އާ ސަރުކާރުގެ ވަޒީރުންގެ މަޖިލީސް ރޭ ހުވާ ކުރެއްވީއިރު، އަންހެން ވަޒީރުން ފަހަތު ސަފަށްލީ ކަމަށް ބުނެ އިދިކޮޅު އެމްޑީޕީން ނުރުހުން ފާޅުކޮށްފިއެވެ.
ޖުމުލަ 22 ވަޒީރުން ހިމެނޭ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވަޒީރުންގެ މަޖިލީސް ހުވާ ކުރައްވަން ތިއްބެވީ ދެ ސަފަކަށް އަތުރައިގެންނެވެ. ބައެއް ވަޒީރުން ކުރީ ސަފުގައި ތިއްބެވިއިރު، އަނެއްބައި ސަފީރުން ތިއްބެވީ ފަހަތު ސަފުގައެވެ.
އެމްޑީޕީގެ އަންހެނުންގެ ރޫހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، މި ސަރުކާރުގެ ވަޒީރުންގެ މަޖިލީހުގައި ތިއްބެވި ތިން އަންހެން ވަޒީރުން ވެސް ފަހަތު ސަފަށް ލާފައި ތިބުމުން ދޭހަވީ އަންހެނުންނަށް އިސްކަން ނުދިނުން ކަމަށެވެ.
"ސީނިއޯރިޓީއަށް ބެލިކަމުގައި ވިޔަސް އެ ތަނުން އެއް އަންހެން ވަޒީރަކީ ދެވަނަ ދައުރަކަށް ވަޒީރުކަމާ ހަވާލުވެވަޑައިންނެވި، ކުރީބަރީގައި ތިއްބެވި ގިނަ ބޭފުޅުންނަށްވުރެން ސީނިއަރު ބޭފުޅެއްކަން ވެސް ފާހަގަކުރަމެވެ،" ބަޔާނުގައި ވެއެވެ.
އަދި، އަންހެން ވަޒީރުން ފަހަތު ސަފަށްލުމަކީ ގޯސް މާނައެއް ދޭހަވާ ކަމެއް ކަމަށް ވެސް އެމްޑީޕީން ވަނީ ބުނެފައެވެ.
"އެއީ އަންހެނުންނަކީ އަބަދު ވެސް ފަހަތުގައި ތިބެންޖެހޭ ބައެއް ކަމަށް ނުސީދާގޮތެއްގައި ދައްކުވައި ދިނުމެވެ. އަދި މި އަމަލާ، ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއްޔެ ޖުމްހޫރީ މައިދާނުގައި ދެއްކެވި ވާހަކަފުޅާ އެއްގޮތަކަށް ވެސް ދިމާނުވާކަން ފާހަގަ ކުރަމެވެ." އެ ބަޔާނުގައި ވެއެވެ.
އެމްޑީޕީން ވަނީ އާ ސަރުކާރުގެ މަތީ މަގާމުތަކުގައި އަންހެނުންގެ އަދަދު މަދު ކަމަށް ބުނެ ވެސް ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި، އެ ކަމުން ދޭހަވަނީ ރައީސް މުއިއްޒު ދެއްކެވި ވާހަކަފުޅާއި އަމަލުފުޅުތައް ދިމާނުވާކަން ކަމަށް ބުނެ، އެ ޕާޓީން ވަނީ އާ ސަރުކާރަށް ފާޑު ކިޔައިފައެވެ.
ނިމުނު އެމްޑީޕީ ސަރުކާރުން ވަނީ ވަޒީރުންގެ މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ހާއްސަކޮށްފައެވެ. އެއީ، 18 ވަޒީރުންގެ ތެރެއިން ހަ ވަޒީރުންނެވެ. އެކަމަކު، އާ ސަރުކާރުގައި ތިއްބަވާ 22 ވަޒީރުންގެ ތެރޭގައި ތިއްބެވީ އެންމެ ތިން އަންހެން ވަޒީރުންނެވެ.
"މީގެ އިތުރުން ރައީސް އޮފީހުގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނު ކުރެއްވިއިރު ވެސް ހިމަނުއްވާފައިވަނީ އެންމެ އަންހެން ބޭފުޅެއްކަން ހިތާމަޔާއެކު ފާހަގަ ކުރަމެވެ." އެމްޑީޕީން ބުންޏެވެ.