އާ ކޯޗާ އެކު ގައުމުގައި ކުޅުނު ފުރަތަމަ މެޗުން ޖަރުމަނު ބަލިވެއްޖެ

ތުރުކީޔޭ ވަނީ މި އަންނަ އަހަރުގެ ޔޫރޯ މުބާރާތުން ޖާގަ ހޯދާފައި -- ފޮޓޯ/ ބީބީސީ

ބައިނަލްއަޤްވާމީ ރަހްމަތްތެރިކަމުގެ މެޗެއްގައި އަންނަ އަހަރުގެ ޔޫރޯ މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވާ ޖަރުމަނުވިލާތް ތުރުކިޔޭ އަތުން ބަލިވެއްޖެއެވެ.

މިއީ ޖަރުމަނުވިލާތުގެ އާ ކޯޗް ޖޫލިއަން ނާގަލްސްމަންގެ ކޯޗު ކަމުގެ ދަށުން އަމިއްލަ ފަސްގަނޑުގައި ކުޅުނު ފުރަތަމަ މެޗެވެ. ނާގެލްސްމަން ޖަރުމަނުވިލާތުގެ ކޯޗުކަމާއި ހަވާލުވެފައިވަނީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 22 ވަނަ ދުވަހުއެވެ.

ޖަރުމަނުވިލާތުގައި ކުޅުނު މި މެޗު ތުރުކީޔޭ ކާމިޔާބު ކޮށްފައިވަނީ ފަހަތުން އަރައި 3-2 އިންނެވެ. ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ޖަރުމަނު ޓީމެވެ. އަދި، މެޗުގެ ފެށުން ރަނގަޅުވީ ވެސް ޖަރުމަނު ޓީމުގެއެވެ.

މެޗުގެ ފަސްވަނަ މިނެޓްގައި ޖަރުމަނުވިލާތުން ވަނީ ލަނޑެއް ޖަހައި މެޗުގެ ލީޑު ނަގައިފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ކައި ހަވާޓްޒްއެވެ. ތުރުކީޔޭއިން މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައިވަނީ މެޗުގެ 38 ވަނަ މިނެޓްގައި ފަރްދީ ކަޑިއޮގްލޫއެވެ. އަދި، ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ތުރުކީޔޭއިން ވަނީ މެޗުގެ ލީޑު ނަގައިފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ކެނާން ޔިލްޑިޒްއެވެ.

މެޗުގައި ޖަރުމަނުވިލާތުން ނަތީޖާ ހަމަހަމަ ކުރީ މެޗުގެ 49 ވަނަ މިނެޓްގައި ނިކްލަސް ފުލްކްރުގް ކާމިޔާބު ކުރި ލަނޑުންނެވެ. މެޗުން ތުރުކީޔޭ މޮޅުވި ލަނޑު މެޗުގެ 71 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީ އަކުން ކާމިޔާބުކޮށްދިނީ ޔޫސުފް ސާރީއެވެ.

އަންނަ އަހަރުގެ ޔޫރޯ ޖަރުމަނުވިލާތުގައި ބޭއްވުމަށް ހަމަޖެހިފައިވާތީ އެ މުބާރާތުން އޮޓަމެޓިކް ޖާގައެއް ލިބިފައިވާ ޖަރުމަނުވިލާތުން އެ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން އަންނަނީ ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅެމުންނެވެ. ނަމަވެސް މި އަހަރު އެ ޓީމަށް މާއެދެވޭ ކުޅުމެއް ދެއްކެމުން ނުދިއުމުގެ ސަބަބުން އެ ޓީމުގެ ކުރީގެ ކޯޗް ހާންސީ ފްލިކްވަނީ ސެޕްޓެމްވަރު މަހު މަގާމުން ވަކިކޮށްފައެވެ.

ޖަރުމަނުވިލާތުން އަންނަ އަންގާރަ ދުވަހު ވެސް ރަހްމަތްތެރިކަމުގެ މެޗެއް ކުޅުމަށް ހަމަޖެހިފައިވެއެވެ. އެ މެޗުގައި ބައްދަލު ކުރާނީ އޮސްޓްރިއާއާއެވެ.

comment ކޮމެންޓް