ޔަހޫދީ ސިފައިންގެ ގިނަ އަދަދެއްގެ ބަޔަކު މަރާލައިފި

ހަމާސްގެ ހަމަލާތަކެއްގައި މަރާލާފައިވާ ޔަހޫދީ ސިފައިންގެ ބައެއް

ޣައްޒާ (20 ނޮވެންބަރު 2023): ޣައްޒާއަށް އެއްގަމު މަގުން އަރައިގެނެގެން އުޅޭ ޔަހޫދީ ސިފައިންގެ ގިނަ އަދަދެއްގެ ބަޔަކު މަރާލައި އެ މީހުން ބޭނުންކުރަމުން ގެންދިޔަ އަސްކަރީ 29 ވެހިކަލް ހަލާކުކޮށްލެވިއްޖެ ކަމަށް ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ހަމާސް ޖަމާއަތުން ބުނެފިއެވެ.

ހަމާސްގެ އަސްކަރީ ގޮފިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިއްޔެ ހަވީރު ޣައްޒާގެ ދެކުނުގައި ހަރަކާތްތެރިވަމުންދިޔަ ޔަހޫދީ ސިފައިންނަށް ހަމަލާދިނީ ދުރާލައި މައުލޫމާތު ލިބިގެން ވަރަށް ރެޑީވެގެން ޒީރޯ ޑިސްޓެންސުން (ވަރަށް ގާތުން) ކަމަށާއި އެ ހަމަލާތަކުގައި އިސްރާއީލުގެ ޓޭންކާއި އާމެޑް ވެހިކަލް ހިމެނޭގޮތަށް 29 ވެހިކަލް އެއްކޮށް އަންދާލެވުނު ކަމުގައެވެ.

މި ހަމަލާތަކުގެ ވިޑިޔޯ ވެސް ހަމާސްގެ އަސްކަރީ ގޮފި އިއްޒުއްދީން އަލްގައްސާމް ބްރިގޭޑުން ވަނީ އާންމުކޮށްފައެވެ. ހަމާސްގެ އަސްކަރީ ބަޔާން ބުނާގޮތުން ވެހިކަލްތައް ގޮއްވާލުމާ ގުޅިގެން ގިނަ އަދަދެއްގެ ޔަހޫދީ ގިނަ އަދަދެއްގެ ސިފައިން މަރައިލެވުނެވެ. ބައެއް ސިފައިން މަރުނުވި ނަމަވެސް އެ މީހުން ފުރާނައަށް ނުރައްކާވާވަރަށް ޒަޚަމްވެފައިވާނެ ކަމަށް ބެލެވޭކަމަށް ބުނެފައިވެއެވެ.

އިސްރާއީލުގެ ދިފާއީ ވުޒާރާއިންވަނީ ޣައްޒާގައި އިއްޔެ ހަވީރު ޔަހޫދީ ސިފައިންގެ (އޮފްސަރުން ވެސް ހިމެނޭގޮތަށް) ހަތް މީހަކު މަރުވިކަމަށް އެއްބަސްވެފައެވެ. އިތުރު ތަފުސީލެއް ނުވެއެވެ.

ހަމާސްގެ މުޖާހިދަކު ޔަހޫދީ ސިފައިންގެ މީހަކު އަތުލައި ގަންނަނީ ---

ނަމަވެސް އިސްރާއީލުގެ އަސްކަރީ ގަބުރުސްތާނެއްކަމަށްވާ "މައުންޓް ހެޒްލް މިލިޓްރީ ސިމެޓްރީ"ގެ ވެރިޔާ ޑޭވިޑް އަރޫން ބުނި ގޮތުގައި ފާއިތުވި ދެދުވަހު ދުވާލެއްގެ މައްޗަށް 50 ވަރަކަށް ޔަހޫދީ ސިފައިންގެ ހަށިތައް ވަޅުލުމަށްޓަކައި އެ ގަބުރުސްތާނަށް ގެނަސްފައިވާ ކަމުގައެވެ. ގާތްގަނޑަކަށް ގަޑިއަކުން ގަޑިއަކުން އިސްރާއީލު ސިފައިންގެ މީހެއްގެ ހަށިގަނޑެއް ވަޅުލުމަށްޓަކައި ގެނަސްފައިވާކަން އޭނާ ފާހަގަ ކުރިއެވެ.

