ބިލު ނުދައްކާތީ ފެނަކައިން ފެން ކަނޑާލައިފި

ފެން ބިލު ނުދައްކާތީ، މާލޭގައި ހުންނަ ފެނަކައިގެ މައި އޮފީހުން މިއަދު ފެން ކަނޑާލައިފިއެވެ.

އެނގިފައިވާ ގޮތުގައި ޕޯޓްސް ކޮމްޕްލެކްސްގައި ހިންގާ ފެނަކައިގެ މައި އޮފީހުން ފެން ކަނޑާލީ މިއަދުއެވެ. އެގޮތުން، އެ އިމާރާތުގައި ފެނަކަ ހިންގާ ތިން ފަންގިފިލާ ކަމަށްވާ، ފުރަތަމަ ފަންގިފިލަޔާއި ހަވަނަ ފަންގިފިލާ އަދި ހަތްވަނަ ފަންގިފިލާއިން ވަނީ ފެން ކަނޑާލައިފައެވެ.

އެތައް ބަޔަކަށް ބޮޑެތި އަދަދުތަކުން ދަރާފައިވާ ފެނަކަ ހިންގާ އޮފީހުން ފެން ކަނޑައިލާފައިވާއިރު، އެ ކަމާ ގުޅިގެން ފެނަކައިގެ ރަސްމީ ބަހެއް މިހާތަނަށް ލިބިފައެއް ނުވެއެވެ.

ނިމުނު އެމްޑީޕީގެ ސަރުކާރުގައި ކޮރަޕްޝަންގެ އެންމެ ގިނަ ތުހުމަތުތައް ކުރެވުނީ ފެނަކައަށެވެ. އެ ކުންފުނި ވަނީ އެތައް ސަޕްލަޔަރުންނަކަށް ވެސް ދަރައިފައެވެ.

އާ ސަރުކާރުން ކުރިން ބުނެފައިވާ ގޮތުގައި 2022 ވަނަ އަހަރުގެ ނިޔަލަށް އެކަނި ވެސް ފެނަކައިގެ ދަރަނީގެ ގޮތުގައި 4.1 ބިލިއަން ރުފިޔާ އެބައޮތެވެ.

ދަރަނި ބޮޑު ފެނަކައިގައި ކުރީ ސަރުކާރުން ގިނަ އަދަދެއްގެ އާ ވަޒީފާތަކެއް ވެސް އުފައްދާފައިވެއެވެ. ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެންމެ މުވައްޒަފުން ގިނައީ ވެސް އެ ކުންފުނީގައެވެ. މި އަހަރުގެ ނިޔަލަށް އެ ކުންފުނީގައި 7,379 އެބަ ތިއްބެވެ.

comment ކޮމެންޓް