މިފްކޯގެ އާ މަސްކިރާ ބޯޓު ''ޖަޒީރާ 106'' މާލެއަށް ބަނދަރުކޮށްފި

މިފްކޯގެ މަސްކިރާ އާ ބޯޓު "ޖަޒީރާ 106" --- ފޮޓޯ/ މިފްކޯ

މިފްކޯގެ ފްލީޓަށް އަލަށް ގެންނަ ތިން ބޯޓުގެ ތެރެއިން "ޖަޒީރާ 106" ރޭގެ ވަގުތެއްގައި މާލެއަށް ބަނދަރުކޮށްފައިވާ ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮންޕެނީ (މިފްކޯ)އިން މިއަދު ބުނެފިއެވެ.

މިފްކޯއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ބޯޓުގެ ކުރޫ ބަދަލުކުރުމާއި، ކަސްޓަމްސް ކްލިއަރެންސް ހޯދައި، ލޯކަލައިޒް ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.

މި މަސްކިރާ ބޯޓުތަކަކީ، ދުވާލަކު 60 ޓަނުގެ މަސް ގަނޑުކުރެވޭ އަދި 200 ޓަނުގެ މަސް ރައްކާކުރެވޭ ބޯޓުތަކެއް ކަމަށް އެ ކުންފުނިން ބުންޏެވެ. މި ބޯޓުތައް ކުންފުނީގެ އޮޕަރޭޝަނާ ގުޅުމުން ދުވާލަކު 180 ޓަނުގެ މަސް އިތުރަށް ގަނެވޭނެއެވެ.

ޖަޒިރާ 106 ތައިލެންޑުން ރާއްޖެ އައުމަށް ދަރުތުފެށީ މި މަހު ހަތަރެއްގައެވެ. މި ބޯޓުގެ އިތުރުން އަދި އިތިރު ދެ ބޯޓެއް މި އަހަރު ނިމުމުގެ ކުރިން ރާއްޖެ ގެނެވޭނެ ކަމަށް މިފްފޯއިން ބުންޏެވެ.

މަސްވެރިންގެ މޫސުމުގައި، މަސްކިރުމަށް ދިމާވާ ދަތިތަކަށް ހައްލެއް ހޯދުމުގެ ގޮތުން މިފޮކޯއިން ވަނީ ހަތަރު ބޯޓު ގަނެފައެވެ.

އެގޮތުން، މާޗު މަހު ގެނައި "ޖަޒީރާ 103" މި ބޯޓު ދެކުނުގައި މިހާރު ވެސް އަންނަނީ މަސްކިރުމުގެ މަސައްކަތް ކުރަމުންނެވެ. މި ބޯޓަކީ ޖުމުލަ 420 މެޓްރިކް ޓަނުގެ މަސް ކިރުމުގެ ގާބިލުކަން ލިބިފައިވާ ބޯޓެކެވެ. މި ބޯޓަށް ދުވާލަކު 120 މެޓްރިކް ޓަނުގެ މަސް ގަނެ ގަނޑު ކުރެވޭނެއެވެ.

ކޫއްޑޫގެ ކެޕޭސިޓީ އިތުރުކުރަން ޝިފްޓަކަށް 120 ޓަނުގެ ފްރީޒިން ކެޕޭސިޓީ އިތުރު ކުރުމުގެ މަސައްކަތް ވެސް މިފްކޯއިން އަންނަނީ ކުރަމުންނެވެ. އަދި، ގދ. ތިނަދޫ ކޮންޕްލެކްސްގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

comment ކޮމެންޓް