ނިމިދިޔަ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހްގެ ސަރުކާރުން ދޫކުރި ބިމާއި ފްލެޓްތަކާ ގުޅޭގޮތުން ޝަކުވާއެއް ވާނަމަ އެ ލިސްޓް ރިވިއު ކުރައްވާނެ ކަމަށް، މި ސަރުކާރުގެ ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު މިއަދު ވިދާޅުވެއްޖެއެވެ.
ދަރުބާރުގޭގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ހައިދަރު ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރާ ހަމައަށް ދޫކޮށްފައިވާ ބިންތަކާއި ފްލެޓްތައް އެގޮތަށް ކުރިއަށް ގެންދަވަން ރައީސް ޑރ. މުޙައްމަދު މުއިއްޒު ނިންމަވާފައިވާ ކަަމަށެވެ.
އަދި ފުރަތަމަ ބުރާއި ދެވަނަ ބުރާ ދޭތެރޭ ދޫކޮށްފައިވާ ފްލެޓާއި ބިންތަކާ ގުޅޭގޮތުން ޝަކުވާއެއްވާނަމަ އެކަން ރިވިއު ކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ރިޔާސީ އިންތިޚާބު ރައީސް މުއިއްޒު ކާމިޔާބު ކުރެއްވިފަހުން ކުރީގެ ސަރުކާރުން ދޫކޮށްފައިވާ ފްލެޓާއި ބިންތައް ގަބޫލު ނުކުރައްވާ ކަމަށެވެ. އެކަން އޭރުގެ ސަރުކާރުން ކޮށްފައިވަނީ އެކަން ނުކުރަން އިންތިޚާބީ ރައީސްގެ ހައިސިއްޔަތުން ރައީސް މުއިއްޒު އެދިވަޑައިގެންފައި ވަނިކޮށް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
"އެހެންވީމާ އެ ހިސާބުން ދޫކޮށްފައިހުރި އެއްވެސް ބިމެއް ނުވަތަ ފްލެޓެއް ގެދޮރުވެރިކަމަށާއި ބޯހިޔާވަހިކަމަށް ދޫކޮށްފައި ހުރި އެއްވެސް ތަނަކަށް މި ސަރުކާރަކުންނެއް ބޭނުމެއް ނޫން އިހްތިރާމްކުރާކަށެއް،" އިންތިޚާބުގެ ދެވަނަ ބުރަށްފަހު ދޫކުރި ފްލެޓްތަކާއި ބިންތަކާ ގުޅޭގޮތުން މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މި ސަރުކާރުން ގުޅީފަޅާއި ގިރާވަރު ފަޅުގެ އިތުރުން މާލެއާއި ހުޅުމާލޭގައި ވެސް ބޮޑެތި މަޝްރޫއުތައް ރާވައިފައިވާކަމަށެވެ.
ނަމަވެސް ނިމިދިޔަ ސަރުކާރުން އެ ތަންތަނުން ބިން ދޫކުރަން ނިންމައިފައިހުރީ އެއްވެސް ޕްލޭނެއް ނެތިކަމަށެވެ.
އެއީ މި ސަރުކާރުން ބަލައިގަންނަ ކަމެއް ނޫންކަމަށާއި އެ ފަދަ ޕްލޭނެއް ނެތް ތަނެއްގައި މީހުން ދިރިއުޅެން ފެށުމަކީ މި ސަރުކާރަށް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"ހަމަ ގޮޅި ޖަހައިލައިފައި ހުރީ. އެއްވެސް އެހެންކަހަލަ ޚިދުމަތެއް ދޭނެ ބިމެއް ހުސް ޖާގައެއް، އެކަހަލަ އެއްވެސް ކަމެއް ނެތް. އެގޮތަށް ގޮޅި ޖަހައިލައިގެން ބިން ދޫކުރުމަކީ އަޅުގަނޑަށް ހީވާ ގޮތުން އެތާ ދިރިއުޅޭ ބަޔަކަށް ވެސް ވަރަށް ދަތިވާނެ ކަމެއް،" މިނިސްޓަރު ފާހަގަކުރެއްވިއެވެ.