މިސްރަށް ގެންދަން ޝިފާ ހޮސްޕިޓަލްގައި ތިބި 32 ކުއްޖަކު ނެރެފި

އަލް ޝިފާ ހޮސްޕިޓަލްގައި ދުވަސް ނުފުރާ ވިހާފައިތިބި ތުއްތު ކުދިންތަކެއް. ފޮޓޯ/އަލް އަހްރަމް އޮންލައިން

އިތުރު ފަރުވާއަށް މިސްރަށް ގެންދިއުމަށް ޣައްޒާގެ އަލް ޝިފާ ހޮސްޕިޓަލްގައި ދުވަސްނުފުރާ ވިހާފައި ތިބި 31 ކުއްޖަކު އެ ހޮސްޕިޓަލުން ނެރޭނެ ކަމަށް ޕަލަސްތީނުގެ އޮފިޝަލުން ބުނެފިއެވެ.

އަލް ޝިފާ ހޮސްޕިޓަލުން މިދިޔަ ހަފުތާ ކަރަންޓު ކެނޑިފައިވާއިރު، އެތަނުގައި އިންކިއުބޭޓަރަށް ލާފައިތިބި ކުދިންގެ ފުރާނަ ވަނީ މަރުގެ ތުންފަތްމަތީގައެވެ. ހޮސްޕިޓަލްގެ ޑޮކްޓަރުން ވަނީ އެ ކުދިންގެ ހަށިގަނޑު ހޫނުކޮށް ބެހެއްޓުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.

ހޮނިހިރު ދުވަހު ހޮސްޕިޓަލަށް ޒިޔާރަތްކުރި ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ޓީމަކުން ބުނީ 291 ބަލިމީހުން އަދިވެސް ހޮސްޕިޓަލުގައި އެބަތިބި ކަމަށާއި އޭގެ ތެރޭގައި އިންތިހާއަށް ސީރިއަސް 32 ތުއްތު ކުދިންނާއި ބޮޑެތި ޒަހަމްތައް ލިބިފައިތިބި މީހުންވެސް އެބަތިބި ކަމަށެވެ.

ފަލަސްތީނުގެ ސިއްހީ ވުޒާރާގެ ތަރުޖަމާނު މެދަތު އައްބާސް ވަނީ 30 ތުއްތު ކުއްޖަކު ހޮސްޕިޓަލުން ނެރެފައިވާކަން ކަށަވަރުކޮށްދީފައެވެ. އަދި އެ ކުދިން ބަދަލުކުރާނީ މިސްރުގެ ރަފަޙް ސިޓީގައި ހުންނަ ޔުނައިޓެޑް އަރަބް އެމިރޭޓްސްއިން ހިންގާ ހޮސްޕިޓަލަކަށް ކަމަށްވެސް އައްބާސް ބުނެފައިވެއެވެ.

ނަމަވެސް މިކަމާގުޅިގެން ޑަބްލިއުއެޗްއޯގެ ފަރާތުން އަދި އެއްޗެއް ބުނެފައިނުވާއިރު، ހޮސްޕިޓަލްގައި ތިބި ހުރިހާ ކުދިން ނެރެފައިވާކަން ކަށަވަރެއް ނޫނެވެ. ޑަބްލިއުއެޗްއޯއިން މީގެ ކުރިން ބުނެފައިވާ ގޮތުން 32 ތުއްތު ކުދިން ހޮސްޕިޓަލުގައި އެބަތިއްބެވެ.

ޝިފާ ހޮސްޕިޓަލް ތެރެއަށް އިސްރާއީލު ސިފައިން މިދިޔަ ހަފްތާ ވަނީ ވަދެފައެވެ. އިސްރާއީލުން މިހާރު ހަނގުރާކުރަމުންދާ ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތްކުރާ ހަމާސް ޖަމާއަތުގެ ކޮމާންޑު ސެންޓަރެއް ހޮސްޕިޓަލް ތެރޭގައި ހުންނަ ކަމަށްވެސް އިސްރާއީލުން ވަނީ ތުހުމަތު ކޮށްފައެވެ. ނަމަވެސް ހަމާސްއިން ވަނީ އެކަން ދޮގުކޮށްފައެވެ.

ޝިފާ ހޮސްޕިޓަލްގެ މުވައްޒަފުންނާއި އެ މީހުންގެ އާއިލާތައް ދަތުރުކުރި އުޅަނދަކަށްވެސް އިސްރާއީލުން ހަމަލާދީފައިވާއިރު، ގެދޮރު ގެއްލިފައިވާ އެތައް ބަލި މީހުންނާއި، ހޮސްޕިޓަލްގެ މުވައްޒަފުންގެ ބަޔަކުވެސް އެތަނުން ނުކުންނަން އިސްރާއީލު އަސްކަރިއްޔާއިން ވަނީ މަޖުބޫރުކޮށްފައެވެ. އިސްރާއީލުން ޝިފާ ހޮސްޕިޓަލަށް ވަތްއިރު، އެތައް ސަތޭކަ ބަލިމީހުންނާއި، ހަމަލާތަކުގައި ޒަހަމްވެފައިވާ މީހުންގެ އިތުރުން ގެދޮރު ގެއްލިފައިވާ އެތައް ހާސް ބަޔަކުވެސް އެ ހޮސްޕިޓަލްގައި ތިއްބެވެ.

ޔަހޫދީ އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ އަމަލުތަކުގައި މިހާތަނަށް ގާތްގަޑަކަށް 12000 ފަލަސްތީނު މުސްލިމުން ވަނީ ޝަހީދުކޮށްލާފައެވެ. އިސްރާއީލުގެ ހަމަލާތައް އެންމެ ފަހުން އަމާޒުކޮށްފައި ވަނީ ވަގުތީ ހިޔާގެ ގޮތުގައި ބޭނުންކުރަމުންއައި އދ ގެ ސްކޫލަކަށެވެ.

comment ކޮމެންޓް