ޖޭޕީއާއި ޕީއެންސީ އެއްކޮށްލަން ގާސިމަށް ހުށަހަޅައިފި

ގާސިމް އިބްރާހީމް ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަނީ-- ފޮޓޯ: ޖޭޕީ

ވެރިކަން ކުރާ، ޕީޕަލް ނެޝަނަލް ކޮންގެރެސް (ޕީއެންސީ) އާއި ޖުމްހޫރީ ޕާޓީ (ޖޭޕީ) އެއްކޮށްލުމަށް ހުށަހެޅުމެއް ލިބިފައިވާ ކަން، ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމް، އެ ޕާޓީގެ ކައުންސިލާ އިއްޔެ ހިއްސާ ކުރައްވައިފިއެވެ.

ޖޭޕީގެ ކައުންސިލް ބައްދަލުވުން އިއްޔެ ބާއްވާފައިވަނީ 2:00 ގައި މ. ކުނޫޒުގައެވެ. އެ ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ އެ ޕާޓީގެ ވެރިޔާ ގާސިމެވެ.

ޖޭޕީގެ ކައުންސިލް މެންބަރަކު މިއަދު "ސަން" އަށް ވިދާޅުވިގޮތުގައި އިއްޔެގެ ބައްދަލުވުމުގައި ގާސިމް ވަނީ ޖޭޕީއާއި ޕީއެންސީ އެއްކޮށްލުމަށް ހުށަހެޅުމެއް ލިބިފައިވާތީ އެކަން މެންބަރުންނާ ހިއްސާ ކުރައްވައިފައެވެ. އަދި އެކަމާ މެދު ކައުންސިލް މެންބަރުން ދެކޭ ގޮތެއްގެ ހިޔާލު ހޯއްދެވި ކަމަށް އޭނާ ވިދާޅުވިއެވެ.

"އެކަމާ ބަހުސް ކުރެވުނު. ހުރިހާ ބޭފުޅުން ކަހަލަ ގޮތަކަށް ވިދާޅުވީ ޖޭޕީ އުވާލަން ބޭނުން ނުވާ ކަމަށް. އެހެންވެ ފަހުން ގާސިމް ވިދާޅުވީ މިހާރު ސާފުވެއްޖެ ކަމަށް މެންބަރުން ދެކޭގޮތް. ގާސިމް ވެސް ހުންނެވީ ކޮންމެހެން ޕާޓީ އުވާލާ ވިސްނުމަކު ނޫން،" އެ މެންބަރު ވިދާޅުވިއެވެ.

"ވޯޓަށް އަހައި އެފަދަ ކަމެއް ނުކުރޭ. ހަމައެކަނި ހިޔާލު ހޯދައިލީ."

ސިޔާސީ ގޮތުން އިތުރަށް ހޯއްދަވަން ޖެހޭ އެއްޗެއް ނެތް ކަމަށާއި މިހާރު ޕާޓީ ހިންގަނީ އެކުގައި ތިބި ބޭފުޅުންނަށްޓަކައި ކަމަށް ގާސިމް ވިދާޅުވި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މިކަމާ ގުޅޭގޮތުން ޕީއެންސީގެ ބަހެއް ހޯދާލުމަށް އެ ޕާޓީގެ ވެރިންނަށް ގުޅައި މެސެޖް ކުރުމުން ވެސް މިހާތަނަށް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.

ޖޭޕީގެ އިއްޔެގެ ކައުންސިލް ބައްދަލުވުމުގައި ވަނީ އަންނަ އަހަރު ބާއްވާ މަޖިލިސް އިންތިޚާބުގައި އެ ޕާޓީއިން އަމަލު ކުރާނެ ގޮތެއް ކަނޑައެޅުމެއް ފަސް މެންބަރުންގެ ކޮމިޓީއެއް އެކުލަވާލައިފައެވެ. އެ ކޮމެޓީގައި ތިއްބަވަނީ..

  • ގާސިމް އިބްރާހީމް
  • ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން
  • ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހްލާ
  • ރިޔާޒް ރަޝީދު
  • އަޙްމަދު ނިހާން ހުސައިން މަނިކު
  • މުޙައްމަދު ޝިހާބް
  • އަޒްލީން އަޙްމަދު

މިފަހުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް ވަނީ ޕީއެންސީ ވަރުގަދަ ކުރުމަށް ޕީޕީއެމްއިން މެންބަރުން ގެންދަން ނުޖެހޭ ކަމަށް ވިދާޅުވެފައެވެ. އަދި ޕީޕީއެމާއި ޕީއެންސީއަކީ އެއް ބައެއް ކަމަށް ޔާމީން ވިދާޅުވިއެވެ.

މި ފަހުން ރާއްޖޭގައި މުޅިން ވެސް ވެރިކަން ކުރީ ޖޭޕީގެ ތާއީދާއެކު އިންތިޚާބުގައި ވާދަ ކުރާ ކެންޑިޑޭޓެކެވެ. ނަމަވެސް ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ވަކި ބޭފުޅަކަށް ތާއީދު ނުކުރަން ޖޭޕީއިން ވަނީ ނިންމައިފައެވެ.

comment ކޮމެންޓް