ޝްރޫތީ ކައިވެނި ކުރުމުގެ ވިސްނުމެއް ނެތް، ފޯކަސް ކެރިއަރަށް

ފިލްމީ ބަތަލާ ޝްރުތީ ހާސަން

ބޮލީވުޑްގެ އިތުރުން ތެލުގޫ އަދި ތަމަޅަ ފިލްމުތަކުން ފެންނަ ބަތަލާ ޝްރޫތީ ހާސަންގެ ކައިވެނީގެ ވާހަކަ ދޭތެރެ ދޭތެރެއިން މީޑިއާއިން ފެންމަތިކުރުމުން ބަތަލާގެ ހުރިހާ ސަމާލުކަމެއް ވެސް މި ވަގުތު ހުރީ ކެރިއަރު ހަމަ މަގަށް އަޅުވާ ބައްޓަން ކުރުމަށް ކަމަށް ބުނެފިއެވެ.

ދުވަސްވީ ލޯބިވެރިޔާ ސަންތާނޫއާ އެކު ޒަވާޖީ ޙަޔާތެއް ފެށުމާ ގުޅޭގޮތުން ސުވާލުކުރުމުން ބަތަލާ ބުނެފައި ވަނީ ކައިވެނީގެ ލަފުޒަކީ އޭނާ ވަރަށް ބިރުގަންނަ ލަފުޒެއް ކަމަށެވެ.

ސައުތު ސިނަމާގެ އެންމެ މަގުބޫލު އެކްޓަރު ކަމަލް ހާސަން އާއި ކުރީގެ ބަތަލާ ސަރިކާ ތާކުރުގެ ދޮށީ ދަރިފުޅަކީ، އަބަދު ވެސް އޭނާގެ އަމިއްލަ ދިރިއުޅުމުގެ ޒާތީ ވާހަކަތައް މީޑިއާއާ އެކު ހިއްސާކުރަން ބޭނުންނުވާ ބަތަލާ އެކެވެ.

ޝްރޫތީ ބުނެފައިވަނީ ކައިވެނީގެ އެއްވެސް ޕްލޭނެއް އޭނާގެ ނެތް އިރު އެކަމާ ވިސްނުމަށްވުރެ ބޮޑަށް ކުރަންޖެހިފައި ހުރި ކަންތައްތައް މާ ގިނަ ކަމުގައެވެ. ޝްރޫތީއާއި ކޮއްކޮ އަކްޝަރާ ހާސަންގެ ޢުމުރުން ވަރަށް ކުޑައިރު ދެ މީހުންގެ ވެސް މައިންބަފައިންގެ ވަކިވުން ވެފައިވަނީ ހަނދާންނައްތައިލަން ދަތި ހަނދާންތަކެއް ކަމަށާއި ޝްރޫތީ ކައިވެންޏެއް ކުރުމުގެ ވިސްނުން އެހާ ބޮޑަށް ނުގެންގުޅުމުގެ ސަބަބަކީ އެއީ ކަމަށް ވެސް ބައެއް ރިޕޯޓުތަކުން ވަނީ ލަފާކޮށްފައެވެ.

ޝްރުތީ ބައްޕަ ކަމަލް ހާސަން އަދި ކޮއްކޮ އަކްޝަރާ

ޝްރޫތީއާއި ލޯބިވެރިޔާ ސަންތަނޫއާ ދެ މީހުންގެ ވެސް ސަމާލުކަން މި ވަގުތު ހުރީ އަމިއްލަ ކެރިއަރު ހެޔޮ ގޮތުގައި ބައްޓަން ކުރުމަށް ކަމަށާއި އިތުރު އެހެން ކަމަކާ ވިސްނަން ބޭނުން ނުވާ ކަމަށް ވެސް ޝްރޫތީ ވަނީ ބުނެފައެވެ.

ޝްރޫތީގެ ލޯބިވެރިޔާ ސަންތަނޫ އަކީ ވިޝުއަލް އާޓިސްޓެއްގެ އިތުރުން ޑިޒަިން އެޖެންސީއެއް ހިންގާ ފަރާތެކެވެ.

ބަތަލާ ޝްރޫތީ ހާސަން ފިލްމު "ސަލާރު"ގެ މަންޒަރެއްގައި

ފިލްމު "ލަކް"އިން 2009ވަނަ އަހަރު ބޮލީވުޑަށް ތަޢާރަފްވި ބަތަލާގެ މަގުބޫލު ބޮލީވުޑް ފިލްމުތަކުގެ ތެރޭ "ދިލް ތޮ ބައްޗާހޭ"، "ތޭވަރު" އަދި "ވެލްކަމް ބެކް" ހިމެނެއެވެ.

ޝްރޫތީ ދެން އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ ޕޯސްޓު ޕްރޮޑަކްޝަން މަރުޙަލާގައި އޮތް ފިލްމު "ސަލާރު" އިންނެވެ. ބެލުންތެރިންގެ ގިނަ ބަޔަކު އިންތިޒާރު ކުރާ މި ފިލްމަކީ، އެކްޓަރު ޕްރަބާސް ލީޑް ރޯލުން ފެންނާނެ ވަރަށް ވަރުގަދަ އެކްޝަން ތުރިލާ އެކެވެ.

comment ކޮމެންޓް