ފަލަސްތީނުގެ ކުޑަކުދިން ރައްކާތެރިކުރަން އަރަބި ލީގުން އިލްތިމާސްކޮށްފި

އަރަބި ލީގުގެ ހާރިޖީ ވަޒިރުން މިދިޔަ އަހަރު ބޭއްވި ބައްދަލުވުމެއް --- ފޮޓޯ/ އަލް އަހްރަމް އޮންލައިން

މިއަދު ފާހަގަކުރާ ދުނިޔޭގެ ކުޑަކުދިންގެ ދުވަސް ފާހަގަކުރަމުންދާއިރު، ޣައްޒާގައި ކުޑަކުދިންގެ ހަލާތާ މެދު ކަންބޮޑުވުން ފާޅުކޮށް، އެ ކުދިން ރައްކާތެރިކުރަން އަރަބި ލީގުން އިލްތިމާސްކޮށްފިއެވެ.

އަހްރަމް އޮންލައިން ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ނަސްލު ނައްތައިލުމުގެ ލާއިންސާނީ ޖަރީމާތަކުން ފަލަސްތީނުގެ ކުޑަކުދިން ރައްކާތެރިކުރުމަށް ކޮންމެހެން އަޅަންޖެހޭ ފިޔަވަޅުތައް އަޅައިދިނުމަށް ބައިނަލްއަޤުވާމީ މުޖުތަމައުއަށް އަރަބި ލީގުން ވަނީ ގޮވައިލާފައެވެ.

އަދި، ކުޑަކުދިން ހިމާޔަތްކުރާ ގަރާރުތައް ތަންފީޒުކުރާއިރު، 1974 ވަނަ އަހަރު އާންމުކޮށްފައިވާ ޑިކްލަރޭޝަން އޮން ދަ ޕްރޮޓެކްޝަން އިފް ވިމެން އެންޑް ޗިލްޑްރެންއިން އިމާޖެންސީ އެންޑް އާމްޑް ކޮންފްލިކްޓް އާއި 1959 އަހަރު އާންމުކޮށްފައިވާ ޑިކްލަރޭޝަން އޮން ދަ ރައިޓްސް އޮފް ދަ ޗައިލްޑް އަދި، 1989 ވަނަ އަހަރު އާންމުކޮށްފައިވާ އިންޓަނޭޝަނަލް ކޮންވެންޝަންސް އޮން ރައިޓްސް އޮފް ދަ ޗައިލްޑް މުއާހަދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ގަރާރުތައް އެކަށައަޅައި ތަންފީޒުކޮށްދިނުމަށް ވެސް އަރަބި ލީގުން ވަނީ ގޮވައިލައިފައެވެ.

އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ލާއިންސާނީ އަނިޔާވެރި އަމަލުތައް، ލީގުން ވަނީ ކުށްވެރި ކޮށްފައެވެ.

ފަލަސްތީނުގެ ކޮންމެ ކުއްޖަކަށް ވެސް ބިރުވެރިކަމާއި، ގެދޮރު ދޫކޮށްލުމާއި، ހުރިހާ ބާވަތެއްގެ އަނިޔާވެރިކަމުން އެއްކިބާވެ، އަމިއްލަ ބިމުގައި މިނިވަން، ކަރާމާތްތެރި، ރައްކާތެރި އަދި ސުލްހަވެރި ދިރިއުޅުމެއް އުޅުމުގެ ހައްގު ލިބިގެންވާ ކަމަށް ވެސް އެ ލީގުން ތަކުރާރުކޮށް ވަނީ ބުނެފައެވެ.

އަރަބި ލީގުން ތައްޔާރުކޮށްފައިވާ، ފަލަސްތީނުގެ ކުޑަކުދިންނަށް ކުރިމަތިވެފައިވާ ބުރަ އަދި ދަތި ގޮންޖެހުންތައް ދައްކައިދޭ ވީޑިއޯއެއް ކުޑަކުދިންގެ ދުވަހު ދައްކާނެ ކަމަށް ވެސް އެ ލީގުން ބުނެއެވެ.

comment ކޮމެންޓް