އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާ ގުޅޭ ބަހުސް މިރޭ 22:00 އާ ހަމައަށް ކުރިއަށް ގެންދަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައި އޮތީ ސަރުކާރުގެ ފަރާތުން އަންނަ އަހަރަށް ހުށަހަޅާފައިވާ 49.5 ބިލިއަން ރުފިޔާގެ ބަަޖެޓުގެ ބަހުސެވެ.
ފައްޓަވަމުން ރިޔާސަތުގައި އިންނަވާ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް ވަނީ މިއަދުގެ ޖަލްސާއަށް ފިނޭންސް މިނިސްޓަރު ޑރ. މުހައްމަަދު ޝަފީގަށް ވަޑައިނުގެންނެވޭނެކަން މަޖިލީހަށް އަންގަވާފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި، މާދަމާގެ ޖަލްސާގައި މިނިސްޓަރު ވަޑައިގަންނަވާނެކަން އިއުލާނުކުރެއްވިއެވެ.
އެހެންކަމުން މި ބަހުސް މިއަދާ މާދަމާގެ ޖަލްސާގައި ވެސް ކުރިއަަށް ގެންދިއުމަށް އެ އިދާރާއިން ވަނީ ނިންމާފައެވެ.
ބަޖެޓުގެ ބަހުސް އަވަހަށް ނިންމަން، މިއަދުގެ ޖަލްސާ މިރޭ 10 ޖަހަންދެން ކުރިއަށް ގެންދަން ފާސްކުރީ އެކަމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 34 މެންބަރުންގެ އިއްތިފާގުންނެވެ.
އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި ޖުމުލަ 33.5 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކުރެއެވެ. އޭގެ ތެރެއިން 25.6 ބިލިއަން ރުފިޔާ ޓެކުހުގެ އާމްދަނީގެ ގޮތުގައި އަދި އެހެނިހެން އާމްދަނީގެ ގޮތުގައި 6.6 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް މާލީ ވުޒާރާއިން އަންދާޒާ ކުރެއެވެ.
އަންނަ އަހަރަށް ފާސްކުރި ބަޖެޓުގެ އިތުރުން، މި އަހަރަށް އިތުރު 6.5 ބިލިއަން ރުފިޔާގެ ސަޕްލިމަންޓަރީ ބަޖެޓެއް ވެސް އިއްޔެ ވަނީ ފާސްކޮށްފައެވެ.
މި އަހަރަށް ފިނޭންސް މިނިސްޓްރީން ހުށަހެޅީ ޖުމުލަ ރިކަރަންޓު ޚަރަދަށް 3.1 ބިލިއަން ރުފިޔާ އަދި، ކެޕިޓަލް ޚަރަދުގެ ގޮތުގައި 3.3 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ބަޖެޓަށް އިތުރު ކުރަން ހުށަހެޅި 6.5 ބިލިއަން ރުފިޔާއާ އެކު މި އަހަރު ދައުލަތުގެ ބަޖެޓު 49.3 ބިލިއަން ރުފިޔާއަށް އިތުރުވާނެއެވެ. މަޖިލީހުން ފުރަތަމަ މި އަހަރަށް ފާސްކޮށްފައިވަނީ 42.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.