އެންޓިބައޮޓިކަށް ނުގުޑުން އާންމުވެ 2050ގެ ނިޔަލަށް 10 މިލިއަން މީހުން މަރުވެދާނެ: ޑަބްލިއުއެޗްއޯ

އެންޓިބައޮޓިކް-- ފޮޓޯ/ އިންޓަނެޓް

އެންޓިބައޮޓިކް ނުވަތަ ޖަރާސީމު ބޭހަށް ނުގުޑުން އާންމުވެ، 2050ވަނަ އަހަރުގެ ނިޔަލަށް 10 މިލިއަން މީހުން މަރުވާނެ ކަމަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ލަފާކޮށްފިއެވެ.

ޑަބްލިއުއެޗްއޯ އާއި އަދިވެސް އެހެން ޖަމިއްޔާތަކުން ދިރާސާކޮށް ތައްޔާރުކޮށްފައިވާ ރިޕޯޓްތަކުން ބުނާގޮތުގައި މުސްތަގްބަލުގައި ދުނިޔެއަށް ކުރިމަތިވާނެ އެންމެ ނުރައްކާތެރި ސިއްހީ ހާލަތަކީ ޖަރާސީމު ބޭހަށް ނުގުޑުން ނުވަތަ އެންޓިމައިކްރޯބިއަލް ރެސިސްޓަންސް (އޭއެމްއާރު)އެވެ.

މިހާރު އަންދާޒާ ކޮށްފައިވާ ގޮތުން މުޅިދުނިޔޭގައި 2050 ވަނަ އަހަރުގެ ނިޔަލަށް މިކަމުގެ ސަބަބުން 10 މިލިއަން މީހުން މަރުވެ، އިގްތިސާދީ ގޮތުން 100 ޓްރިލިއަން ޑޮލަރުގެ ގެއްލުން ލިބުމުގެ ބިރު އެބައޮތެވެ.

ދުނިޔޭގެ ފެންވަރުގައި ހެދިފައިވާ ދިރާސާތަކުން ދައްކައި ގޮތުގައި ޖަރާސީމު ބޭހަށް ނުގުޑުން މިހާރު ވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުން އަންނަނީ ފާހަގަވަމުންނެވެ.

އަދި އެ ކަން ކޮންޓްރޯލު ނުކުރެވިއްޖެނަމަ މިހާރު ފަރުވާ ހޯދާފައިވާ އެތައް ބަލިތަކެއް، ފަރުވާ ނުލިބޭ ބަލިތަކަކަށްވެގެން ދިއުމުގެ ފުރުސަތު ބޮޑެވެ.

މިކަމާ ގުޅިގެން ހެލްތު މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، މި ކަން ކޮންޓްރޯލް ކުރުމަށް ރާއްޖޭގައި ގިނަގުނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

އެކަމަށް ގައުމީ ފެންވަރުގައި މަސައްކަތް ކުރުމަށް ކަނޑައަޅާފައިވާ އިދާރާ އަކީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއެވެ. އެ އިދާރާގެ ފަރާތުން މިހާރު ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރޭގައި:

  • ރާއްޖޭން ލިބެން ހުންނަ އެންޓިބައޮޓިކްސްއަކީ ރައްކާތެރި، ފެންވަރު ރަނގަޅު ބޭސްކަން ކަށަވަރުކުރުމަށް ޓަކައި ބޭސް ޓެސްޓުކުރުން ތަރައްގީކޮށް ކުރިއެރުވުން.
  • މިކަމުގެ ނުރައްކާތެރިކަން އާންމުންނަށް އޮޅުން ފިލުވާ ދިނުމަށް ޓަކައި ހޭލުންތެރިކުރުމުގެ ތަފާތު ޕްރޮގްރާމްތައް ހިންގުން.

އޭއެމްއާރް އަކީ ޖަރާސީމާއި ދެކޮޅަށް ދޭ ބޭސްތަކަށް، ޖަރާސީމު ހޭނުން ނުވަތަ ނުގުޑުމެވެ. މިގޮތަށް ޖަރާސީމު ހޭނުމަށް މެދުވެރިވަނީ ޖަރާސީމާ ދެކޮޅަށްދޭ ބޭސްތައް ނަހަމަ ގޮތުގައި ބޭނުންކުރުމެވެ.

މިކަމުގެ ސަބަބުން ފަރުވާ ހޯދިފައިވާ ބަލިތަކަށް ދެވޭ ބޭހުގެ އަސަރުނުކޮށް ބަލީގައި ގިނަދުވަސްވެ، ނުވަތަ ފުރާނައަށް ގެއްލުންވުމުގެ ސަބަބުން ބަލިތަކުން މަރުވާ މީހުންގެ އަދަދު އިތުރުވެއެވެ.

އޭގެ ސަބަބުން ސިއްހީ ދާއިރާގައި ކުރިއެރުން ލިބިފައިވާ ދާއިރާތައް ކަމަށްވާ ގުނަވަން ބަދަލުކުރުން ފަދަ އެކި ބާވަތްތަކުގެ އޮޕަރޭޝަން އަދި ކެންސަރުގެ ފަރުވާއަށް ވެސް ހީނަރުކަން އައުމުގެ ފުރުސަތު އޮވެއެވެ.

comment ކޮމެންޓް