ދިވެހި ޕްރިމިއާ ލީގުގައި ބާކީ ހުރި މެޗުތައް ނުކުޅުމަށް ކްލަބު ގްރީން ސްޓްރީޓްސް އިން ނިންމައިފިއެވެ.
ގްރީންއަކީ ލީގުގައި ބާކީ ހުރި މެޗުތައް ނުކުޅުމަށް ނިންމި ދެވަނަ ކްލަބެވެ. މީގެ ކުރިން މިދިޔަ ހަފުތާގެ ތެރޭގައި ކްލަބު ވެލެންސިއާ އިން ވެސް ވަނީ ލީގުގެ މެޗެއް ދެން ނުކުޅުމަށް ނިންމައިފައެވެ.
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒް (ޖަވާ) މިއަދު މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ މާލީ ހާލަތު ގޯސްވުމާ ގުޅިގެން ގްރީން ސްޓްރީޓްސް އިން ލީގުގައި ކުރިއަށްހުރި މެޗުތައް ނުކުޅުމަށް ނިންމާފައިވާ ކަމަށެވެ.
ވެލެންސިއާ އިން ވެސް ލީގުގައި ބާކީ ހުރި މެޗުތައް ނުކުޅުމަށް ނިންމާފައިވަނީ އެ ކްލަބުގެ މާލީ ހާލަތު ގޯސްވެގެން ކަމަށް ބުނެއެވެ. އެގޮތުން އެ ކްލަބުން ވަނީ ސަރުކާރުން ދޭން ޖެހޭ ފައިސާ ދީފައިނުވާތީ ޔޫތު މިނިސްޓްރީއާ މެދު ހިތްހަމަނުޖެހުންތަކެއް ފާޅުކޮށްފައެވެ. އެ ފައިސާގެ ތެރޭގައި ފުރަތަމަ ޑިވިޝަންގެ އަށް ކްލަބަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވަން ނިންމެވި އެއް މިލިއަން ރުފިޔާ ހިމެނޭ ކަމަށް ވެލެންސިއާއިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
"މި ފައިސާ ދިނުމަށް އުޒުރުވެރިވެ މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް ކޮމިއުނިޓީ އެމްޕަވަމަންޓުން މި ކްލަބަށް 3 އޮކްޓޯބަރު 2023ގައި ފޮނުވި ސިޓީގައި ވަނީ ބައެއް ކްލަބުތަކަށް މި ފައިސާ ޖަމާކޮށްދީފައިވާ ކަމަށާއި ނަމަވެސް އެ މިނިސްޓްރީގެ ބަޖެޓުގެ ތާށިކަން ހުރުމުން ވެލެންސިއާއަށް ޖަމާކޮށްދީފައިވާނީ 250،000 ރުފިޔާ ކަމުގައެވެ. މި ފައިސާ ހޯދުމަށް އިތުރަށް މި ކްލަބަށް ކުރި އެއްވެސް މަސައްކަތެއްގައި އެ މިނިސްޓްރީގެ ފަރާތުން އެއްބާރުލުން ލިބިފައި ނުވެއެވެ..،" ވެލެންސިއާ އިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
ވެލެންސިއާ އިން ބުނެފައިވަނީ ފުޓުބޯޅަ ސީޒަން ފެށުމުގެ ކުރިން ތައްޔާރުވާން އެހީއެއްގެ ގޮތުން ދެމުންދާ ފައިސާ ވެސް މިނިސްޓްރީން ދީފައިނުވާ ކަމަށާއި އޭގެ އިތުރުން މިދިޔަ އަހަރުގެ ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކުރުމުން ފައިސާގެ އިނާމުގެ ގޮތުގައި ދޭން ޖެހޭ ފަސް ލައްކަ ރުފިޔާ ވެސް ލިބިފައި ނުވާ ކަމަށެވެ. އަދި, ކްލަބުތަކަށް ފައިސާ ދިނުމުގައި މިނިސްޓްރީން ތަފާތުކުރުން ގެންގުޅޭ ކަމަށް ވެސް ބުނެފައިވެއެވެ.