މިނިސްޓަރު ނަސީރު، ދިވެހި ބަހުގެ އެކެޑެމީގެ މެންބަރުންނާ ބައްދަލުކުރައްވައިފި

ބަހާއި ތާރީޚާއި ސަގާފަތާ ބެހޭ މިނިސްޓަރު އާދަމް ނަސީރު، ދިވެހި ބަހުގެ އެކެޑެމީގެ މެންބަރުންނާ ބައްދަލުކުރެއްވުމުގެ ތެރެއިން -- ފޮޓޯ/ ސަން

ބަހާއި ތާރީޚާއި ސަގާފަތާ ބެހޭ މިނިސްޓަރު އާދަމް ނަސީރު އިބުރާހިމް، މިއަދު ދިވެހި ބަހުގެ އެކެޑެމީއަށް ޒިޔާރާތްކުރައްވައި އެކެޑެމީގެ މެންބަރުންނާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މިއަދު ހެނދުނު 10:00 ގައި ކުރެއްވި ޒިޔާރަތުގައި އެކެޑެމީގެ ފަރާތުން މަރުޙަބާ ވިދާޅުވީ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް ޢަބްދުއްރަޙީމެވެ. އެ ޒިޔާރާތުގައި އެކެޑެމީގެ ނާއިބު ރައީސާއި އެކެޑަމީގެ މެންބަރުންނާއި މުވައްޒަފުންނާ މިނިސްޓަރު ވަނީ ބައްދަލުކުރައްވައިފައެވެ.

ބަހާއި ތާރީޚާއި ސަގާފަތާ ބެހޭ މިނިސްޓަރު އާދަމް ނަސީރު، ދިވެހި ބަހުގެ އެކެޑެމީގެ މެންބަރުންނާ ބައްދަލުކުރެއްވުމުގެ ތެރެއިން-- ފޮޓޯ/ ސަން

އެ ބައްދަލުކުރެއްވުމުގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން ދެއްވި ފުރަތަމަ ތަގުރީރުގައި ދިވެހި ބަހާއި ގައުމިއްޔަތަށް ޚާއްސަ ސަމާލުކަމެއް ދެއްވާނެ ވާހަކަ ވިދާޅުވިކަން ފާހަގަކުރައްވައި މިނިސްޓަރު ނަސީރު ވިދާޅުވީ، އެ ވުޒާރާއިން އެންމެ އިސްކަމެއް ދީގެން ކުރައްވާނެ ކަމަކީ ރައީސްގެ އެ އަމާޒަށް ވާސިލުވުން ކަމަށެވެ.

އޭގެ ނަތީޖާ އަންނައިރު ދިވެހިންނަކީ ދިވެހިންގެ އަމިއްލަ ކަންކަމާ މެދު ވިސްނައި، ދިވެހިންގެ އަމިއްލަ ފަސްގަނޑާއި، ދިވެހިންގެ ސިފަތަކާ މެދު ފަޚުރުވެރިވާ ދިވެހިންގެ އަމިއްލަ ކަންކަމަށް ލޯ ހުޅުވިފައިވާ ބަޔަކަށްވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ބަހާއި ތާރީޚާއި ސަގާފަތާ ބެހޭ މިނިސްޓަރު އާދަމް ނަސީރު، ދިވެހި ބަހުގެ އެކެޑެމީގެ މެންބަރުންނާ ބައްދަލުކުރެއްވުމުގެ ތެރެއިން -- ފޮޓޯ/ ސަން

"އަޅުގަނޑު ދެކޭ ގޮތުގައި އެކަން ކުރުމަށް ދިވެހި ބަހުގެ އެކެޑެމީއަކީ ވަރަށް މުހިންމު ދައުރެއް އަދާކުރާނެ މުއައްސަސާއެއް. އަދި މިހާތަނަށް ވެސް އަދާކުރަމުންދާ އަދި އެކަން ކުރަން އުޅުއްވާ މަންޒަރު ފެންނަ މުއައްސަސާއެއް މިއީ،" މިނިސްޓަރު ނަސީރު ވިދާޅުވިއެވެ.

މިނިސްޓަރު ވަނީ ރައީސް މުއިއްޒުގެ ސިޔާސަތާ އެއްގޮތަށް މުޅި ރާއްޖެއަށް އަމާޒުކޮށް އަދި މަދަރުސާ ކުދިންނަށް ޚާއްސަކޮށް މަޝްރޫއުތައް ކުރިއަށް ގެންގޮސްދެއްވުމަށް އެދިވަޑައިގެންފައެވެ.

ބަހާއި ތާރީޚާއި ސަގާފަތާ ބެހޭ މިނިސްޓަރު އާދަމް ނަސީރު، ދިވެހި ބަހުގެ އެކެޑެމީގެ މެންބަރުންނާ ބައްދަލުކުރެއްވުމުގެ ތެރެއިން އެކެޑެމީގެ ރައީސް ޑރ. އަޝްރަފް އަބްދުއްރަހީމް -- ފޮޓޯ/ ސަން

"އެކަހަލަ އެތައް ކަމެއް ކުރިއަށް ގެންދަވާތީ އަޅުގަނޑު އުންމީދުކުރަނީ އަދި ޔަގީންކުރަނީ ދިވެހި ބަހުގެ އެކެޑެމީގެ މަސައްކަތްތައް އިތުރަށް ފުޅާވެދިއުން. އަދި ރައީސްގެ ވައުދުފުޅާ އެއްގޮތަށް އަޅުގަނޑުމެންގެ ވުޒާރާގެ ފަރާތުން ވެދެވެން އޮތް އެންމެ ތަނަވަސް ގޮތެއްގައި އެހީވެދޭނަން،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވަނީ އެކެޑެމީގެ މެންބަރުންނާއި ބައްދަލުކުރައްވައި މިހާރު އެކެޑަމީއަށް ދިމާވެފައި ހުރި ގޮންޖެހުންތަކާއި ޤައުމީ މުބާރާތްތައް ހިންގުމުގައި ދިމާވަމުންދާ ދަތިތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފައެވެ.

comment ކޮމެންޓް