މޯލްޑިވިއަންއިން، ހދ. ހަނިމާދޫ އެއާޕޯޓާއި އިންޑިއާގެ ޓްރިވެންޑްރަމްއާ ދެމެދު އަންނަ މަހު އަލުން ދަތުރުތައް ފެށުމަށް ނިންމައިފައިވާ ކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެފިއެވެ.
އައިލެންޑް އެވިއޭޝަނުން ނެރުނު ބަޔާނެއްގައި ބުނީ ހަނިމާދޫ އެއާޕޯޓާއި ޓްރިވެންޑްރަމްއާ ދެމެދު ދަތުރުތައް ފަށާނީ އަންނަ މަހު 12ގައި ކަމަށެވެ. އެ ދަތުރުތައް ފެށުމުގެ ބޭނުމަކީ މޯލްޑިވިއަންއިން ދަތުރުކުރާ މަންޒިލްތައް އިތުރުކޮށް، ރާއްޖޭގެ އުތުރުން ސީދާ ބޭރު ގައުމުތަކަށް ދަތުރުކުރުމުގެ ފުރުސަތު ފަހިކޮށްދިނުން ކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެއެވެ.
މި ދަތުރުތައް ފެށުމުން، ރާއްޖޭން އިންޑިއާއަށް އެކި ބޭނުންތަކުގައި ދަތުރުކުރާ ފަރާތްތަކަށް އެއްވެސް ދަތިކަމެއްނެތި ފަސޭހަ ކަމާއެކު ދަތުރުތައް ކުރެވޭނެ ކަމަށް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އަދި ވިޔަފާރިއަށާއި ޗުއްޓީ ހޭދަކުރުމަށް އިންޑިއާއަށް ދަތުރުކުރާ މީހުންނަށް ވެސް ފަސޭހަވާނެ ކަަމަށް އައިލެންޑް އޭވިއޭޝަނުން ބުންޏެވެ.
އެ ކުންފުނިން ބުނީ އިންޑިއާގެ ޓްރިވެންޑްރަމްއަށް ދަތުރުކުރުމަށް ވެބްސައިޓާއި އެޕް މެދުވެރިކޮށް އަދި ޓިކެޓް އޮފީސް މެދުވެރިކޮށް ޓިކެޓް ބުކް ކުރުމަށް މިހާރު ހުޅުވާލާފައިވާ ކަމަށެވެ.
ހަނިމާދުއާއި ޓްރިވެންޑްރަމްއާ ދެމެދު ދަތުރުތައް އޮންނާނީ ހުކުރާއި ހޯމަ ދުވަހުގައެވެ. އައިލެންޑް އޭވިއޭޝަނުން ބުނީ މި ދަތުރުތައް ކުރާނީ މޯލްޑިވިއަންގެ ޑޭޝް 8ގެ މަތިންދާ ބޯޓަކުން ކަމަށެވެ.
މީގެކުރިންވެސް ހަނިމާދޫ އެއާޕޯޓުން އިންޑިއާގެ ޓްރިވެންޑްރަމްއަށް ދަތުރުތައް ކުރިއެވެ. ނަމަވެސް އެ ދަތުރުތައް މެދުކަނޑާލީ ހަނިމާދޫ އެއާޕޯޓު ތަރައްގީ ކުރުމަށެވެ.