މިނިސްޓަރު އަމީނަށް ދެ މިލިއަން ރުފިޔާގެ ބަދަލެއް ދީފި

ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން-- ފޮޓޯ/ ޕީޕީއެމް

އައިލެންޑް އޭވިއޭޝަން ސާވިސްގެ ދަށުން ހިންގަމުން އަންނަ ގައުމީ އެއާލައިން މޯލްޑިވިއަންގެ ފްލައިޓް އޮޕަރޭޝަން ޑިރެކްޓަރުގެ މަގާމުން ވަކިކުރި މައްސަލައިގައި މިހާރުގެ ޓްރާންސްޕޯޓު މިނިސްޓަރު މުޙައްމަދު އަމީނަށް ދެ މިލިއަން ރުފިޔާގެ ބަދަލެއްދޭ ގޮތަށް އެއްބަސްވެ، ކޯޓުން ބޭރުގައި އެ މައްސަލަ ހައްލުކޮށްފިއެވެ.

ފްލައިޓް އޮޕަރޭޝަން ޑިރެކްޓަރުގެ މަގާމުގައި ހުންނަވަނިކޮށް, އެއަށް ވުރެ ދަށް މަގާމަކަށް އަމީން ބަދަލުކޮށްފައިވަނީ 2019 ވަނަ އަހަރުގެ ޖޫން ދެވަނަ ދުވަހުއެވެ. އަދި، މޯލްޑިވިއަންގެ ވަޒީފާއިން އަމީން ވަކިކޮށްފައިވަނީ އެ އަހަރުގެ އޯގަސްޓް މަހުގެ 24 ވަނަ ދުވަހުއެވެ.

އަމީން ހުންނެވީ އައިލެންޑް އޭވިއޭޝަންގެ ޑިރެކްޓަ ފްލައިޓް އޮޕަރޭޝަންގެ މަގާމުގައެވެ. އޭނާ ވަޒީފާއިން ވަކިކުރީ ޖޫން 2019، ގައެވެ.

އަމީންގެ ފަރާތުން އެ މައްސަލަ ހުށަހެޅުމުން ސިވިލް ކޯޓުން ވަނީ ބަދަލުދޭން ހުކުމް ކޮށްފައެވެ. އެކަމަކު، މޯލްޑިވިއަނުން ވަނީ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ. އެ މައްސަލަ ހައި ކޯޓުގައި އޮއްވައި އައިލެންޑް އޭވިއޭޝަނުން ވަނީ އަމީނަށް ބަދަލުގެ ދެ މިލިއަން ރުފިޔާ ދީފައެވެ.

މިކަމަށް އަމީން އެއްބަސްވެވަޑައިގެންނެވުމުން އައިލެންޑް އޭވިއޭޝަނުން ވަނީ ހައި ކޯޓުގައި އޮތް މައްސަލަ ބާތިލުކޮށްދޭން އެދިފައެވެ. އަދި، މިހާރު ހައި ކޯޓުން ވަނީ އެ މައްސަލަ ބާތިލު ވެސް ކޮށްފައެވެ.

އަމީންގެ ފަރާތުން ހުށަހެޅި މައްސަލައިގައި ސިވިލް ކޯޓުން މީގެ ކުރިން ކޮށްފައިވާ ހުކުމުގައި ބުނެފައިވަނީ, އޭނާ މޯލްޑިވިއަންގެ ވަޒީފާއިން ވަކިކޮށްފައި ވަނީ ގޯސްކޮށް ކަމަށެވެ. އެހެންވެ، އޭނާ ކުރިން ހުރި މަގާމު ނުވަތަ އެ ފެންވަރުގެ އެހެން މަގާމެއް 15 ދުވަސް ތެރޭގައި މޯލްޑިވިއަންއިން ހަމަޖައްސަން ޖެހޭނެ ކަމަށް ހުކުމް ކުރިއެވެ.

ވަޒީފާއިން ވަކިކުރި މުއްދަތުން ފެށިގެން އޭރާ ހަމައަށް އަމީނަށް ލިބެން ޖެހޭ މުސާރައާއި އިނާޔަތް އަދި އެލަވަންސްތައް ވެސް ދިނުމަށް މޯލްޑިވިއަންގެ މައްޗަށް ވަނީ ހުކުމް ކޮށްފައެވެ.

ސިވިލް ކޯޓަށް އަމީން ހުށަހެޅި މައްސަލައިގައި އެދިފައިވަނީ, ވަަޒީފާއިން ވަކިކުރި ދުވަހުން ފެށިގެން އެ ކޯޓަށް މައްސަލަ ހުށަހެޅި ދުވަހާ ހަމައަށް ލިބެންޖެހޭ މުސާރަ ހޯދުމަށެވެ. އެއީ، 2,871,236 (ދެ މިލިއަން އަށް ލައްކަ ހަތްދިހަ އެއް ހާސް ދުއިސައްތަ ތިރީސް ހަ) ރުފިޔާއެވެ.

އޭނާ ވަޒީފާއިން ވަކިކުރަން މޯލްޑިވިއަންއިން އޭރު ނިންމީ އޭނާގެ މަގާމު ބަދަލު ކުރި ފަހުން އޮފީހަށް ނުކުމެފައިނުވާތީއެވެ.

comment ކޮމެންޓް