ޣައްޒާގައި ހުންނަ އިންޑޮނޭޝިއާ ހޮސްޕިޓަލަށް ހަމަލާދީފި

ޣައްޒާގައި ހުންނަ އިންޑޮނޭޝިއާ ހޮސްޕިޓަލް -- ފޮޓޯ/ސްރީލަންކާ ގާޑިއަން

ޣައްޒާގެ އުތުރުގައި ހުންނަ އިންޑޮނޭޝިއާ ހޮސްޕިޓަލަށް ޔަހޫދީ އިސްރާއީލް އަސްކަރިއްޔާއިން ހަމަލާދީފިއެވެ.

ފަލަސްތީނުގެ ސިއްހީ ވުޒާރާއާ ހަވާލާދީ މިޑްލް އީސްޓު މޮނިޓާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި އިންޑޮނޭޝިއާ ހޮސްޕިޓަލްގެ އޮޕަރޭޝަން ޑިޕާޓްމަންޓަށް އިސްރާއީލު އަސްކަރިއްޔާގެ ހަމަލާތަކެއް އިއްޔެ ވަނީ އަމާޒުވެފައެވެ. ހަމަލާތަކުގައި އެ ހޮސްޕިޓަލްގައި ހުރި ސިއްހީ ފަރުވާދޭ ގިނަ އަދަދެއްގެ އާލާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ވެސް ސިއްހީ ވުޒާރާއިން ހާމަކުރެއެވެ.

ޣައްޒާގައި ހުންނަ ހޮސްޕިޓަލްތަކުގެ ޑިރެކްޓަރު މުނީރު އަލް ބާޝް ވިދާޅުވި ގޮތުގައި އިންޑޮނޭޝިއާ ހޮސްޕިޓަލަކީ ޣައްޒާގެ އުތުރުގައި ހުރި ހިދުމަތްދެވޭ ހަމައެކަނި ހޮސްޕިޓަލެވެ. އަލް ޝިފާ ހޮސްޕިޓަލް ހިމެނޭހެން ޣައްޒާގެ އުތުރުގައި ހުރި ހުރިހާ ހޮސްޕިޓަލެއްގެ މަސައްކަތް ވަނީ ތެޔޮ ނުލިބުމުގެ ސަބަބުން ހުއްޓިފައެވެ. ޝިފާ ހޮސްޕިޓަލް ތެރެއަށް އިސްރާއީލު ސިފައިން މިހާރު ވަނީ ވަދެ ވެސް ފައެވެ.

އިންޑޮނޭޝިއާ ހޮސްޕިޓަލަށް އިސްރާއީލުން ދިން ހަމަލާތަކުގައި 650 މީހުން މިހާތަނަށް ޒަޚަމުވެފައިވާއިރު، އެ ހޮސްޕިޓަލްގައި ހުރީ އެންމެ 140 އެނދެވެ. ހޮސްޕިޓަލުން ފިލަން އުޅުނު މީހުންނަށް އިސްރާއީލުން ހަމަލާދީފައިވާ ކަމަށް ވެސް މުނީރު ވިދާޅުވިއެވެ.

ފަލަސްތީނުގެ ސިއްހީ ވުޒާރާއިން މައުލޫމާތު ދޭ ގޮތުގައި ހަމަލާދީ އިންޑޮނޭޝިއާ ހޮސްޕިޓަލުން 12 މީހަކު ވަނީ މަރާލައިފައެވެ. އަދި، އިސްރާއީލުގެ މި އަމަލު ސިއްހީ ވުޒާރާއިން ވަނީ ކުށްވެރިކޮށްފައެވެ.

ކުރިން 2007 ވަނަ އަހަރުން ފެށިގެން ޣައްޒާގައި ވެރިކަން ކުރަމުން އަންނަ އަދި ޣައްޒާގައި އިސްރާއީލުގެ އަސްކަރިއްޔާއާ މިހާތަނަށް ވެސް ކުރިމަތިލާފައިވާ ހަމާސް ޖަމާއަތުން ބުނާ ގޮތުން މިއީ ފަލަސްތީނުގެ ސިއްހީ ނިޒާމު ނައްތައިލުމަށް އިސްރާއީލުން ކުރާ މަސައްކަތެކެވެ.

އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހު ހަމާސްއިން އިސްރާއީލަށް ދިން ހަމަލާއަކާ ގުޅިގެން އެކަމުގެ ރައްދުގައި ކަމަށް ބުނެ އިސްރާއީލުން އަންނަނީ ޣައްޒާގެ އާންމުންނަށް އަމާޒުކޮށް ހަމަލާތައް ދެމުންނެވެ. އެގޮތުން މިހާތަނަށް ދިން ހަމަލާތަކުގައި މިހާތަނަށް ގާތްގަޑަކަށް 13،000 މީހުން ވަނީ ޝަހީދުކޮށްލާފައެވެ. އަދި 30،000 އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމުކޮށްލައިފައެވެ.

comment ކޮމެންޓް