އެއާ އެންބިއުލާންސްގެ ގޮތުގައި ބޭނުންކުރާ މަތިންދާބޯޓުގައި މިހާތަނަށް 25 މެޑިކަލް ދަތުރު ފުރިހަމަކޮށްފައިވާކަމަށް އައިލޭންޑް އޭވިއޭޝަނުން މިއަދު ބުނެފިއެވެ.
ކުއްލި ހާލާތްތަކުގައި 24 ގަޑިއިރު ޚިދުމަތްލިބޭ ގޮތަށް މި މަހުގެ އެކެއްގައި މި ޚިދުމަތް ފަށާފައިވަނީ ޑޭޝް8-200 މަރުކާގެ މަތިންދާ ބޯޓެއްގައެވެ.
އެއާއެކު، އެއާއެންބިއުލާންގެ ގޮތުގައި ބޭނުންކުރާ ސީޕްލޭން ޚިދުމަތް އިއްޔެ ފަށާފައިވާއިރު އެ ސީޕްލޭންއަކީ ސަލާމަތީ ގޮތުން ރައްކާތެރި ގޮތަށް ފަރުމާކޮށްފައިވާ ޑީއެޗްސީ-6 ގެ ސީޕްލޭންއެއް ކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެއެވެ.
އައިލެންޑް އޭވިއޭޝަނުން ބުނި މި ޚިދުމަތްތަކުގެ ސަބަބުން ރައްޔިތުންނަށް ސިއްޙީ ގޮތުން ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށާއި އެއާ އެންބިއުލާންގެ ސީޕްލޭންގައި ރާއްޖޭގެ ރަށްތަކަށް އޮޕަރޭޓް ކުރުމުގެ ގާބިލްކަން ލިބިގެންވާ ކަމަށެވެ.
އަދި ސީޕްލޭންގައި ޒަމާނީ އިމަޖެންސީ މެޑިކަލް ވަސީލަތްތައް ހަރުކުރެވިފައިވާ ކަމަށް އައިލެންޑް އޭވިއޭޝަނުން ބުންޏެވެ.
މީގެ ކުރިން ހެލްތު މިނިސްޓްރީން ބުނީ، އެއާ އެމްބިއުލާންސްގައި ބަލިމީހުން އުފުލުމުގައި އަވަސް ސިއްހީ ފަރުވާ ދެވޭގޮތަށް، ތަމްރީނު ވެފިވާ 15 ސިއްޙީ ޚިދުމަތްތެރިންނާއި ވަސީލަތްތައް ހުންނާނެ ކަމަށެވެ.
އެއާ އެމްބިއުލާންސްގެ ޚިދުމަތް ތައާރަފުކުރުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އަދި، ސަރުކާރުގެ ހަފުތާ 14 މަގުޗާޓުގައި ހިމަނުއްވާފައިވާ މުހިއްމު މަސައްކަތެކެވެ.
އެއާ އެމްބިއުލާންސްގެ ޚިދުމަތް ފަށައިފިއިތުރަށް ވިދާޅުވުމަށް
ސަރުކާރުގެ އަމާޒަކީ އެއާ އެމްބިއުލާންސްގައި ބަލި މީހުން ރާއްޖެއިން ބޭރަށް ވެސް ގެންދިއުމެވެ.
އެގޮތުން، އެ ކަމުގެ މަޝްވަރާތައް އަވަށްޓެރި ސްރީލަންކާއާ އެކު ކޮށްފައިވާއިރު، އެ ގައުމުގެ ސަރުކާރުން ވަނީ އިމަޖެންސީ ހާލަތްތަކުގައި ދެ ގަޑިއިރު ތެރޭގައި ފްލައިޓު ދަތުރުކުރަން ހުއްދަ ދޭން ނިންމައިފައެވެ.
ސަރުކާރުގެ ވައުދާ އެއްގޮތަށް އެއާ އެމްބިއުލާންސްގެ ޚިދުމަތް ފޯރުކޮށްދޭން ފަށާފައިވާއިރު، މީގެ ކުރިން ބަލި މީހުން އުފުލަމުން އައި އިންޑިއާއިން ހަދިޔާކޮށްފައިވާ މިލިޓަރީ ހެލްކޮޕްޓަރާއި ޑޯނިއާ މަތިންދާބޯޓު ބޭނުންކޮށްގެންނެވެ.