ތިލަފުށި ފަޅުން ހިއްކާ ސަރަހައްދުގައި ހުރި އުޅަނދުތައް ނަގަން އަންގައިފި

ތިލަފުށީގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ދަނީ --- ފޮޓޯ/ އާބަންކޯ

ތިލަފުށީ މާސްޓާ ޕްލޭނާ އެއްގޮތަށް ތަރައްގީ ކުރުމަށްޓަކައި ތިލަފުށީ ފަޅު ހިއްކުމުގެ މަސައްކަތް ފެށުމަށް އެ ސަރަހައްދުގައި ހުރި އުޅަނދުތައް ނަގަން އާބަންކޯއިން އަންގައިފިއެވެ.

އާބަންކޯއިން ބުނީ ތިލަފުށީގެ މާސްޓާ ޕްލޭނާއި އެއްގޮތަށް ތިލަފުށި ތަރައްގީ ކުރުމަކީ ރާއްޖޭގެ އިގްތިސާދާ ވަރަށް ބޮޑަށް ގުޅިފައިވާ ކަމަކަށް ވާތީ، މާސްޓާ ޕްލޭނާ އެއްގޮތަށް ހިއްކަން ޖެހޭ ސަރަހައްދުތައް ނިންމުމަށް އެ ކުނފުނިން މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެގޮތުން ތިލަފުށި ފަޅުތެރެއިން ހިއްކުމަށް ހަމަޖެހިފައިވާ ސަރަހައްދު ހިއްކުމުގެ މަސައްކަތް އަންނަ މަހުގެ 18 ގައި ފަށަން ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

ނަމަވެސް އެ ސަރަހައްދުގެ ފަޅު ތެރޭގައި އަޑިއަށް ގޮސްފައިވާ އުޅަނދުތަކާއި، ގިނަ ދުވަސްތަކެއް ވަންދެން ބޭނުންނުކޮށް ހުރި އުޅަނދުތަކާއި އަދި، ވަށައިގެން ހުރި ބިންތަކުގައި އުޅަނދުތައް މަރާމަތު ކުރުމުގެ މަސައްކަތްތައް ވެސް ކުރާކަން ސާވޭތަކުން ފާހަގަވެފައިވާ ކަމަށް ވެސް އާބަންކޯއިން ބުންޏެވެ.

އެހެންވެ، އާބަންކޯއިން ވަނީ އެ ސަރަހައްދުގައި ހުރި އުޅަނދުތައް މިއަދުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި ނަގަން އަންގައިފައެވެ.

އަދި، އެ މުއްދަތުގެ ތެރޭގައި އުޅަނދުތައް ނުނަގައިފި ނަމަ، ތިލަފުއްޓާއި، ގުޅިފަޅުތެރެއަށް ދޫކޮށްލައިފައިވާ އުޅަނދުތަކާ މެދު އަމަލު ކުރާ އުސޫލުން، އެ އުޅަނދުތަކާ މެދު އަމަލު ކުރެވޭނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

comment ކޮމެންޓް