އުރުދުންގެ އަސްކަރީ މުހައްލިލެއް ކަމަށްވާ ރިޓަޔަޑް ޖެނެރަލް ފާއިޒު އައްދުވައިރީ އަލްޖަޒީރާގައި ވާހަކަ ދައްކަވަމުން ވިދާޅުވި ގޮތުގައި ޣައްޒާގައި ކުރަމުންގެންދާ ހަނގުރާމައިގާ އިސްރާއީލު ސިފައިންގެ ގިނައަދަދެއްގެ ބަޔަކު ދަނީ މަރުވަމުންނެވެ.

އިސްރާއީލުން މަރުވިކަމަށް އެއްބަސްވާ އަދަދުގެ ދެގުނަ ނޫނީ ތިން ގުނައަށް ޔަހޫދީ ސިފައިން ޣައްޒާގެ ހަނގުރާމައިގާ މަރުވާނެކަމަށް ހަމާސްގެ ހަމަލާތަކުގެ ވިޑިޔޯތައް ބައްލަވައި ތަހުލީލު ކުރެއްވުމަށް ފަހު ރިޓަޔަޑް ޖެނެރަލް ފާއިޒު އައްދުވައިރީ ވަނީ ވިދާޅުވެފައެވެ.

އިސްރާއީލު ސަރުކާރު ބުނާގޮތުން އެއްގަމު ހަނގުރާމަ ފެށި ފަހުން މިވީ 20 ދުވަހުގެ ތެރޭގައި ޣައްޒާގައި މަރުވެފައިވަނީ ޔަހޫދީ ސިފައިންގެ 65 މީހުންނެވެ. އެއީ، އޮފްސަރުންނާއި އާދައިގެ ސިފައިން ހިމެނިގެންނެވެ. ހަމާސް ބުނާގޮތުން މީގެ ތިން ގުނަ ސިފައިން އެ މީހުންގެ ހަމަލާތަކުގައިވާނީ މަރައިލާފައެވެ.

އިސްރާއީލުގެ އަސްކަރީ ގަބުރުސްތާނުގެ ވެރިޔާ ވެސް ވަނީ ފާއިތުވި ދެ ދުވަހު އެކަނި ވެސް ޔަހޫދީ ސިފައިންގެ 100 ވަރަކަށް މީހުންގެ ހަށިތައް ވަޅުލުމަށްޓަކައި އެގަބުރުސްތާނަށް ގެނައިކަމަށް އެއްބަސްވެފައެވެ.

ރިޓަޔަޑް ޖެނެރަލް ފާއިޒު އައްދުވައިރީ ވިދާޅުވި ގޮތުގައި ހަމާސްގެ ހަމަލާތައް ވަރަށް ކާމިޔާބެވެ. ކާމިޔާބުވަނީ އިސްރާއީލު ސިފައިންގެ ހަރަކާތްތައް އިމާރަތްތަކުގެ ތެރެއިން ވަރަށް ރަނގަނޅަށް ބަލައި ޖާސޫސީ މައުލޫމާތު އެއްކުރުމަށް ފަހު އިމާރާތްތަކުގެ ތެރޭގައި ތިބެގެން އެ މީހުންނާ ވަރަށް ގާތުން ހަމަލާ ދިނުމުގެ ފުރުސަތު ހަމާސްގެ މުޖާހިދުން ހޯދާތީއެވެ.

ހަމާސްގެ ހަމަލާތައް ވަރަށް ކާމިޔާބު ކަމަށާއި ހަމާސްގެ މުޖާހިދުންގެ ވިސްނުންތެރިކަމާއި ކެތްތެރިކަމާއި ރޭވުންތެރިކަން ވެސް މޮޅުކަމާއި އެ މީހުންގެ ސްޕިރިޓް ވެސް ވަރަށް މަތިކަމަށް ރިޓަޔަޑް ޖެނެރަލް ފާއިޒު އައްދުވައިރީ ވިދާޅުވިއެވެ.

އިސްރާއީލުގެ މިޑީއާ ބައެއް ރިޕޯޓްތައް ބުނާގޮތުން ހަމާސްގެ ހަމަލާތަކުގައި އިސްރާއީލު ސިފައިން ގިނަ އަދަދަކަށް މަރުވާތީ ޣައްޒާއަށް އެއްގަމުން ވަންނަ އިސްރާއީލު ސިފައިންގެ އަދަދު މަދުކުރުމާމެދު މިހާރު އިސްރާއިލުގެ ވޯކެބިނެޓުން ގެންދަނީ މަޝްވަރާ ކުރަމުންނެވެ. އިސްރާއީލުން ޣައްޒާގެ އާންމުންނަށް ދޭ ހަމަލާތަކުގައި އިއްޔެ ވެސް 200 ވަރަކަށް އާންމުން ވަނީ ޝަހީދުކޮށްލާފައެވެ.

comment ކޮމެންޓް