ފިލްމު 'ތަނޫ ވެޑްސް މަނޫ'އިން ދެއްކި ޖާދޫ މިފަހަރު މި ދެ ތަރިންނަށް ދެއްކޭނެބާ!

އެކްޓަރު އާރް މާދަވަން އަދި ކަންގަނާ ރަނާވަތު

ފިލްމު "ތަނޫ ވެޑް މަނޫ" އަދި "ތަނޫ ވެޑް މަނޫ ރިޓާންސް"ގެ ދެ ތަރިން ކަމަށްވާ ކަންގަނާއާއި އާރް މާދަވަން އެކީގައި އިތުރު ފިލްމަކަށް ސޮއިކޮށްފިއެވެ.

މި ދެތަރިން އެކީގައި ފިލްމަކުން ނުފެންނަތާ އަށް އަހަރަށް ފަހު ސޮއިކޮށްފައި ވަނީ ސައިކޮލޮޖިކަލް ތުރިލާ އަކަށެވެ. ކުރިން ލޯބީގެ ހެއްވާ މަޖާ ފިލްމަކުން ދެ ތަރިން ފެނިފައިވާއިރު މި ފަހަރު މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާ ސައިކޮލޮޖިކަލް ތުރިލާގެ ޖާދޫގައި ބެލުންތެރިން ޖެހޭނެތޯ އެއީ ގިނަ ބަޔަކު އުފައްދާ ސުވާލެކެވެ.

ކަންގަނާ އާއި އާރް މާދަވަން އެކީގައި ފެންނާނެކަން އިއުލާނު ކުރުމާއެކު ބައެއް ސަޕޯޓަރުން އެކަމާ އުފާފާޅުކުރި ނަމަވެސް ފަހަކަށް އައިސް ރިލީޒްވި ކަންގަނާގެ ގިނަ ފިލްމުތަކަކީ ބެލުންތެރިންގެ މެދުގައި ތަރުހީބު ކުޑަ ފިލްމުތަކެކެވެ.

އާއްމުންގެ ސަމާލުކަން ހޯދުމުގެ ބޭނުމުގައި ކަންގަނާ ވަނީ އިންޑިއާގެ ޗެންނާއީގައި ނަގާފައިވާ ފިލްމުގެ މަންޒަރެއް ވެސް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ. މި ފިލްމަކީ، ވަރަށް އާދަޔާ ޚިލާފު އަދި އެހާމެ ހިތްގައިމު ސްކްރިޕްޓެއްގެ މައްޗަށް އުފައްދާފައިވާ ފިލްމެއްކަމަށާ އާއްމުންގެ އެއްބާރުލުން ބަތަލާއަށް ބޭނުންވާ ކަމަށް ކަންގަނާ ވަނީ ސޯޝަލް މީޑިއާގައި ބުނެފައެވެ.

ފިލްމު "އިމަޖެންސީ"ގެ ޕޯސްޓަރެއް
އިތުރު ފިލްމަކަށް ކަންގަނާ ސޮއިކުރިކަން އިއުލާނުކޮށްފައިވާއިރު ކަންގަނާގެ ފިލްމު "އިމަޖެންސީ" މި މަހުގެ 24ވަނަ ދުވަހު ރިލީޒް ކުރާނެކަން ބަތަލާ ވަނީ އިއުލާނު ކޮށްފައެވެ.

ދާދިފަހުން ރިލީޒްވި ކަންގަނާގެ ފިލްމު "ތެޖަސް"، "ތަލައިވީ" އަދި "ދާކަދު" ފިލްމުތަކަށް ލިބުނު ތަރުހީބު ކުޑަވެފައިވުމުން މި ފިލްމު ބަތަލާއަށް ކާމިޔާބު ވުން ވަރަށް މުހިއްމެވެ. ފިލްމު "އެމަޖެންސީ"ގައި ކަންގަނާ ފެންނާނީ އިންޑިއާގެ ކުރީގެ ބޮޑުވަޒީރު އިންދިރާ ގާނދީގެ ރޯލްއިންނެވެ.

comment ކޮމެންޓް