަމަ ކޮންމެ މަހަކު މި ބުނާ އަދަދު މައްޗަށް ދަމުންނެއްނު ދާނީ ދެއްތޯ. އެހެންވީމާ ގާތްގަނޑަކަށް 11 މިލިއަން ރުފިޔާއާ ހަމައަށް، 9.8 މިލިއަނަށް ކަންނޭނގެ އަރައިފައި އޮތީ. އޮއްވައި އަނެއްކާ މި ބޭފުޅުން [އައިލޭންޑް އޭވިއޭޝަނުން] ނެންގެވީ ތާޑް ޕާޓީގެ ލީގަލް އެޑްވައިސެއް،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އެ ގާނޫނީ ލަފާގައި ފާހަގަކޮށްފައި އޮތީ ހައިކޯޓުން ދަށު ކޯޓުގެ ހުކުމް ދެމެހެއްޓުމުގެ ފުރުސަތު ބޮޑުކަމަށެވެ. އެހެންކަމުން އެ ހިސާބާ ހަމައަށް އޭރު ވެސް ދޭންޖެހޭ ފައިސާގެ ބަދަލު އަންނާނީ އިތުރުވަމުން ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އެހެންވެ އައިލެންޑް އޭވިއޭޝަންގެ ބޯޑުން ގޮތެއް ނިންމައިފައި މިނިސްޓަރަށް ހުށަހެޅީ އެހައި ހިސާބަށް ދޭން އޮތް ފައިސާގެ އަދަދުގެ 20 ޕަސެންޓުކަމަށްވާ 2.2 މިލިއަން ރުފިޔާ ކޯޓުން ބޭރުން ނިންމައިދިނުމަށް އެއްބަސްވެވަޑައިގަންނަވާތޯ ކަމަށެވެ.

https://sun.mv/185014

"ދެން އަޅުގަނޑުގެ ކަނޑާލި ކަނޑައިލުން ރިޓަޔަމަންޓަކަށް ބަދަލުކުރުމަށް އިނގޭތޯ. އެހެންވީމާ އެއްބަސްވެގެން އަޅުގަނޑުމެން އައުޓް އޮފް ކޯޓް ސެޓަލްމަންޓެއް ހަދައި، އެގްރީމަންޓުގައި ސައިންކޮށް އަޅުގަނޑަށް 2.2 މިލިއަން ރުފިޔާ ދީ މި ހުރިހާ ކަމެއް ނިމުނީ އިބޫ [ރައީސް ޞާލިހުގެ] ސަރުކާރުން އިނގޭތޯ،" މިނިސްޓަރު އަމީން ވިދާޅުވިއެވެ.

އެ މައްސަލަ އެހާ ހިސާބުން ހައްލުވުމުން އައިލެންޑް އޭވިއޭޝަނުން ކޯޓު މަރުހަލާގައި އޮތް މައްސަަލަ އަނބުރާ ގެންދަން އެދުމުން، އެ މައްސަަލަ އަނބުރައި ނެގުނީ އާ ސަރުކާރު ހަވާލުވިފަހުން ކަމަށް މިނިސްޓަރު އަމީން ވިދާޅުވިއެވެ.

comment ކޮމެންޓް